އެއް ޖިންސުން ގުޅުން ހިންގި މައްސަލައެއް ވެސް ދައުލަތުން އެދިގެން ބާތިލުކޮށްފި

ހައިކޯޓު: އެއް ޖިންސުން ގުޅުން ހިންގި މައްސަލައެއް ވެސް ދައުލަތުން އެދިގެން ވަނީ ބާތިލުކޮށްފައި -- ސަމް ފޮޓޯ/ ފަޔާޒު މޫސާ

އެއް ޖިންސުން ގުޅުން ހިންގިކަމަށް ތުހުމަތުކުރެވޭ މީހެއްގެ މައްސަލައެއް ވެސް ދައުލަތުން އެދިގެން އިސްތިއުނާފީ މަރުހަލާއިން ބާތިލުކޮށްފިއެވެ.

މިއީ، 2019 ވަނަ އަހަރުގެ ތެރޭގައި އެއް ޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތުކުރެވިގެން ދައުލަތުން ދައުވާ އުފުލި މައްސަލައެކެވެ. އެ މައްސަލަ، 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހު ކްރިމިނަލް ކޯޓުގައި ސާބިތުނުވާ ކަމަށް ކަނޑައެޅުމުން، އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފުކުރީ ދައުލަތުން ބޭނުންވެގެންނެވެ.

ދައުލަތުގެ މުހިއްމު އިދާރާއެއްގައި މަސައްކަތް ކުރަމުންދިޔަ މި ފިރިހެން މީހާގެ މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފުކުރީ، ދަށު ކޯޓުން ހުކުމްކުރިތާ މާ ގިނަ ދުވަސްތަކެއް ނުވަނީހެވެ. އެކަމަކު، މިދިޔަ 2023 ވަނަ އަހަރު ހައިކޯޓުގައި އިސްތިއުނާފުކުރި މި މައްސަލަ ދައުލަތުން އެދިގެން އެ ކޯޓުން މިއަދު ވަނީ ބާތިލުކޮށްފައެވެ.

މި މައްސަލަ ދޫކޮށްލަން ދައުލަތުން އެދުނީ، ކޭސް މުރާޖައާ ކުރިއިރު، ދައުވާ ލިބޭ މީހާގެ އިތުރު މައްސަލައެއް ނެތުމުންނާއި، އަދި އިސްތިއުނާފީ ޚާއްސަ ގާނޫނީ ސުވާލެއް ނެތް ކަމަށް ބުނެއެވެ.

https://sun.mv/212274

މި މައްސަލަ ބާތިލުކޮށްދިނުމަށް ދައުލަތުން ހައިކޯޓުގައި އެދުނީ މީގެ ތިން މަސް ދުވަސް ކުރިންނެވެ. ހައިކޯޓުގެ މައްސަލަ ބާތިލުކުރި ރިޕޯޓުގައިވާ ގޮތުން މައްސަލަ ބާތިލުކޮށްދޭން ދައުލަތުން ހައިކޯޓުގައި ލިޔުމުން އެދުނީ މި އަހަރުގެ ޖޫން މަހުގެ 29 ވަނަ ދުވަހެވެ.

ހައިކޯޓުން މި މައްސަލަ ބާތިލުކުރި ފަނޑިޔާރުންގެ ބެންޗުގައި ހިމެނެނީ އަބްދުﷲ ޖަމީލް މޫސާ، ފާތިމަތު ފަރުހީޒާ އަދި ދީބާނާޒް ފަހުމީއެވެ.

ދައުލަތުން އެދިގެން ގިނަ ދުވަސްވެފައިވާ ބައެއް މައްސަލަތައް އަންނަނީ ބާތިލުކުރަމުންނެވެ. އޭގެ ތެރޭގައި ޖިންސީ ގޯނާގެ މައްސަލަތަކެއް ވެސް ހިމެނެއެވެ.

comment ކޮމެންޓް