ދަރިވަރުންނޭވެ! ކިޔަމަންތެރިވާށެވެ!

ދިވެހިރާއްޖޭގެ ލޮބުވެތި ދަރިވަރުންނޭވެ! ތިޔަ ލޮބުވެތި ދަރިވަރުންނަކީ މި ޤައުމުގެ މުސްތަޤުބަލެވެ. ޖީލަކަށްފަހު ޖީލެއް އެނބުރެމުންދާ މި ދުނިޔޭގައި އިހުތިބީން ނެތިގޮސް، ފަހުތިބީން އިސްވާނެއެވެ. މި ގޮތުގައި ބުރު ބަދަލުވެބަދަލުވެ ހުންނާނެވެ. މާދަމާ ތިޔަ ކުދީން ތިބޭނީ މި ޤައުމުގެ ހުނގާނުގައެވެ. ޤައުމުގެ ވެރީންގެ ގޮތުގައެވެ. ވަޒީރުންގެ ގޮތުގައެވެ. މަސައްކަތްތެރިކަމުގެ ޞިނާޢަތް އޮންނާނީ ތިޔަ ކުދީންގެ ބެލުމުގެ ދަށުގައެވެ. ތަރުބިއްޔަތުގެ މައިދާން އޮންނާނީ ތިޔަކުދީންގެ އަތް މަތީގައެވެ. މިހެންގޮސް ކިޔާނެކަމެއް ނެތެވެ. އޮތިއްޔާއޮތްހައި ކަމެއްގެ ބެލެހެއްޓުންތެރީންނަކީ ތިޔައީއެވެ.

ދަރިވަރުންނޭވެ! ކިޔަމަންތެރިވާށެވެ! މާދަމާގެ ޒިންމާއަށް ތިޔަ ކުދީން ހޭނުމުގެ ބުރަ މަސްއޫލިއްޔަތު އުފުއްލަވާން ތިއްބެވި މުރައްބީންގެ ބަސްއަހާ ކުދީން ކަމުގައި ވާށެވެ. އެ ބޭފުޅުން ދެއްވާ އިރުޝާދާއި ޙަވާލުކުރައްވާ މަސައްކަތްތަކަކީ މާ ފަސޭހަ ނޫން ކަންކަމަށް ވެދާނެއެވެ. ކުރާހިތް ނުވާ ކަންކަމަށް ވެދާނެއެވެ. އެހެނަސް ދަންނާންޖެހޭ ޙަޤީޤަތަކީ އެއިން ކޮންމެ ކަމެއްގައި ވެސް ޙާޞިލުކުރަން އެދޭ މަޤްޞަދެއް އޮންނާނޭ ކަމެވެ. ދަސްކޮށްދޭ ފިލާވަޅެއް އޮންނާނޭ ކަމެވެ. އެއްވެސް މުދައްރިސެއް ނުވަތަ ތަރުބަވީ މައިދާނުގެ ބޭފުޅަކު ދަރިވަރުންނަށް އުނދަގޫކުރައްވާކަށް ނުވަތަ ވަގުތު ބޭކާރު ކުރުވާކަށް އެއްވެސް މަސައްކަތެއް ޙަވާލު ނުކުރައްވާނެއެވެ. އެ ކަން ދަނެ އިރުޝާދުތަކަށް ކިޔަމަންވާށެވެ!

ދަރިވަރުންނޭވެ! މުދައްރިސުންނަށް އެންމެ ދުވަހެއްގައި ޤަދަރުކޮށްފައި އެހެން ހުރިހާ ދުވަހެއްގައި ބޭއަދަބީކުރާކަށް ނުވާނެއެވެ. ފާހަގަކުރާ ޙަފުލާއަކީ ހަމައެކަނި މަޒުހަރީ ކަމެކެވެ. އެ ކަމުގައި ނުވަތަ އެ ކަމެއް ހިނގާ ވަގުތުގައި އެ މުދައްރިސުންނަކީ އެންމެ ރަނގަޅު މީހުން ކަމުގައި އެންމެ ލޮބުވަތާ މީހުން ކަމުގައި ބުނަމުން، އެކަމުގެ އަގު ވަޒަންކުރަމުން، ހަދިޔާ ދީހަދާއިރު، އެ މުދައްރިސުން ޙަޤީޤަތުގައި ތިޔަ ދަރިވަރުންގެ ކިބައިން އެދެނީ ކޮން ކަމެއްތޯ ބަލައިލީމުހެއްޔެވެ؟ އެ މުދައްރިސުން އެދެނީ އެބޭފުޅުންގެ ކިބައިން އެދުރުވެގެން ދަސްވެނިވާނެ މޮޅެތި ދަރިވަރުންތަކަކަށެވެ. އެބޭފުޅުންގެ މަޤާމު މާދަމާ ފުރާނެ ކުޅަދާނަ މުވާޠިނުންތަކަކަށެވެ. މި ޤައުމުގެ އިސް ސަފުގައި ތިބެގެން އަމާން ބަނދަރަކަށް ޤައުމު ގެންދާ ބަޠަލުންނަކީ އެ މުދައްރިސު ކިޔަވައިދެއްވި ތިޔަ ދަރިވަރު ކަމުގައި ވުމެވެ.

ތަޢުލީމާ ތަރުބިއްޔަތުގެ މައިދާނުގައި މިއަދު ފެންނަ ހިތާމަވެރި އެއް މަންޒަރަކީ އުނގެނުމާއި އުނގަންނައިދިނުމުގެ ކަންކަމުގައި އެއް ބަޔަކު އަނެއް ބަޔަކަށް ދިއްކުރާ އިނގިއްޔާއި އެއްލާ ބަސްތަކެވެ. ކިޔަވައިދިނުމުގެ ކަންކަމުގައި މުދައްރިސުން ބެލެނިވެރިންނަށް، ބެލެނިވެރިން މުދައްރިސުންނަށް އަމާޒުކޮށް ކިޔައިއުޅޭ ގިނަ ޝަކުވާތަކެވެ. އަނެއްބައި ފަހަރު ދަރިވަރުން މުދައްރިސުންނަށް އަދި މުދައްރިސުން ދަރިވަރުންނަށް އިނގިލި ދިއްކޮށް ބުނާ ނޭދެވޭ ބަސްތަކާއި ކަންބޮޑުވުމުގެ ޝަކުވާތަކެވެ. މިފަދަ އެތައް ކަމެއް ކިޔަވައިދިނުމުގެ ކަންކަމާ ގުޅިގެން ހިނގާފައިމެ، ކުޅިވަރާއި ކެއުންބުއިމުގެ ޙަފުލާތަކުގައި އެންމެން އެބަ އެއް ގަލަކަށް އަރައެވެ. އެއް ގަލަކަށް އަރަންވެސް ވާނެއެވެ. މިފަދަ ޙަރަކާތްތަކަކީ އުޅުމާއި ގުޅުން ރަނގަޅުކޮށްދޭނޭ ކަންކަމެވެ.

އެކުވެރި މާޙައުލުތަކުގައި ބޭއްވޭ މިފަދަ ޙަފްލާތަކޭ އެއްގޮތަށް އުނގެނުމާއި އުނގަންނައިދިނުމުގެ ކަންކަމުގައި ވެސް އެންމެން އެކައްޗެއް ކިޔައި އެއްބާރުލުން ދިނުމަކީ މުހިންމު ކަމެއް ކަމުގައި ދެކެންވާނެއެވެ. ކުޅިވަރާއި ކެއުމުގެ ޙަރަކާތްތަކަށް ދަރިވަރުން ވެސް ތިޔަ ބަހައްޓާ ފޯރި ކިޔެވުމަށް ވެސް ބަހައްޓަން ވާނެއެވެ. ކުލާހު ހުރިހާ ކުދިންނަށް ބަހައިލައިގެން ޕާޓީއަށް ބޭނުންވާ ތަކެތި ހޯދާ ގޮތަށް އެއް ކުއްޖަކު އަނެއް ކުއްޖެއްގެ ކިބައިން މަދަދު ހޯދައިގެން ފިލާވަޅުތައް ނިންމަން ވާނެއެވެ. ޓީޗަރުން ބޭނުންވަނީ ޕިއްޒާ ޕާޓީއެއް ނޫނެވެ. ހޯމްވޯރކްތައް ރަނގަޅަށް ނިންމަންޏާ އެ ބޭފުޅުން ހާދަ އުފާވާނެއެވެ. ޙަފުލާއަށާއި ކުޅިވަރަށް ބޭނުންވާ ތަކެތި ފުރިހަމައަށް ހަމަކޮށްގެން ގަޑިނުޖެހި ދަރިވަރުން ގެންދާ ފަދައިން، ކިޔެވުމަށް ބޭނުންވާ ހުރިހާ ތަކެއްޗެއް ހަމަކޮށްގެން ގަޑިނުޖެހި ސްކޫލަށް ދަރިވަރު ގެންދާ ބެލެނިވެރިޔާދެކެ ޓީޗަރުން ހާދަ ލޯބިވާނެއެވެ. މިހުރީ ހައްތަހާ ވެސް އިޞްލާޙުކުރާން ހުރި ކަންކަމެވެ. މި ކަންކަން އިޞްލާޙުކުރުމަކީ މާދަމާގެ މުސްތަޤުބަލު އުޖާލާކުރުން ނޫންތޯއެވެ؟

ލޮބުވެތި ދަރިވަރުންނޭވެ! މުދައްރިސުންނާއި މުރައްބީންނަށްވުރެ އިސްވާނޭ ބަޔަކީ މައިންބަފައިން ކަން ވެސް ދަންނާން ވާނެއެވެ. މައިންބަފައިންނަށް ކިޔަމަންތެރިވާށެވެ! އެއީ މާތް ﷲ ކުރައްވައިފައިވާ ވަޞިއްޔަތްޕުޅެކެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ. ﴿وَوَصَّيْنَا الْإِنسَانَ بِوَالِدَيْهِ حُسْنًا﴾ ‎(العنكبوت: ٨)‏ މާނައީ: "އިންސާނާއަށް އޭނާގެ މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް ތިމަންރަސްކަލާނގެ ވަޞިއްޔަތްކުރައްވައި، އަމުރުކުރެއްވީމެވެ." ކޮންމެ މަންމައެއް އަދި ބައްޕައެއް ވެސް އޭނާގެ ދަރިންގެ ކިބައިން އެދޭނީ ކިޔަމަންތެރިކަމެވެ. މައިންބަފައިންނަށް ކިޔަމަންތެރިވުމަކީ އެ މީހުންނަށް އިޙުސާންތެރިވުމުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ލޮބުވެތި ދަރިވަރުންނޭވެ! ތަޢުލީމީ ޙަޔާތުގެ އެންމެ ބޮޑު ދަރެހަކީ ކިޔަމަންތެރިވުމުގެ ފިލާވަޅެވެ. އެކަން ޙާޞިލުކުރެވިއްޖެ ކޮންމެ ދަރިވަރަކަށް އުނދަގޫ އެހެން އެއްވެސް ކަމެއް ނޯންނާނެއެވެ. ކިޔަމަންތެރިކަމުގެ ފިލާވަޅަކީ ތަރުބަވީ ފިލާވަޅެކެވެ. އެއީ ހިތުދަސްކުރެވޭ އެއްޗެއް ނޫނެވެ. ލިޔެގެން ކިޔައިގެން ހޯދޭ އެއްޗެއް ނޫނެވެ. އެހެނަސް އެއީ ޢަމަލީ ތަޖުރިބާއެކެވެ. ބުނާ ބަހެއް އަޑުއަހައި، ތިމާގެ ހިތް ނުރުހުނަސް އެ ބުނިގޮތަށް އެ ކަމެއް ކުރުމެވެ. ހިތާ ދެކޮޅަށް ކުރާ އެ ތަޖުރިބާއިން ފަހުން ލިބޭ ފޮނިކަން އެއީ ކިޔަމަންތެރިކަމުގެ މޭވާއެވެ. މި މޭވާގެ ފޮނި ރަހަ ޙާޟިލުކުރެވޭނީ ހަމައެކަނި ކިޔަމަންތެރިވެގެންނެވެ. ޓީޗަރަށް ކިޔަމަންތެރިވާށެވެ! މައިންބަފައިންނަށް ކިޔަމަންތެރިވާށެވެ! މި ކަންކަން މާތް ﷲއަށް ކިޔަމަންތެރިވެގެން ކަމުގައި ދަންނާށެވެ!

comment ކޮމެންޓް