ރިޒުޤު ތަނަވަސްވުމުގެ ބައެއް ސަބަބު

ރިޒުޤަކީ ކަނޑައެޅި ލިޔުއްވިގެންވާ އެއްޗެކެވެ. އިންސާނާ ދުނިޔެއަށް އައުމުގެ ކުރިޔަށް އެ ކަންކަން ލިޔުއްވައިފައި ވެއެވެ. ތިމާގެ ރިޒުޤު ޙަލާލު ގޮތުގައި ހޯދުމަށް ކުރާ މަސައްކަތް އަޅުކަމަކަށް ވެގެން އަންނަނީ މި ސަބަބަށް ޓަކައެވެ. އެހެންކަމުން އެ ރިޒުޤު ތަނަވަސްވުން ހުރި ބައެއް ސަބަބުތައް މި ލިޔުމުގައި ޒިކުރުކޮށްލައިނަމެވެ.

ރިޒުޤަކީ ކާއިނާތު ޚަލްޤުކުރެއްވުމުގެ ކުރިން ލައުޙުލްމަޙްފޫޡުގައި ލިޔުއްވައި ހިމަނުއްވައިފައި އޮތް އެއްޗެކެވެ. އޭގެ މިޤުދާރު ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ تعالى އެވެ. ލިޔުއްވައި ކަނޑައަޅުއްވައިފައި ވަނީ ކިހާ މިންވަރެއްކަން އެއްވެސް މަޚުލޫޤަކަށް ނޭނގޭނެއެވެ. އަޅުގަނޑުމެން އިންސާނުންނަށް ވެސް އެކަން އެނގޭނެ ގޮތެއް ނޯވެއެވެ. ކޮންމެ މީހަކަށް ވެސް އޮތީ އޭނާއަށް ޓަކައި ލިޔުއްވައިފައި އޮތް ރިޒުޤު ހޯދަން ޙަލާލު ގޮތުގައި މަސައްކަތްކުރުމެވެ. ޙަލާލުގޮތުގައި އެ ކަމަށް މަސައްކަތްކުރުމަކީ ރިޒުޤުގައި ބަރަކާތްލައްވައި އޭނާގެ ދަރަޖަ ﷲގެ ޙަޟްރަތުގައި މަތިވާނޭ ކަމެކެވެ.

ރިޒުޤު ތަނަވަސް ވުމުގެ ސަބަބުތަކުގެ ތެރެއިން އެއް ކަމަކީ؛ ﷲއަށް ވަކީލުކުރުމާ އެކު ސަބަބުތަކުގައި ހިފުމެވެ. މި ކަމުގެ އިރުޝާދުދެއްވައި ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވިއެވެ. «لَوْ تَوَكَّلْتُمْ عَلَى اللَّهِ حَقَّ تَوَكُّلِهِ لَرَزَقَكُمْ كَمَا يَرْزُقُ الطَّيْرَ تَغْدُو خِمَاصًا وَتَرُوحُ بِطَانًا» (رواه أحمد وابن ماجه) މާނައީ: "ތިޔަބައިމީހުން ﷲއަށް ވަކީލުކުރުން ޙައްޤު ގޮތުގައި ވަކީލުކޮށްފިއްޔާ، ދޫނިސޫފާސޫތްޕަށް ރިޒުޤު ދެއްވަވާ ފަދައިން ތިޔަބައިމީހުންނަށް ވެސް ރިޒުޤު ދެއްވީހެވެ. އެ ސޮރުމެން ހެނދުނު ހާލިން ނުކުމެގެން ދަނީ ހުސްބަނޑާއެވެ. ހަވީރު އެނބުރި އަންނަނީ ބަނޑު ފުރައިގެންނެވެ." ކިހާ ފުރިހަމަ ނަމޫނާއެއްތޯއެވެ؟ އެ ސޮރުމެންގެ ރިޒުޤު ލައްވައިފައި ހުރި ތަން އެ ސޮރުމެންނަށް އެނގެއެވެ. އެ ތަނަށް ދިޔުމަށް ނިޔަތްގަނެ ﷲއަށް ވަކީލުކޮށްގެން ރިޒުޤު ހުރި ހިސާބަށް ދަނީއެވެ. ހާލީގައި އޮވެފައި ރިޒުޤަށް އުންމީދުކުރުމަކީ ސަބަބު ދޫކޮށްލުމެވެ.

ރިޒުޤު ތަނަވަސްވުމުގެ އަނެއް ސަބަބަކީ ނަމާދު ޤާއިމުކުރުމެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ﴿وَأْمُرْ أَهْلَكَ بِالصَّلَاةِ وَاصْطَبِرْ عَلَيْهَا ۖ لَا نَسْأَلُكَ رِزْقًا ۖ نَّحْنُ نَرْزُقُكَ ۗ وَالْعَاقِبَةُ لِلتَّقْوَىٰ﴾ (سورة طه: ١٣٢) މާނައީ: "އަދި ކަލޭގެފާނުގެ އަހުލުވެރީންނަށް ނަމާދުކުރުމަށް އަމުރުކުރައްވާށެވެ! އަދި އެ ކަމުގެ މައްޗަށް ކެތްތެރިވެވަޑައިގަންނަވާށެވެ! ރިޒުޤު ދެއްވުމަކަށް ކަލޭގެފާނުގެ ކިބަޔަކުން ތިމަން އިލާހު އެދިވޮޑިއެއް ނުގަންނަވަމެވެ. ކަލޭގެފާނަށް ރިޒުޤު ދެއްވަނީ، ތިމަން އިލާހެވެ. ރަނގަޅު ނިމުން ވަނީ، ތަގުވާވެރީންނަށެވެ." އަޅުގަނޑުމެންނަކީ ﷲގެ އަޅުންނެވެ. އެއިލާހަށް އަޅުކަންކުރަން ފޮނުއްވައިފައި ތިބި ބައެކެވެ. އެއިލާހުގެ ކިޔަމަންތެރި އަޅުންދެކެ އެއިލާހު ލޯބިވެވޮޑިގެންވެތެވެ. އެބައިމީހުންނަށް ޓަކައި ރިޒުޤު ތަނަވަސްކޮށްދެއްވަނީ އެއިލާހެވެ.

ރިޒުޤު ތަނަވަސްވުމުގެ ތިންވަނަ ސަބަބަކީ ތަޤުވާވެރިވުމެވެ. ތަޤުވާވެރިވުމަކީ އެއިލާހަށް ބިރުވެތިވުމެވެ. އެންގެވިހައި ކަމެއް ހިތުގެ ލޯތްބާ އެކު ކުރުމާއި ނަހީކުރެއްވި ކޮންމެ ކަމަކުން ދުރުވެ ހުރުމެވެ. އުނދަގޫ ވަގުތުތަކުގައްޔާއި ފަސޭހަ ވަގުތުތަކުގައި ވެސް މެއެވެ. އެއިލާހަކީ ކަންކަމުން އަރައިގަންނާނޭ މަގު ތަޤުވާވެރިންނަށް ތަނަވަސްކޮށްދެއްވާ އިލާހެވެ. އަދި އޭނާއަށް ނޭނގޭ ގޮތްގޮތުން އޭނާއަށް ރިޒުޤުދެއްވަން ކުޅަދާނަވެވޮޑިގެންވާ އިލާހެވެ. މި ވާހަކަ ބަޔާންކުރައްވައި މާތް ﷲ ވަޙީކުރެއްވިއެވެ. ﴿وَمَن يَتَّقِ اللَّهَ يَجْعَل لَّهُ مَخْرَجًا وَيَرْزُقْهُ مِنْ حَيْثُ لَا يَحْتَسِبُ(٣)﴾ (سورة الطلاق:) މާނައީ: "(2)އަދި ﷲއަށް ތަޤުވާވެރިވާ މީހާ (ދަންނާށެވެ!) އެ އިލާހު އޭނާއަށް ނުކުންނާނެ މަގެއް ދައްކަވާނެތެވެ. (3)އަދި ހީވެސްނުކުރާ ފަދަ ގޮތްގޮތުން އެ އިލާހު އޭނާއަށް ރިޒުޤު ދެއްވާނެތެވެ."

ރިޒުޤު ތަނަވަސްކޮށްދެއްވުމަށް އޮތް ހަތަރުވަނަ ސަބަބެއް ކަމުގައި ރަޙިމުގެ ގުޅުން ދެމެހެއްޓުން ހިމެނިދާނެއެވެ. ރަހިމުގެ ގުޅުން ދެމެހެއްޓުމަކީ އެ ކަމަށް އިލާހީ އަމުރުފުޅު އައިސްފައި އޮތް ކަމެކެވެ. އެ ގުޅުން ކެނޑުމުގައި އޮތީ ﷲގެ ކޯފާއެވެ. އެ ގުޅުން ދެމެހެއްޓުމުގައި އޮތީ އުމުރު ދިގުވުމާއި ރިޒުޤު ތަނަވަސްވުމެވެ. ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވިއެވެ. «مَنْ أَحَبَّ أَنْ يُبْسَطَ لَهُ فِي رِزْقِهِ، وَيُنْسَأَ لَهُ فِي أَثَرِهِ، فَلْيَصِلْ رَحِمَهُ» (متفق عليه) މާނައީ: "ރިޒުޤު ތަނަވަސްވުމަށާއި އުމުރު ދިގުވުމަށް އެދޭ މީހާ، ފަހެ ރަޙިމުގެ ގުޅުން ދަމަހައްޓާހުށިކަމެވެ."

އިސްތިޣުފާރުކުރުން ގިނަކުރުމަކީ ވެސް ރިޒުޤު ތަނަވަސްވުމުގެ ސަބަބެއް ކަމުގައި ވެއެވެ. މި ކަމަށް ކީރިތި ޤުރްއާނުގައި މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. ‎﴿فَقُلْتُ اسْتَغْفِرُوا رَبَّكُمْ إِنَّهُ كَانَ غَفَّارًا )١٠(‏ يُرْسِلِ السَّمَاءَ عَلَيْكُم مِّدْرَارًا ‎)١١(‏ وَيُمْدِدْكُم بِأَمْوَالٍ وَبَنِينَ وَيَجْعَل لَّكُمْ جَنَّاتٍ وَيَجْعَل لَّكُمْ أَنْهَارًا ‎(١٢)﴾ (سورة نوح) މާނައީ: "(10)ފަހެ، ތިމަންކަލޭގެފާނު (އެބަހީ ނޫޙުގެފާނު) ވިދާޅުވީމެވެ. ތިޔަބައިމީހުންގެ ވެރި ރައްބުގެ ޙަޟްރަތުގައި ފާފަފުއްސެވުމަށް އެދި، ތިޔަބައިމީހުން ދަންނަވާށެވެ! ހަމަކަށަވަރުން، އެއިލާހީ، ގިނަގިނައިން ފާފަފުއްސަވާ އިލާހު ކަމުގައިވެއެވެ. (11)(އޭރުން) އެއިލާހު ތިޔަބައިމީހުންގެ މައްޗަށް ބޯކޮށް (ވެހޭ ގޮތުގައި) ވާރޭ ފޮނުއްވާނެތެވެ. (12)އަދި މުދާތަކާއި، ދަރީންގެ ގޮތުން، އެއިލާހު ތިޔަބައިމީހުންނަށް މަދަދު ދެއްވާނެތެވެ. އަދި އެއިލާހު ތިޔަބައިމީހުންނަށް ޓަކައި ބަގީޗާތައް ލައްވާނެތެވެ. އަދި އެއިލާހު ތިޔަބައިމީހުންނަށް ޓަކައި ކޯރުތައް ވެސް ލައްވާނެތެވެ."

ރިޒުޤު ތަނަވަސްވުމުގެ ސަބަބުތައް އަދި މިއަށް ވުރެވެސް ގިނަވެ އިތުރުވެގެން ވެއެވެ. މި ކަންކަމަކީ އަޅުގަނޑުމެންގެ ވަށައިގެން ފެންނާން ހުރި ފަސޭހަ ކަންކަމެވެ. މި ކަންކަން މި މަގު ކުރުމުގެ ހެޔޮ ތައުފީޤު އަޅަމެންނަށް މިންވަރު ކުރައްވާނދޭވެ! ﷲއަށް ބަރޯސާނުވެ ރިޒުޤު ތަނަވަސްވުމަށް ރެޔާދުވާލު ގަދައަޅާއި ކުރާ އެއްވެސް މަސައްކަތަކީ ތިމާއަށް ހިތްހަމަޖެހުމާއި ނަސީބުވެރިކަން އިތުރުވާނެ ކަމެއް ނޫނެވެ. ދެ ދުނިޔޭގެ ފަލާޙާއި ކާމިޔާބު އެދެންޏާ އައްރާޒިޤުގެ ކިޔަމަނުގައި ހުރެ ސަބަބުތަކުގައި ހިފަންވީއެވެ.

comment ކޮމެންޓް