ބިން ފަސާދަކުރުމަށްވުރެ ނުބައި އެހެން ކަމަކީ ކޮބައިތޯއެވެ؟ ފަސާދަކުރުމުގެ ނުބައިކަން ހާދަހައިވާ ބޮޑެވެ. އޭގެން ނުކުންނަ ނަތީޖާ ވަރަށް ހިތްޗެވެ. ދެން ވެއްޓެނީ އިޢާދަ ނުކުރެވޭވަރުގެ ފުން ވަޅުގަނޑަކަށެވެ.
އާދެ! މާތް ﷲއަށް ޝިރުކުކުރުން މިއީ ދުނިޔޭގައި ކުރެވޭނެ އެންމެ ނުބަކަން ބޮޑު ޖަރީމާއެވެ. އެއީ ހެއްދެވި ފަރާތަށް އިހާނެތި ވެވޭނެ އެންމެ ބޮޑު މިންވަރެވެ. އެއަށްފަހު އިންސީން އެ މީހުން އެ މީހުންގެ މެދުގައްޔާއި އެ ނޫން އެހެން މަޚުލޫޤުންގެ މެދުގައި ހިންގާނޭ އެންމެ ފިތުނަވެރިކަން ބޮޑު ޢަމަލަކީ ފަސާދަކުރުމެވެ. ފަސާދަ ނުކުރުމަށް ކީރިތި ﷲ، އެއިލާހުގެ ފޮތުގައި އެތައް ގޮތަކުން، އެތައް ފަހަރަކު އަންގަވައިފައި ވެއެވެ. އަދި ހަމަ އެއާ އެކު އިޞްލާޙުކުރުމަށް ނަސޭހަތްތެރިވެވޮޑިގެންފައި ވެއެވެ. ޚާއްޞަކޮށް މުއުމިނުންނަށް އެ ކަމުގެ އިރުޝާދު ދެއްވައިފައި އޮތީ އެ މީހުންނަކީ އެއްބަނޑުއެއްބަފައި ބައެއް ކަމުގެ ހަނދާން ކޮށްދެއްވަމުންނެވެ. ﷲ ވަޙީކުރެއްވިއެވެ. ﴿إِنَّمَا الْمُؤْمِنُونَ إِخْوَةٌ فَأَصْلِحُوا بَيْنَ أَخَوَيْكُمْ وَاتَّقُوا اللَّهَ لَعَلَّكُمْ تُرْحَمُونَ﴾ (الحجرات: ١٠) މާނައީ: "މުއުމިނުން ވާކަންކަށަވަރީ، އަޚުންތަކެއް ކަމުގައެވެ. ފަހެ، ތިޔަބައިމީހުންގެ ދެ އަޚުން ދެމެދު ތިޔަބައިމީހުން އިޞްލާޙުކުރާށެވެ! އަދި ތިޔަބައިމީހުން اللَّهއަށް ތަޤުވާވެރިވާށެވެ! (އެއީ) ތިޔަބައިމީހުންނަށް ރަޙުމަތްލެއްވުމަށް ޓަކައެވެ."
މި އަމުރުފުޅުން ވަރަށް ރަނގަޅަށް އެނގެނީ އެކުވެރިކުރަންވީ ކަމެވެ. ޞުލްޙަކުރަންވީ ކަމެވެ. ކަންކަމުގައި ދެބަސްވެވުނަސް އަރައިރުންނުވާންވީ ކަމެވެ. މިއީ މުއުމިނުންނަށް ﷲ ދެއްވާ އިރުޝާދެވެ. ﷲ އެއީ އަޅުގަނޑުމެންގެ އިލާހު ނޫންތޯއެވެ؟ އަޅުގަނޑުމެންގެ ކަންކަން ބައްލަވާ ފަރާތް ނޫންތޯއެވެ؟ އެ އިލާހުގެ އަމުރުފުޅުތަކަށް ނުކިޔަމަންތެރި ވާނީ ކޮން ގޮތަކުންހެއްޔެވެ؟ ކުޑަޔަސް ބޮޑަސް ހުރިހާ ޢަމަލެއް ޤިޔާމަތްދުވަހުން ހިސާބުކުރެވޭނެ ނޫންތޯއެވެ؟
މި ކަންކަން މި މަގުން ދަންނަ ހާލު ވެސް ޞުލްޙައިގެ އަމާންކަން ގެއްލުވައިލާ، ބިމުގައި ނާމާންކަން ފަތުރައި ބިން ފަސާދަކުރާ ބަޔަކު އުޅެއެވެ. އެފަދަ މީހުން ﷲގެ ކޯފާއާއި ވަޢީދުގެ ތެރެއަށް ވެއްޓިދާނެތީ ބިރުވެތިވާން ޖެހޭނެއެވެ. މާތް ﷲއަކީ ޢަޒާބު ގަދަފަދަ ވެގެންވާ އިލާހުކަން ދަންނަންވާނެއެވެ.
ބިން ފަސާދަކުރާމީހުންނަށް ހުރި އުޤޫބާތުގެ ވާހަކަ އަންގަވައި މާތް ﷲ ވަޙީކުރެއްވި ބަސްފުޅުގައި ވެއެވެ. ﴿إِنَّمَا جَزَاءُ الَّذِينَ يُحَارِبُونَ اللَّهَ وَرَسُولَهُ وَيَسْعَوْنَ فِي الْأَرْضِ فَسَادًا أَن يُقَتَّلُوا أَوْ يُصَلَّبُوا أَوْ تُقَطَّعَ أَيْدِيهِمْ وَأَرْجُلُهُم مِّنْ خِلَافٍ أَوْ يُنفَوْا مِنَ الْأَرْضِ ذَٰلِكَ لَهُمْ خِزْيٌ فِي الدُّنْيَا وَلَهُمْ فِي الْآخِرَةِ عَذَابٌ عَظِيمٌ﴾ (المائدة: ٣٣) މާނައީ: "اللَّهއާއި، އެކަލާނގެ ރަސޫލާއާ ހަނގުރާމަކޮށް އުޅޭ މީހުންނާއި، ބިމުގައި ފަސާދަކުރުމަށް މަސައްކަތްކޮށް އުޅޭ މީހުންގެ ޖަޒާއެއް ކަމުގައިވާކަން ކަށަވަރީ އެއުރެން މެރުމެވެ. ނުވަތަ ޞަލީބަށް އެރުވުމެވެ. ނުވަތަ، ތަފާތުކޮށް އެއުރެންގެ އަތްފައި ބުރިކުރުމެވެ. (އެބަހީ: ކަނާތާއި، ވާތުފައި ނުވަތަ ވާތާއި، ކަނާތުފައި ބުރިކުރުމެވެ.) ނުވަތަ، ރަށުން ފޮނުވައިލުމެވެ. އެއީ އެއުރެންނަށް ދުނިޔޭގައި ހުރި ނިކަމެތިކަމެވެ. އަދި އާޚިރަތުގައި، އެއުރެންނަށް ބޮޑުވެގެންވާ އަޒާބުހުށްޓެވެ."
މި އާޔަތުގައި އެ އަންގަވާ ފަސާދަކުރާ މީހުން ހިމަނުއްވައިފައި އެ ވަނީ ﷲއާއި އެކަލާނގެ ރަސޫލާއާ ހަނގުރާމަކޮށް އުޅޭ މީހުންނާ އެއް ހަމައެއްގައެވެ. އެހެންކަމުން އެނގެނީ ބިމުގައި ފަސާދަކުރުމުގެ ނުރައްކާތެރި ކަމެވެ. އަދި ހަމައެހެންމެ ބިން ފަސާދަކުރާ މީހުންނަށް ދެއްވުމަށް ކަނޑަ އަޅުއްވައިފައި އެވާ އަދަބަކީ ވެސް ކުޑަ އަދަބެއް ނޫނެވެ.
ފަސާދަކުރާ މީހުން ވަޒަނުގައި ދިރިއުޅެން ދޫކޮށްލުމަކީ އެ ތަނެއް އިތުރަށް ފަސާދަވެ ހަލާކު ވެދާނެ ކަމެކެވެ. އެހެންވީމާ އެ މީހުންނަށް ދޭން އޮތް އަދަބަކީ އެންމެ ނުބައިގޮތުގައި އެ މީހުން މެރުން، ނުވަތަ ޞަލީބަށް އަރުވައި މީސްތަކުންނަށް ފެންނާނޭހެން ބެހެއްޓުމެވެ. ނޫނީ އެ މީހުންގެ ކަނާއަތާއި ވައަތު ފައި ކެނޑުމެވެ. ނުވަތަ އެންމެ ކުޑަ މިނުން އެ މީހުން ރަށުން ބޭރުކުރުމެވެ. ފަސާދަކުރާ ބަޔަކު އިތުރަށް އެމުޖުތަމަޢުގައި ބޭތިއްބުމަކީ އެ ތަނެއްގެ މުސްތަޤުބަލު އެކީއެކަށް ފުނޑުކޮށްލާން ދޫކޮށްލުމެވެ.
ބަޔާންވެގެންވާ ފަސޭހަ ތަފްސީރުގެ ދިވެހި ތަރުޖަމާގައި މައިދާ ސޫރަތުގެ 33ވަނަ އާޔަތުގެ ތަފްސީރުގައި އަންނަނިވި އިބާރާތް ލިޔުއްވައިފައި ވެއެވެ. "ހަނގުރާމައާއި ފަސާދަ އެކި ދަރަޖައަށް ވާތީ، މާތް ﷲ ވަނީ އެ ކަމުގެ ޢުޤޫބާތް ވެސް ތަފާތު ދަރަޖަތަކަށް ބައްސަވައިފައެވެ. އެއީ، ހަމައެކަނި ޤަތުލުކުރި މީހާ ޤަތުލު ކުރުމެވެ. ޤަތުލުކޮށް މުދާ ފޭރިގަންނަ މީހާ ޤަތުލުކޮށް ޞަލީބަށް އެރުވުމެވެ. މަގުފޭރޭ މީހާގެ ކަނާތާއި ވާތު ފައި ކެނޑުމެވެ. މަގުމަތީގައި މީސްތަކުންނަށް ބިރު ދައްކައި މީސްތަކުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދާ މީހާ ރަށުން ބޭރުކޮށް އަރުވާލުމެވެ. މި އަދަބަކީ ދުނިޔޭގައި އެބައިމީހުންނަށް ދެވޭ ނިކަމެތި ކަމެކެވެ. ޤިޔާމަތް ދުވަހު އެބައިމީހުންނަށް ނަރަކައިގެ ޢަޛާބު ހުއްޓެވެ. އުޤޫބާތް ކަނޑައަޅުއްވާފައި ވަނީ ޖަރީމާގެ މިންވަރަށެވެ. ޞަލީބަށް އަރުވާނެ ގޮތަކީ ދިރި ހުއްޓައި ޞަލީބަށް އަރުވައި، ލޮންސިއަކުން އޭނާގެ ބަނޑުފަޅައި، މަރުވުމަށް ފަހު މީހުންނަށް ޢިބްރަތަކަށް ވުމަށް ތިން ދުވަހު އެ ގޮތަށް ބެހެއްޓުމެވެ."
އަޅުގަނޑުމެންނަކީ ޒަމާނުއްސުރެ އަމާންކަމާ އެކު އުޅެން ފަރިތަވެފައި ތިބި ބައެކެވެ. ދިވެހީންގެ ތެރޭ އަދަބެއްގެ ގޮތުން ވެސް މީހަކަށް ބޮޑު ކަމެއް ކުރާތީ ފެނިފައި ވަނީ ވަރަށް މަދުންނެވެ. އޭގެ އެންމެ ބޮޑު ސިއްރަކީ އެވަރުގެ އަދަބު ދޭން ޖެހޭ މީހުން ޒަމާނުއްސުރެ ދިވެހީންތެރޭ ނެތުމެވެ. ނަމަވެސް މިއަދު މި ހާލަތު ވަރަށް ބޮޑަށް ބަދަލު ވެއްޖެއެވެ. ރައްބެއް ރަސޫލެއް ދަންނަ ބަޔަކު ނެތް ކަހަލައެވެ. އަޤަލެއް ކުލުނެއް މީސްތަކުންނާމެދު އޮތްހެން ވެސް ހީނުވަނީއެވެ. ހިތާމައިގެ ކޮޅުނެތްކޮޅަށް ހިތާމައެވެ.
އަޅުގަނޑުމެންގެ އަމިއްލަ ޢަމަލުތަކުން ފަސާދައަށް މަގުފަހިވާ ކަންކަން ހުއްޓައިލަން ޖެހެއެވެ. އެ ކަންކަމުގެ ނުރައްކާތެރި ނަތީޖާގެ ވާހަކަ ތަކުރާރުކޮށް ދައްކަން ޖެހެއެވެ. ފަސާދަކުރާ މީހުންގެ ސަބަބުން އެހެން މީހުންނަށް ލިބޭ ގެއްލުންތައް ހުއްޓުވަން ވެއްޖެއެވެ. ފަސާދަވެރިންނަށް އޭގެ ޙައްޤު އަދަބުދޭން ލަސްވެއްޖެއެވެ.