ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި މާލޭގައި، 25 ބުރިއަށް އިމާރާތް ކުރި ދަރުމަވަންތަ ހޮސްޕިޓަލުގެ މަޝްރޫއާ ގުޅިގެން އެ މަޝްރޫއު ހިންގި ކުންފުނީގެ އަތުން 100 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ޓެކްސް ހޯދަން، ޓެކްސް އިދާރާ މީރާއިން ހުށަހެޅި މައްސަލަ ހައިކޯޓުން ހުއްޓުވައިފިއެވެ.
މިއީ ދަރުމަވަންތަ ހޮސްޕިޓަލްގެ ޕްރޮޖެކްޓް ކުރިއަށްގެންދިޔަ ސިންގަޕޫރުގެ ކުންފުންޏެއް ކަމަށްވާ ޗަންގް ހުއާ ކޮންސްޓްރަކްޝަނުން 100 މިލިއަނަށްވުރެ ގިނަ ރުފިޔާ، ޓެކްސްގެ ގޮތުގައި ހޯދުމަށް މީރާއިން ދައުވާ ކުރާ މައްސަލައެވެ. މި މައްސަލަ މިހާރު ހައިކޯޓުގައި އޮތް އިރު، ކުރިން ސިވިލް ކޯޓުން ނިންމާފައިވަނީ އެ މަޝްރޫއުއާ ގުޅިގެން ޓެކްސް ދައްކަން ޖެހޭނީ ދިވެހި ސަރުކާރުން ކަމަށެވެ. އެއީ، 2023 ވަނަ އަހަރު އެ ކޯޓުން ނިންމި ނިންމުމެކެވެ.
މީރާއިން ދައުވާ ކުރި އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ ސިންގަޕޫރު ކުންފުނިން ނެގި އިޖުރާއީ އިއުތިރާޒު ބަލައި ނުގަނެ މައްސަލަ ކުރިއަށް ގެންދަން ސިވިލް ކޯޓުން ނިންމުމުން، އެ ކުންފުނިން އެ މައްސަލަ ދެން ހުށަހެޅީ ހައިކޯޓަށެވެ. ހައިކޯޓުން، ދަށު ކޯޓުގައި އޮތް މައްސަލަ ހުއްޓުވީ އެ ކުންފުނިން އިސްތިއުނާފު ކުރި މި ބަޔާ ގުޅިގެންނެވެ.
ހައި ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު އެ މައްސަލަ ހުއްޓުވީ، ހައި ކޯޓުން ގޮތެއް ނިންމުމުގެ ކުރިން ސިވިލް ކޯޓުން މައްސަލަ ކުރިއަށް ގެންގޮސްފި ނަމަ އިޔާދަ ނުކުރެވޭނެ ގެއްލުންތަކެއް ލިބުމުގެ ފުރުސަތު އޮތް ކަމަށް ބުނެ ނެރުނު އަމުރަކުންނެވެ.
25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލް އިމާރާތް އެޅުމަށް ހަވާލުކުރި ކުންފުނިން ޖީއެސްޓީގެ ގޮތުގައި ދައުލަތަށް ދެއްކީ 227،560ރ. އެވެ. ޓެކްސްގެ ގޮތުގައި ދައްކަން ޖެހޭ އިތުރު ފައިސާ ހޯދުމަށް މީރާއިން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ 2022ވަނަ އަހަރެވެ.