މި އުންމަތަކީ ﷲ ފޮނުއްވެވި އެންމެ ފަހުގެ ނަބިއްޔާ ނިސްބަތްވާ އުންމަތެވެ. މި އުންމަތް ޤިޔާމަތްދުވަހާ ޖެހެންދެން ދެމި އޮންނާނީ ޖީލުތަކުން ޖީލުތަކަށް ވާރުތަވަމުންވާރުތަވަމުން ދާގޮތަށެވެ. އެހެންކަމުން މި އުންމަތުގެ ކުރިމަގަކީ އަބަދުވެސް އެ ޖީލެއްގައި ތިބޭ ޒުވާނުންނެވެ.
ޒުވާންކަމަކީ ހުރިހާ ބާރެއް އިންސާނާގެ ކިބައިގައި ޖަމާވާ ދުވަސްވަރެވެ. ފަރުދީ ގޮތުންނާއި އިޖްތިމާޢީ ގޮތުން ވެސް މެއެވެ. އިޤްތިޞާދީ ގޮތުންނާއި ފަންނީ ގޮތުންނާއި ޖިސްމާނީ ގޮތުން ވެސް އިންސާނާ އެންމެ ވަރުގަދަވަނީ ޒުވާން އުމުރުގައެވެ. އެދުވަސްވަރު ﷲއަށް ކިޔަމަންގަތުމުގައި ތިބޭ ޒުވާނުންނަކީ އަންނަން އޮތް ޖީލަށް މި އުންމަތުގެ ހުރިހާ ކަމެއް ވާރުތަކޮށްދޭން ތިބި މީހުންނެވެ. އެ މީހުންގެ އަޖުރު މާތް ﷲގެ ޙަޟްރަތުގައި އެތައް ގުނައެއް މަތިވެރިވެގެން ވެއެވެ.
ޒުވާންކަމުގައި ﷲގެ ކިޔަމަނަށް ވަނުމަކީ ދުނިޔެއާއި އާޚިރަތުގައި ފަލާޙާއި ކާމިޔާބު އޭނާގެ އަތުގައި ހިފާނޭ ކަމެކެވެ. ދުނިޔޭގެ ހޫނާ ވޭނުން ސަލާމަތް ވުމަށްފަހު، އާޚީރަތުގެ ހޫނުން ވެސް ސަލާމަތްވުން، ޒުވާން އުމުރުގައި ކިޔަމަންތެރިވާ މީހާއަށް އޮންނާނެއެވެ. މާތް ނަބިއްޔާ صَلَى اللهُ عَلَيْهِ وَسَلَّمގެ ޙަދީޘްތަކަށް ނަޒަރު ހިންގައިލުމުން ފެންނާން އޮތީ ޒުވާން އުމުރުގައި ކުޅަ ކަންކަމުގެ ސަބަބުން އާޚިރުގައި އެއްބަޔަކު ނިކަމެތިވެ ދެރަކަން ލިބޭ ވާހަކައާއި އަނެއް ބަޔަކަށް އުފާ ފާގަތިކަން ލިބޭ ވާހަކައެވެ. އެބަޔަކު ކުޅަ ޢަމަލުތަކާ ލާއިޤުވެގެންވާ ގޮތުގައެވެ.
ޤިޔާމަތްދުވަހުން ޢަރްޝީގެ ހިޔާވަހިކަން ލިބޭ ހަތް މީހުންގެ ތެރޭގައި މާތް ﷲއަށް އަޅުކަން ކުރުމުގައި ޒުވާންކަން ހޭދަކުރި ޒުވާނާގެ ވާހަކަ ހިމެނިފައި ވުމުން އެ މީހުންގެ މުހިންމުކަން އެނގެއެވެ. ހަމައެހެންމެ، ޤިޔާމަތްދުވަހުން އިންސާނާއާ ހަތަރު ސުވާލެއް ކުރެވޭނެ ކަމާއި އެ ސުވާލުތަކަށް ޖަވާބު ދީފުމަށްދާންދެން އޭނާގެ ފައި ހުރިތަނުން ގުޑުވައި ނުލެވޭނެ ކަމަށް އައިސްފައިވާ ޙަދީޘުގައި ވެސް ޒުވާންކަމާ ބެހޭ ގޮތުން ސުވާލުކުރެވޭކަމީ، އެ އުމުރުގެ މުހިންމުކަން ބަޔާންވާ ކަމެކެވެ. އެ ދުވަސްވަރު އޭނާގެ ކޮނޑުގައި އެޅިފައި އޮތް ޒިންމާގެ ބޮޑު ކަމެވެ. ދީން ނަގަހައްޓައި ކުރިޔަށް އޮތް ޖީލަށް ފޯރުކޮށް ދިނުމުގައި އޭނާއަށް އޮތް ދައުރުގެ މުހިންމުކަމެވެ.
މި އުންމަތުގެ ކުރިމަގަކީ ޒުވާނުންނެވެ. މި އުންމަތް ކުރިއެރުވޭނީ ޒުވާނުންނަށެވެ. މި އުންމަތުގެ ކުރިމަގު އުޖާލާކުރެވޭނީ ވެސް ޒުވާނުންނަށެވެ. އެހެންކަމުން ބޭކާރު ގޮތުގައި ވަގުތު ނަގައިލާ ބަޔަކު ކަމުގައި ޒުވާނުން ވެގެން ނުވާނެއެވެ. ސައުވީސް ގަޑިއިރު ކުޅިމަޖަލުގައި ހޭދަކުރާ ބަޔަކަށް ވެގެން ނުވާނެއެވެ.
މާތް ނަބިއްޔާ صَلَى اللهُ عَلَيْهِ وَسَلَّمއަށް އިސްލާމްދީނުގެ ރިސާލަތު ލިބިވަޑައިގަތުމާ އެކު، އެކަލޭގެފާނަށް އެންމެ ބޮޑަށް އިޖާބަދެއްވި ބޭކަލުންނަކީ އޭރު މައްކާގައި ތިއްބެވި ޒުވާން ޞަޙާބީ ބޭކަލުންނެވެ. އެ ބޭކަލުންގެ ޒުވާން އުމުރުގައި އިސްލާމްދީނަށް ޚިދުމަތްކުރެއްވެވީ ލިބިވަޑައިގެން ހުރި ހުރިހާ ވަޞީލަތެއްގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިތްޕަވައިގެންނެވެ.
ނަބިއްޔާ صَلَى اللهُ عَلَيْهِ وَسَلَّم ދުނިޔެ ދޫކުރެއްވީއްސުރެ އުންމަތައިގެން ތެދުވެވަޑައިގެން ދުނިޔޭގެ ހަ ބިތަށް އިސްލާމްދީނުގެ އަލިގަދަ ނޫރު ފެތުރުއްވެވީ ޒުވާން ބޭކަލުންގެ ހިތްމަތާއި މިންނަތްޕުންނެވެ. އެކި ޤައުމުތައް ފަތަޙަކުރައްވައި އިސްލާމީ ޙަޟާރަތުގެ ތަނބުތަށް އެ ބޭފުޅުން ވަރުގަދަކުރެއްވިއެވެ.
މިއަދު އަޅުގަނޑުމެންގެ މުޖުތަމަޢަށް ވެސް ބޭނުން ވަނީ އެފަދަ ޒުވާނުންތަކެކެވެ. ދިވެހި އިސްލާމީ އުންމަތް އެބަޔެއްގެ ބުރަކަށި މަތީގައި ނަގަހައްޓައި ކޮޅަށްޖަހައި އުފުލާނެ ބަޔެކެވެ. ޤައުމުން ގެއްލެމުންދާ އިސްލާމީ ތަޢުލީމާއި ތަރުބިއްޔަތާއި އަޚްލާޤިއްޔަތު އަލުން އިޢާދަކޮށް ގެންނާނޭ ބައެކެވެ. އިސްލާމްވަންތަކަން ދިރުވާ އާލާކޮށް އަންނަން އޮތް ޖީލުތަކަށް ގެންގޮސްދޭނޭ ޒުވާނުންތަކެކެވެ. އިސްލާމީ އުންމަތް މި ވަނީ ނަމޫނާ ޒުވާނުންތަކަކަށް ބޭނުން ޖެހިފައެވެ. ވަގުތު ބޭކާރު ކޮށް ނާޗަރަންގީ ކުޅެން ހަދައިގެން ދެ ދުނިޔެއިން ވެސް ލިބެން އޮތީ ގެއްލުމާއި ހަލާކެވެ.