ސުންނަތް ނަމާދުތައް ގޭގައި ކުރާށެވެ!

ފަރުޟު ފަސް ނަމާދު ކުރުން އެންމެ މޮޅު އިތުރުވެގެން ވަނީ މިސްކިތުގައި ޖަމާޢަތުގައެވެ. ފަރުޟު ނަމާދުތަކާ ގުޅިފައިހުރި ސުންނަތް ނަމާދުތަކާއި އެ ނޫން ސުންނަތް ނަމާދުތައް ވެސް ގޭގައި ކުރުން މޮޅު އިތުރުވެގެން ވެއެވެ.

ސުންނަތް ނަމާދުގެ ގޮތުގައި ރޭގަނޑާއި ދުވާލު ކުރުން ސުންނަތްވެގެންވާ އެތައް ނަމާދުތަކެއް އިސްލާމީ ޝަރީޢަތުގެ ތެރޭގައި ލައްވައި، އޭގެ ސަބަބުން ސަވާބު ލިބޭގޮތް މެދުވެރިކުރައްވައިފައި އޮތުމަކީ، މީސްތަކުންގެ މައްޗަށް މާތް ﷲލެއްވެލި ވަރަށް ބޮޑު ފަޟުލަކާއި ނިޢުމަތެކެވެ. އެ ނަމާދުތަކުން ލިބޭ ދަރުމައާއި ސަވާބު ވަރަށް ގިނަވެ އިތުރުވެގެން ވެއެވެ.

ސުންނަތް ނަމާދުތަކުގެ ވާހަކައިގައި އެންމެ މަޝްހޫރު، އެންމެން ދަންނަ، އެންމެ ގިނަ ސަވާބު ލިބޭނެކަމަށް ވާރިދުވެގެން އަންނަ ވާހަކައަކީ ފަރުޟު ނަމާދުތަކާ ގުޅިފައި ހުރި ރަވާތިބު ސުންނަތްތަކުގެ ވާހަކައެވެ. ރަވާތިބުސުންނަތުގެ ބާރަ ރަކުޢަތް ޤަވާޢީދުން ކުރާ މީހާއަށް ސުވަރުގޭގައި ގަނޑުވަރެއް ބިނާކޮށްދެއްވާނޭ ކަމުގެ އުފާވެރި ޚަބަރު ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّم ވަނީ ދެއްވައިފައެވެ.

ސުންނަތް ނަމާދުތަކުގެ ތެރޭގައި ހިމެނޭ ބައެއް ނަމާދުތަކަކީ ޟުޙާ ނަމާދާއި، ރޭއަޅުކަމެވެ. އެއީ ތަޙައްޖުދު ނަމާދެވެ. ނުވަތަ ދަންވަރު މި ކުރާ ދަމު ނަމާދެވެ. އަދި ވިތުރި ވެސް ހިމެނެނީ ގަދަވެގެންވާ ސުންނަތްތަކުގެ ތެރެއިންނެވެ.

ފަރުޟު ނަމާދު ޖަމާޢަތުގައި، މިސްކިތުގައި ކޮށްފައިމެ، އެ ނަމާދުތަކުގެ އިސްފަހުގައި ކުރާން އޮތް ރަވާތިބު ސުންނަތްތައް ގޭގައި ކުރުން މާ ހެޔޮ ކަމުގައި ކީރިތި ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّم ޙަދީޘް ކުރައްވައިފައި ވެއެވެ. «صَلاةُ المرْءِ في بَيْتِهِ أَفْضَلُ مِنْ صَلاَتِه فِي مَسْجِدِي هَذَا، إِلاَّ المكْتُوبَةِ» (رواه أبو داود) މާނައީ: "ފަރުޟު ނަމާދުތައް ފިޔަވައި، މީހަކު ކުރާ ސުންނަތް ނަމާދުތައް، ތިމަން ކަލޭގެފާނުގެ މި މިސްކިތްކޮޅުގައި ކުރުމަށްވުރެ، އޭނާގެ ގޭގައި ކުރުން މާ ހެޔޮކަން ބޮޑުވެގެން ވެއެވެ."

މި ޙަދީޘްގެ މަފްހޫމަށް ބަލާއިރު ގޭގައި ސުންނަތް ނަމާދު ކުރުމަށް ބާރު ލިބެއެވެ. އަދި އެ މިސާލު ޖެއްސެވީ މަސްޖިދުއްނަބަވީގެ ވާހަކަފުޅުންނެވެ. އެ މިސްކިތަކީ އެ ތަނުގައި ކުރާ ނަމާދު، (މައްކާގެ މަސްޖިދުލް ޙަރާމުގައި ކުރާ ނަމާދު ފިޔަވައި) އެ ނޫން ކޮންމެ މިސްކިތެއްގައި ކުރާ ނަމާދަށްވުރެ ދަރަޖައިގެ ގޮތުން އެއް ހާސް ގުނަ އިތުރު ވެގެންވާ މިސްކިތެކެވެ. އެހައި މަތިވެރި އަޖުރު ލިބެން އޮތް ފުރުޞަތަކަށްވުރެ މާ މާތް ވެގެން ވަނީ އޭނާގެ ސުންނަތް ނަމާދު ގޭގައި ކުރުމުން ކަން މި ޙަދީޘުން އެބަ އެނގެއެވެ. އޭގެ މާނައަކީ އެއް ހާސް ގުނައަށް ވުރެވެސް އިތުރުވާނެ ކަމެވެ.

އަޅުގަނޑުމެންގެ ގޯތިގެދޮރުގައި (ސުންނަތް) ނަމާދު ކުރުމުގެ ފައިދާތައް ވަރަށް ގިނައެވެ. އޭގެ ތެރެއިން އެއް ކަމަކީ، ގޯތިގެދޮރުގައި ބަރަކާތް ލެއްވުމެވެ. މިކަން އަންގަވައި އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. [ތިޔަބައިމީހުން މިސްކިތުގައި (ފަރުޟު) ނަމާދުކޮށްފައި، އެނބުރި ގެއަށް ގޮސް ގޭގައި ސުންނަތް ނަމާދު ކުރާހުށިކަމެވެ. އެހެނީ އެ ނަމާދުގެ ސަބަބުން މާތް ﷲ އެ ގޭގައި ބަރަކާތް ލައްވާނެތެވެ." (رواه أحمد)

އަނެއް ފައިދާ އަކީ ގޯތިގެދޮރުގައި ﷲގެ ޒިކުރު ކުރެވުމެވެ. މާތް ﷲގެ ޒިކުރުކުރާ ގޭގެޔާއި، އެ ކަން ނުކުރާ ގޭގޭގެ މިސާލަކީ ދިރިހުރުމާއި މަރުވެދިޔުމުގެ މިސާލެވެ. ﷲގެ ޒިކުރުކުރުމަކީ މައުނަވީ ދިރުމެއްވާ ކަމެކެވެ. އަދި ހަމަ އެފަދައިން އެއިލާހުގެ ޒިކުރުނުކުރުމަކީ އެތަނެއް ނުވަތަ އެބައެއް މައުނަވީ ގޮތުން މަރުވެފައި ތިބޭތިބުމެވެ. ﷲގެ ޒިކުރުނުކުރާ ގޯތިގެދޮރެކޭ، ގަބުރުސްތާނެކޭ އެއްވެސް ތަފާތެއް ނުހުންނާނެވެ. ﷲއަށް ޒިކުރުކުރުމުގެ މާނައިގައި ހިމެނޭ އެންމެ މަތިވެރި ކަމަކީ ނަމާދެވެ. ސުންނަތް ނަމާދެވެ. އެހެންކަމުން ތިމާއަށް ކުޅަދާނަވީ މިންވަރަކުން ފަރުޟު ނަމާދުތަކުގެ އިސްފަހުގައި ކުރާ ރަވާތިބު ސުންނަތްތައް ގޭގައި ކުރުމަށް އާދަކުރާށެވެ.

ގޯތިގެދޮރުގައި ސުންނަތް ނަމާދުކުރުމަކީ، އަނބިދަރީންގެ ހިތްތަކުގައި ނަމާދަށް ލޯބިޖެހޭނޭ ކަމެކެވެ. ނަމާދުތަކަށް ރައްކާތެރިވުމަށް ދަރީންނަށް ދޭން އޮތް ތަރުބިއްޔަތުގެ މައްޗަށް ދެއްކޭ ފުރިހަމަ ނަމޫނާއެއް ވެސް މެއެވެ. ގޭގެ އަހުލުވެރިންގެ މެދުގައި ހިތްތިރިކަމާއި މަޑުމައިތިރިކަން ފެތުރޭނޭ ކަމެކެވެ. ހެޔޮ މަގުތަކަށް ދޮރު ހުޅުވި ނުބައި ވަސްވާސްތަކާއި ޝައިޠާނީ ޢަމަލުތަކުން ގޭތެރެ ރައްކާތެރިކޮށްދޭނޭ ކަމެއް ވެސް މެއެވެ.

comment ކޮމެންޓް