އަމިއްލަ އާއިލާގެ ކުޑަ އަންހެން ކުއްޖަކާ ބެހުނު މީހެއްގެ މައްޗަށް އިއްވާފައިވާ 15 އަހަރުގެ ޖަލު ހުކުމަކަށް ހައިކޯޓުން މިއަދު ތާއީދުކޮށްފިއެވެ.
މިއަދު ހައިކޯޓުން ތާއީދު ކުރި މައްސަލައަކީ، ފިރިހެނަކު އޭނާގެ ތިމާގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި 15 އަހަރުގެ ޖަލު ހުކުމެއް އިއްވި މައްސަލައެކެވެ. އެއީ، ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ކުރި ހުކުމެކެވެ.
ދެހާސް އެކާވީސް ވަނަ އަހަރު ހިނގި މި ހާދިސާއާ ގުޅިގެން ދަށު ކޯޓުގެ ހުކުމް ހައިކޯޓުން މިއަދު ދެމެހެއްޓީ އެ ކޯޓުގައި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާގުންނެވެ. ހައިކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ ބެންޗުގައި ހިމެނެނީ ފަނޑިޔާރު ހުސެއިން މަޒީދު، މުހައްމަދު ނިޔާޒް އަދި މުހައްމަދު ޝަނީޒް އަބްދުﷲ އެވެ.
މި މައްސަލަ ކުރިއަށް ގެންގޮސްފައިވަނީ ކުޑަކުއްޖާގެ މަސްލަހަތުގައި، އާއްމުކޮށް ހުޅުވައިނުލައެވެ. މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި، މި ހާދިސާގައި އެ ފިރިހެން މީހާ އަންހެން ކުއްޖާއަށް ޖިންސީ ގޯނާކުރީ އެ ކުއްޖާ ނިދާފައި އޮއްވައެވެ.
މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި މި ފިރިހެން މީހާވަނީ، އާއިލާގެ ނަން ބަދުނާމުވެދާނެ ކަމަށް ބުނެ މައްސަލަ ދޫކޮށްލުމަށް އެދި އެކި ގޮތްގޮތުން ޕްރެޝަރު ކުރަން މަސައްކަތް ކޮށްފައެވެ.
ކުޑަކުއްޖަކާ ބެހުނު މީހެއްގެ މައްޗަށް އިއްވާފައިވާ 15 އަހަރުގެ ޖަލު ހުކުމަކަށް ހައިކޯޓުން މިއަދު ތާއީދު ކުރިއިރު، ހައިކޯޓުގައި ދައުލަތުން އިސްތިއުނާފުކޮށްފައިވާ ކުޑަކުދިންނަން ޖިންސީ ގޯނާކުރުމުގެ މައްސަލަތަކެއް ދާދި ފަހުންވަނީ އަނބުރާ ގެންގޮސްފައެވެ. މި މައްސަލަތައް ދައުލަތުން އަނބުރާ ގެންދިޔުމުން ގިނަ ބައެއްގެ ފާޑު ކިޔުން ދައުލަތަށް އަމާޒުވެފައިވެއެވެ.