ޝަރުއީ ދާއިރާއަކީ އެއްވެސް ބާރެއް ނެތް ބާރެއް: ޖޭއެސްސީގެ ރައީސް

ޖޭއެސްސީގެ ރައީސް ރިޒާ: އޭނާ ވިދާޅުވީ ޝަރުއީ ދާއިރާއަކީ އެއްވެސް ބާރެއް ނެތް ބާރެއް ކަމަށް -- ސަން ފޮޓޯ/ މާނިއު މުހައްމަދު

ޝަރުއީ ދާއިރާއާ ގުޅުން ހުރި އެހެން އިދާރާތަކުގެ މުސާރައާއި އިނާޔަތްތައް ރަނގަޅު ކަމަށާއި އެ ގޮތަށް ބަލައިފިނަމަ ފެންނަނީ ޝަރުއީ ދާއިރާއަކީ އެއްވެސް ބާރެއް ނެތް ބާރެއްގެ ގޮތުގައި ހަރަކާތްތެރިވާ މަންޒަރު ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސް ރިޒާ އާދަމް މިއަދު ވިދާޅުވެއްޖެއެވެ.

މިއަދުގެ ޖުޑިޝަރީ ކޮމިޓީގައި ރިޒާ ވަނީ ކޯޓުތަކުގައި މައްސަލަތައް ލަހުން ހިނގަމުން އަންނަ ސަބަބުތަކާ ގުޅޭ ގޮތުން ވާހަކަދައްކަވާފައެވެ. ރިޒާ ވިދާޅުވީ، މައްސަލަތައް ގިނަ ފަހަރަށް ލަސްވަނީ ދިފާއީ ވަކީލުން އެދިގެން މައްސަލަތަކުގެ އަޑުއެހުންތައް ފަސްކުރަން ޖެހުމާއި، ދައުލަތުގެ ވަކީލުން އަޑުއެހުންތައް ފަސްކޮށްދޭން އެދުމުގެ ސަބަބުން ކަމަށެވެ.

އިތުރަށް ފާހަގަކުރި ސަބަބުތަކުގެ ތެރޭގައި:

  • ފުލުހުންނާއި ކަރެކްޝަންގެ ފަރާތުން ހާޒިރުކުރަންޖެހޭ މީހުން މައްސަލަތަކުގައި ހާޒިރުނުކުރެވުން
  • ބޭރު މީހުން ހިމެނޭ މައްސަލަތަކުގައި ތަރުޖަމާނުން ހަމަނުޖެހުން
  • މައްސަލަތަކުގައި ދައުވާކުރާ ފަރާތްތަކުގެ ލިޔެކިއުންތައް ފުރިހަމަނުވުން
  • މައްސަލައިގައި ހިމެނޭ ވަކީލު ބަދަލުވެ މައްސަލަ ދިރާސާކުރުމަށް އާ ވަކީލަށް ވަގުތު ދޭން ޖެހުން
  • ދައުވާލިބޭ ފަރާތްތަކުގެ ހެކިން ހާޒިރުނުވުން
  • ޚަސްމުން ގިނަ މައްސަލަތަކުގައި އެންމެ ވަކީލަކަށް ނާދެވިގެން ވެސް މައްސަލަތައް ދިގުލައިގެންދިއުން

ރިޒާ ވިދާޅުވީ، ކޯޓުތަކުގައި މިހާރު މައްސަލައެއް ކެންސަލްކޮށްފިނަމަ އެންމެ އަވަހަށް އަޑުއެހުމެއް ތާވަލުކުރެވޭނީ ދޮޅުމަސް ފަހުން ކަމަށެވެ.

މިއަދު މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި ރިޒާ [ކ]: ވިދާޅުވީ، ފެންނަނީ ޝަރުއީ ދާއިރާއަކީ އެއްވެސް ބާރެއް ނެތް ބާރެއްގެ ގޮތުގައި ހިންގާ މަންޒަރު ކަމަށް ---- ފޮޓޯ/ މަޖިލިސް

އެއާއެކު، 2008ވަނަ އަހަރުން ފެށިގެން ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް އެކަށީގެންވާ އުޖޫރައެއް ނުލިބޭތީ މުވައްޒަފުންގެ އަދަދު މަދުވަމުން އަންނަކަން ރިޒާ ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ސަލާމަތީ ބާރުތަކުގެ މުސާރައިގެ އޮނިގަނޑު ވެސް ޝަރުއީ ދާއިރާއަށް ވުރެ ރަނގަޅެވެ.

އަޅުގަނޑުމެން ދަންނަން ޖެހޭ ހަގީގަތަކީ ޝަރުއީ ދާއިރާއަކީ ތިން ބާރުންކުރެ އެއް ބާރު ކަމަށްވީއިރު މިއަދުވެސް އަޅުގަނޑުމެންނަށް މި ފެންނަނީ އެއްވެސް ބާރެއްނެތް ބާރެއް ގޮތުގައި އެ ބާރު ހަރަކާތްތެރިވަމުންދާ މަންޒަރު، މިއީ ވެގެންވާނެ ގޮތެއް ނޫން،ޖޭއެސްސީގެ ރައީސް ރިޒާ އާދަމް

އެހެންވެ، ދާއިރާގެ މުސާރައާއި އިނާޔަތްތައް ރަނގަޅު ކުރަން ރައްޔިތުންހެ މަޖިލީހުން މަސައްކަތްތަކެއް ކުރެވިދާނެ ކަމަށް ރިޒާ ވިދާޅުވިއެވެ. އެހެން ނޫންނަމަ ކުރިއަށް ތަނުގައި ޝަރުއީ ދާއިރާއަށް އެއްގޮތަކަށް ވެސް މުވައްޒަފުން ނުލިބިދާނެ ކަމަށް އޭނާ ގަބޫލުކުރައްވައެވެ.

ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓު: ރިޒާ ވިދާޅުވީ، ބޭރުން ބަލައިލަން ރީއްޗަށް ސުޕްރީމް ކޯޓުގެ އެތެރެއަށް ވެސް ވާރޭ ވެހޭ ކަަމަށް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރިޒާ ވަނީ، ކޯޓުތައް ހިންގާ އިމާރާތްތަކުގެ ހާލަތަށް ވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، ވާރޭ ނުވެހޭ އެއްވެސް ކޯޓެއް މާލޭގައި ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުން ބޭރުން ބަލައިލަން ކިތަންމެ ރީއްޗަށް އެތެރެއަށް ވާރޭ ވެހޭ ކަމަށާއި ހައިކޯޓު ހިފަހައްޓަނީ ސީލިންގުތަކުގައި ދަގަނޑު ޖައްސައިގެން ކަމަށް ރިޒާ ވިދާޅުވިއެވެ.

https://sun.mv/212298

އޭގެ އިތުރަށް، 52 މެޖިސްޓްރޭޓު ކޯޓު ހިންގަނީ ކައުންސިލްތަކާ އެއް އިމާރަތެއްގައި ކަމަށާއި އެފަދަ ބައެއް އިމާރާތްތަކުން ނުކުންނަން ވެސް އަންގާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މިދިޔަ އަހަރު 13 ކޯޓަކަށް އާ އިމާރާތްތަކެއް ބިނާކުރުމަށް ދައުލަތުގެ ބަޖެޓުގައި 60 މިލިއަނަށްވުރެ ގިނަ ރުފިޔާ ބަޖެޓުކޮށްފައިވީ ނަމަވެސް، ފިނޭންސް މިނިސްޓްރީން އަންގައިގެން ކޯޓު އިމާރާތްތަކުގެ މަސައްކަތް ނުކުރެވި އޮތުމުގެ ކަންބޮޑުވުން ވެސް އޭނާ ފާޅުކުރެއްވިއެވެ.

ފާހަގަކޮށްލެވޭ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ޖުޑިޝަރީ ހިމެނޭހެން ގިނަ މުވައްޒަފުންގެ މުސާރަ ނޮވެންބަރުން ފެށިގެން ބޮޑުކުރައްވާނެ ކަމަށް އިއުލާނުކުރައްވާފައެވެ.

comment ކޮމެންޓް