އޭ ލޮބުވެތި ދަރީންނޭ! ބައްޕަޔަށް އިޙުތިރާމުކުރާށެވެ. ދިރިއުޅުމުގެ މާޒީން ބައްޕަ ދުށްތަން ވަރަށް ބޮޑެވެ. ޙަޔާތުގެ ދަތުރުގައި ބައްޕަޔަށް އާދެވިފައި ހުރީ ވަރަށް ދުރަށެވެ. ބައްޕަޔަށް ނޭނގިދާނެއޭ ތިޔަ ހީވަނީ ދަރިފުޅަށް ނޭނގޭތީއެވެ. ބައްޕައަށް އޮޅިފައި އޮވެދާނެއޭ ތިޔަ ހީވަނީ ދަރިފުޅަށް އަދި އޮޅުން ނުފިލާތީއެވެ.
ތިޔަ ދަރިފުޅު ދުނިޔެއަށް އައުމުގެ ފެށުން ކަމުގައި ﷲ ލެއްވެވީ ބައްޕައެވެ. ތިޔަ ދަރިފުޅުގެ ބެލެނިވެރި ޒިންމާ ﷲ އެޅުވީ ބައްޕަގެ ބޮލުގައެވެ. ތިޔަ ދަރިފުޅުގެ ރައްކައުތެރިކަން ﷲ ލެއްވީ ބައްޕަގެ ފަރާތުގައެވެ. ތިޔަ ދަރިފުޅަށް ދެއްވާ ރިޒްޤު ﷲ ފޮނުއްވެވީ ބައްޕަ މެދުވެރިކުރައްވައެވެ. ތިޔަ ދަރިފުޅުގެ ބަލަދުވެރިކަން ދެމިއޮތީ ބައްޕަގެ ކިބައިގައެވެ.
އޭ ލޮބިވެތި ދަރީންނޭވެ! ބައްޕަގެ ޙަޔާތުގައި ވެސް ޒުވާންކަމާ ކުރިމަތިލިޔެވެ. އެ ޒުވާންކަމުގެ ޢުމުރު ހުސްނުވަނީސް ދަރިފުޅު ލިބުނެވެ. ދަރިފުޅުގެ ޙައްޤުގައި އިތުރަށް ހީވާގިވާން ބައްޕަޔަށް މާޖުބޫރުވިއެވެ. ޙަޔާތުގެ ބައްތެއްޔަށް ކޮންމެ ކުއްޖަކު ވެސް އަރާނީ ބައްޕަގެ މޫނަށް ހިނިތުންވުން ގެންނަމުންނެވެ. އެހެނަސް އެ ހިނިތުންވުން ދެކޭ މީހަކީ ހަމައެކަނި ބައްޕައެވެ. ދަރިފުޅުގެ ހިނިތުންވުން އުޖާލާކުރުމަށް ބައްޕަގެ ހިނިތުންވުން ފަނޑުކުރެއެވެ.
ޙަޔާތުގެ ނައު ފެތުނަ ނުދީ ދުއްވޭތޯ ބައްޕަ ބަލަނީ އޭގައި ތިބި ދަރީން ކަނޑުވިޔަ ނުދިނުމަށެވެ. ދުވެއްޔަށް ފަހި ވައި ނުޖެހުނަސް ދަންމާނަށް ދަމާ ހަލިކުރަނީ، ދުވެލި އައުކޮށް ހޭރިޔާ ކުރުމަށެވެ. ދަތުރު ދިގުކަން ބައްޕަޔަށް އެނގެއެވެ. ނަމަވެސް ވިއްސާރަކަމުން މަންޒިލެއް އަދި ފެންނަވަރު ނުވަނީއެވެ.
ޙަޔާތުގެ ދަތުރުގައި، ދަތުރުގެ ބައިވެރިންނަށް ދަސްވާން އޮންނާނީ ދެ ފިލާވަޅެކެވެ. އެއް ކަމަކީ ކެޔޮޅަށް އިޢުތިމާދުކޮށްގެން ތިބުމުގެ ފިލާވަޅެވެ. އޭނާގެ ޤިޔާދަތަށް އިތުބާރުކުރުމެވެ. އޭނާގެ ނިންމުންތައް ބަލައިގަތުމެވެ. އޭނާގެ އަމުރުތަކަށް ފުރިހަމަޔަށް ކިޔަމަން ގަތުމެވެ. އަނެއް ފިލާވަޅަކީ އެ ހުރިހާ ކަމަކާ އިދިކީލި ވުމުގެ ފިލާވަޅެވެ.
ލޮބުވެތި ދަރީންނޭވެ! ތިޔަ ކުދިންގެ ޙަޔާތުގެ ދަތުރުގައި ކެޔޮޅަކީ ބައްޕައެވެ. އެ ބައްޕަޔާ އިދިކީލި ވާން އުޅެފިއްޔާ، ދެން ކުރޭވޭނީ ނާއުންމީދީ ޚިޔާލާތުތަކެކެވެ. ދެކެވޭ ހުވަފެންތަކުގައި ކުލަޖެހޭނެ މަގެއް ނުފެންނާނެއެވެ. ތިމާގެ ތަފާތުކަން ތިމާއަށް ޤަބޫލުކުރެވުމަށްވުރެ ނޭއްގާނީ ކަމެއް ތިޔަ ދަރިފުޅަށް ނުކުރެވޭނެއެވެ. އެ ތަފާތުކަމަކީ ތިޔަ ދަރިފުޅުގެ ނަފުސަށް އެކަނި އިޙުސާސްކުރެވޭ ތަފާތެކެވެ. އެ ކަން އެ ގޮތަށް ވިސްނައިދެނީ ޝައިޠާނާއެވެ. އެހެންޏާ ފަހެ، މުޅި ދުނިޔެ އެ ހިނގަނީ އެއްގޮތަކަށެވެ. އިރު އަރާނީ އެންމެނަށް ވެސް އެއްގަޑިއަކަށެވެ. އިރު އޮއްސެނީ ވެސް ހަމަ އެބީދައިންނެވެ. ތިޔަ ދަރިފުޅަށް ވެސް އެ ގޮތެވެ. އެ ކަމުގައި އެއްވެސް ތަފާތުކަމެއްް ނެތެވެ. އިރު އަރާ ހުންނަ ވަގުތުތަކުގައްޔާއި އިރު އޮއްސި އަނދިރިވެފައި އޮންނަ ހުރިހާ ވަގުުތެއްގައި ވެސް ކަންކަން ހިނގަނީ އެންމެންނަށް އެއް ހަމައިންނެވެ. ތިޔަ ދަރިފުޅު ވެސް އެ ހުރިހާ ކަމެއްގައި ތަފާތެއް ނެތި ހަމަހަމައެވެ.
އޭ ލޮބިވާ ދަރީންނޭވެ! ނަފުސުގެ ތާފަތުކަމެއް ހުރިކަމަށް ދައްކައިގެން އާންމު އުޞޫލުތަކާ ދުރުކުރުވާން މަސައްކަތް ކުރާ ޝައިޠާނާގެ މަކަރުވެރި ފިޔަވަޅުތަކަށް ތަބާ ނުވާށެވެ. އޭނާއަކީ އިންސާނާގެ ޙަޔާތަށް ބަޔާންވެގެން ހުރި ޢާދާވާތް ތެރިއެކެވެ. އޭނާ ޢަދާވާތްތެރިޔަކު ކަމުގައި ހިފުމަށް މާތް ﷲ ވަނީ އިންސާނުންނަށް އަމުރުކުރައްވައިފައެވެ.
އޭ ލޮބުވެތި ދަރީންނޭވެ! ބައްޕާގެ ކެޔޮޅުކަން ހެޔޮހިތުން ބަލައިގަންނާށެވެ! ބައްޕަޔަށް ފުރިހަމައަށް އިޢުތިމާދުކޮށްގެން ތިބޭށެވެ. ބައްޕަގެ ޤިޔާދަތަށް އިތުބާރުކުރާށެވެ. ބައްޕަގެ ނިންމުންތައް އިތުރު ޝަކުވާއަކައި ނުލައި ބަލައިގަންނާށެވެ. ބައްފަގެ އަމުރުތަކަށް ފުރިހަމަޔަށް ކިޔަމަން ގަންނާށެވެ. ދުވަހަކު ވެސް ބައްޕަ ތިޔަ ދަރިފުޅަށް ދެރަގޮތެއް ނޭދޭނެއެވެ. ބައްޕަޔަށް އިޙްތިރާމުކުރާށެވެ!