މާ ބޮޑު މަސައްކަތަކައިނުލައި ވަރަށް ފަސޭހައިން ސުވަރުގެއަށް ދެވޭނެ ހެޔޮ ޢަމަލެއް ކަމުގައި ކުރުސި ކިޔުން އެބަވެއެވެ. އެ ވާހަކަ މި ލިޔުމުން އަވަހަށް ކިޔައިލާށެވެ!
ކުރުސިޔަކީ ބަޤަރާ ސޫރަތުގެ 255ވަނަ އާޔަތެވެ. އެ އާޔަތަކީ މާތް ﷲގެ އެއްކައުވަންތަކަމުގެ ވާހަކަ ވަރަށް ބޮޑަށް ބަޔާންވެފައި އޮތް އާޔަތެކެވެ. ﷲ މެނުވީ ޙައްޤުވެގެން އަޅުކަން ވެވޭ އެހެން އެއްވެސް ފަރާތެއް ނުވާ ކަމަށް އެ އާޔަތް ފައްޓަވަމުން ބަޔާންކުރައްވައިފައި ވެއެވެ. އަދި ހަމަ އެހެންމެ ނިދި ޖެހުމެއް ނުވަތަ ވަރުބަލިކަމެއް އެ އިލާހަށް ލިބުމެއް ނުވާކަމަށް ވެސް އެ އާޔަތުގައި ވެއެވެ. މިހެން ގޮސް ﷲގެ ޒާތުފުޅަށް ނިސްބަތްވާ ވަރަށް ގިނަ ސިފަފުޅުތަކުން އެ އާޔަތް ވަނީ ޒީނަތްތެރި ވެގެންނެވެ.
ކުރުސިއަކީ ޒިކުރެކެވެ. ހެނދުނާއި ހަވީރުގެ ޒިކުރުތަކުގެ ތެރޭގައި ވެސް ކުރުސި ހިމެނިފައި ވާތީ އަޅުގަނޑުމެންނަށް އެބަ ފެނެއެވެ. ކުރުސީގެ މާތް ކަމާއި މަތިވެރިކަމުގެ ވާހަކައަކީ މުސްލިމުންނަށް މުޅިން އައު ވާހަކައެއް ނޫނެވެ. ބަލި މީހުންނަށް ޝިފާ ހޯދުމުގައި ވެސް ކުރުސީގެ ބޭނުން ހިފެއެވެ.
ރޫޙާނީ ބަލިބައްޔަށް ކުރަން އޮންނަ ކަމަކީ ރުޤްޔާކުރުމެވެ. ރުޤްޔާގެ އެންމެ އާންމު ކިޔެވެއްޔަކީ ސޫރަތުލް ފާތިޙާއެވެ. ފާތިޙާއަށްވުރެ އިތުރަށް އެއްޗެއް ކިޔަވަންނާ، އެ ލިސްޓުގެ އެންމެ ކުރިން ޖާގަ ލިބޭނީ އާޔަތުލް ކުރުސިއަށެވެ. އާޔަތުލް ކުރުސި އާންމު ރުޤްޔާގައި އޮވެފައި، ސިހުރު މައިތިރިކުރަން ކިޔަވާ ޚާއްޞަ ކިޔެވެލީގައި ވެސް އާޔަތުލް ކުރުސި ހިމަނާފައި އޮވެއެވެ.
ޖިންނި ޝައިޠާނުން ދުރުގައި ބޭތިއްބުމަށް އޮތް އެންމެ ވަރުގަދަ ހަތިޔާރަކީ ވެސް އާޔަތުލް ކުރުސިއެވެ. މި ކަން އަޅުގަނޑުމެންނަށް އެނގެނީ އަބޫހުރައިރަތުގެފާނު ރިވާކުރެއްވި މަޝްހޫރު ޙަދީޘުންނެވެ. އެއީ ޒަކާތަށް ޖަމާކޮށްފައި ހުރި ކަދުރުން ތިން ރޭ ވަންދެން ކޮންމެ ރެއަކު ވައްކަންކުރި ވާހަކަ ބަޔާންވެގެން އައިސްފައި އޮތް ޙަދީޘެވެ. އެންމެ ފަހުރޭ ވައްކަން ކުރި މީހާ ދަސްކޮށްދިން ފިލާވަޅަކީ ޝައިޠާނާ ދުރުކުރަން ކިޔަންވީ ވިރުދަކީ އާޔަތުލް ކުރުސި ކަމެވެ. މި ވާހަކަ ދެންނެވުމުން ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވީ އެއީ ޝައިޠާނާ ކަމަށާއި މިފަހަރު އޭނާ އެހެދީ ދެތެއް ކަމަށެވެ.
އާދެ! އާޔަތުލް ކުރުސި ވަކި ވަގުތެއްގައި ކިޔެވުން އާދަކޮށްފި މީހާއަށް ސުވަރުގެ ދެވޭނެ ކަމުގެ އުފާވެރި ޚަބަރު ވެސް ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمވަނީ ދެއްވައިފައެވެ. «مَنْ قَرَأَ آيَةَ الْكُرْسِيِّ فِي دُبُرِ كُلِّ صَلَاةٍ مَكْتُوبَةٍ لَمْ يَمْنَعْهُ مِنْ دُخُولِ الْجَنَّةِ إِلَّا أَنْ يَمُوتَ.» [(رواه الطبراني في "الكبير": 7532)، (والروياني في "مسنده" 1268)] މާނައީ: "ކޮންމެ ފަރުޟު ނަމާދެއްގެ ފަހުގައި އާޔަތުލް ކުރުސި ކިޔަވާ މީހާ ސުވަރުގެ ވަނުމާ ދެމެދު އޮތް ހަމައެކަނި ހުރަހަކީ މަރެވެ." މި އާޔަތުން ބަޔާން ކޮށްދެނީ ކޮންމެ ފަރުޟު ނަމާދަކަށްފަހު ކިޔާ ޒިރުތުތަސްބީޙަތަކުގެ ތެރޭ އާޔަތުލް ކުރުސި އާދަވެ ކިޔާ މީހާ ސުވަރުގެއަށް ވަދެވޭނެ ކަމުގެ ޔަޤީންކަމެވެ. އަދި އޭނާ ސުވަރުގެ ނުވަދެވި އެ ހުންނަނީ މި ދުނިޔޭގައި ހުރީތީއެވެ. އޭނާ ގެ މަރު އައިސް ބައްދަލު ވުމުން އޭނާއަށް ސުވަރުގެ ޔަޤީން ވީއެވެ.
މިއީ ވަރަށް ފަސޭހަ ކެމެކެވެ. އުނދަގުލީ އާދަކޮށް ޤަވައިދުން ފަރުޞު ނަމާދު ކުރުމެވެ. އާދަވެ އާޔަތުލް ކުރުސި ކިޔޭނީ އާދަވެ ނަމާދު ކުރީމައެވެ. އެހެންކަމުން ސުވަރުގެ ދާން އެދޭ މީހާ އާދަކުރަންވީ ނަމާދުކުރުމެވެ. ގަސްތުގައި އެއްވެސް ނަމާދެއް ދޫކޮށް ނުލާންވީއެވެ. ހިތްވަރާ އެކު ގަޑިންގަޑިއަށް ނަމާދުތައް ކުރެވޭތޯ ގަދައަޅާ މަސައްކަތް ކުރާށެވެ!