އިސްލާމްދީނުގައި ޢިލްމުގެ ދަރަޖަ

އިސްލާމްދީނަކީ ހުރިހާ ކަމެއްގައި ވެސް އެންމެ ފުރިހަމަ ގޮތްތަކާއި ރަނގަޅު ގޮތްތައް ޚިޔާރުކޮށްފައި ވާ ދީނެވެ. ކަންކަމުގެ ރަނގަޅު ނުރަނގަޅު ބަޔާންވެ އެނގެނީ ޢިލްމުގެ ޒަރީޢާއިންނެވެ. މި ސަބަބަށް ޓަކައި ޢިލްމު އުނގެނުމަށް އިސްލާމްދީން ވަރަށް ބޮޑަށް ބާރުއަޅުއްވައެވެ.

ޢިލްމާއި، ޢިލްމުގެ އަހުލުވެރިންނަށް މާތް ﷲ ވަނީ ވަރަށް މަތިވެރި ދަރަޖަތަކެއް ދެއްވައިފައެވެ. މި ކަމުގެ އެންމެ ބޮޑު ހެއްކަކީ ކީރިތި ޤުރުއާނުން އެންމެ ފުރަތަމަ ބާވައިލެއްވުނު އާޔަތުގައި ވެސް ޢިލްމު އުނގެނުމަށް ބާރުއަޅުއްވައިފައި އޮތްއޮތުމުންނެވެ. އޭގައި އޮތީ ﴿اقْرَأ﴾ "ކިޔާށެވެ!" އޮތް އަމުރުފުޅެވެ. ހުރިހާ ޢިލްމެއްގެ ވެރި އިލާހަކީ މާތް ﷲއެވެ. އެއީ "العَلِيْم" "ދެނެވޮޑިގަތުން ބޮޑު އިލާހެވެ." މިއީ މާތް ﷲގެ ސިފަފުޅުތަކުގެ ތެރެއިން ސިފަފުޅެކެވެ.

މާތް ﷲއަކީ، ފެށުމާއި އޭގެ ކުރިޔާ، ނިމުމާއި އޭގެ ފަސް ވެސް، އަޒަލުއްސުރެ މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ. އިންސާނާގެ ނިސްބަތުން ޢިމްލަކީ ހޯދައި ލިބިގަންނަން ޖެހޭ އެއްޗެކެވެ. އެހެންކަމުން ޢިލްމު އިތުރުކޮށްދެއްވުންއެދި ދުޢާ ކުރުމަށް ﷲ تعالى ވަނީ އަމުރު ކުރައްވައިފައެވެ. ﴿وَقُل رَّبِّ زِدْنِي عِلْمًا﴾ ‎(طه: ١١٤)‏ މާނައީ: "އަދި ކަލޭގެފާނު ވިދާޅުވާށެވެ! އޭ އަޅުގެ ރައްބެވެ! އަޅާއަށް ޢިލްމު އިތުރުކޮށްދެއްވާނދޭވެ!" މި އާޔަތާމެދު ތަދައްބުރުގެ ނަޒަރަކުން ވިސްނައިލުމުން އެނގެނީ ޢިލްމު ދެއްވުންއެދި ﷲއަށް ދަންނަވަންވީ ކަމެވެ. އެ އިލާހު އެވަނީ ޢިލްމުދެއްވުން އެދި ދުޢާކުރުމަށް އަންގަވައިފައެވެ. ޢިލްމުގެ އަހުލުވެރިން ވިދާޅުވާ ގޮތުގައި ޢިލްމު ފިޔަވައި ދުނިޔޭގެ އެއްވެސް އެއްޗަކުން އިތުރުކޮށް ދެއްވުން އެދި ދުޢާކުރުމަށް އެ އިލާހު އަންގަވައިފައި ނުވެއެވެ. މި ކަމުން އެކަނި ވެސް އިސްލާމްދީނުގައި ޢިލްމަށް ދެއްވައިފައި އޮތް މަޤާމު ހާމަވެއެވެ.

ޢިލްމުގެ އަހަންމިއްޔަތާއި ކަރާމަތަށް ޓަކައި ޢިލްމު އުނގެނޭ ފަރާތްތަކަކީ ވެސް މަދަހަ ލިބޭ ބައެއް ކަމުގައި މާތް ﷲ ވަނީ ލައްވަވައިފައެވެ. އެބައި މީހުންގެ ދަރަޖަ އެ ނޫން އެހެން އެންމެންގެ މައްޗަށް ވަނީ އުފުއްލަވައިފައެވެ. އެ ވާހަކަ ބާޔާންކުރައްވައި ކީރިތި ޤުރުއާނުގައި ﷲ ވަޙީކުރެއްވިއެވެ. ﴿يَرْفَعِ اللَّهُ الَّذِينَ آمَنُوا مِنكُمْ وَالَّذِينَ أُوتُوا الْعِلْمَ دَرَجَاتٍ﴾‏ (المجادلة: ١١) މާނައީ: "ތިޔަބައިމީހުންގެ ތެރެއިން އީމާންވި މީހުންނާއި، ޢިލްމު ލިބިގެންވާ މީހުން، މާތް ﷲ، ދަރަޖަތަކަކަށް އުފުއްލަވާނެތެވެ."

މި އާޔަތުން ވެސް އެނގެނީ ޢިލްމަށް މާތް ﷲ ދެއްވައިފައިވާ އަހަންމިއްޔަތެވެ. އަދި އީމާންވީ މީހުން ވެސް ދަރަޖަތަކަކަށް އުފުއްލަވާނެކަމެވެ. ޢިލްމު ލިބިގެންވާ މީހުންނާއި އީމާންވި މީހުން ދަރަޖަތަކަކަށް އުފުއްލެވުމުގައި ޚާއްޞަކުރެއްވީ، އެބައިމީހުން މާތް ﷲގެ އެއްކައުވަންތަކަމަށް ހެކިވާތީ ކަމަށް ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ رَحِمَهُ اللهُ ވިދާޅުވެފައި ވެއެވެ.

މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. ﴿شَهِدَ اللَّهُ أَنَّهُ لَا إِلَـٰهَ إِلَّا هُوَ وَالْمَلَائِكَةُ وَأُولُو الْعِلْمِ قَائِمًا بِالْقِسْطِ﴾ (آل عمران: ١٨) މާނައީ: "ހަމަކަށަވަރުން، اللَّه، އެކަލާނގެ ފިޔަވައި ޙައްޤުވެގެން އަޅުކަންވެވޭ އިލާހަކު ނުވާކަމަށް ހެކިވެވޮޑިގެންފިއެވެ. އަދި، މަލާއިކަތުންނާއި، ޢިލްމުގެ އަހުލުވެރިން ވެސް (އެކަމަށް) ހެކިވިއެވެ." މި އާޔަތުން ވެސް އެނގެނީ ޢިލްމާއި އެ ޢިލްމު ހޯދާ ފަރާތްތަކުގެ މާތްކަމެވެ. މާތް ﷲގެ އެއްކައުވަންތަ ކަމަށް އެ އިލާހު ހެކިވެވޮޑިގެން ހިނދު، ދެން އޭގެ ހެކިވެރިން ކަމުގައި މަލާއިކަތުންނާއި ޢިލްމުގެ އަހުލުވެރިންވުމީ ކުޑަ ޝަރަފެއް ނޫނެވެ. އެއީ އާދައިގެ ކަމަކަށްވުރެ މާ ބޮޑު ކަމެކެވެ.

ޢިލްމު ހޯދުމަށް ބާރުއަޅުއްވައިފައި ވާ މިންވަރު ހާމަވާ އަނެއް ކަމަކީ، ޢިލްމު ހޯދަން ނުކުމެއްޖެ މީހާ ސުވަރުގެ ދާނެ މަގެއް ފަހިކޮށްދެއްވާނެ ކަމަށް ނަބިއްޔާ صَلَى اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވި ކަމެވެ. އަދި ހަމައެހެންމެ އުޑުތަކާއި ބިމުގައިވާ ހުރިހާ ފަރާތެއް ޢިލްމުގެ އަހުލުވެރިންނަށް ފާފަ ފުއްސަވައިދެއްވުންއެދި ދުޢާ ކުރާނޭ ކަމުގައި ވެސް އެކަލޭގެފާނު ވަނީ އަންގަވައިފައެވެ.

ލޮބުވެތި ކިޔުންތެރިންނޭވެ! އަޅުގަނޑުމެންގެ ތެރެއިން އެއްވެސް މީހަކަށް އަދި މާ ލަހެއް ނުވެއެވެ. މަރު ބައްދަލުވުމުގެ ކުރިން ކޮންމެސް ޢިލްމެއް އިތުރުކޮށްލެވޭތޯ ބަލާށެވެ. ފޮތްކިޔުމަށް އާދަކުރާށެވެ. ސުވާލުކޮށްގެން އޮޅުން ފިލުވާށެވެ. ވަށައިގެން ފެންނަ މަންޒަރުތަކުން ޢިބުރަތް ހާސިލުކުރާށެވެ. އިވޭ ކޮންމެ އަޑެއްގައި ފައިދާހުރި ބަހެއް އޮތްނަމަ ހިތުގައި ރައްކާކުރާށެވެ. ޢިލްމު ލިބޭނީ ގިނަ ދުވަހުން ބުރަ މަސައްކަތުންނެވެ.

comment ކޮމެންޓް