އަޅުގަނޑުމެންގެ އަމާޒަކީ ސުވަރުގެއެވެ. ސުވަރުގެއަށް ދެވެން އޮތް ގޮތަކީ ހެޔޮ ޢަމަލުގެ ސަބަބުން ލިބޭ ހެޔޮ އަޖުރު މީޒާނުގައި ބަރުވުމެވެ. އެހެންކަމުން އަޖުރު ގިނަކޮށް އިތުރުކުރުމަކީ ސުވަރުގެއަށް ދިއުމަށް އޮތް ފުރުޞަތު ބޮޑު ވުމުގެ ސަބަބެކެވެ.
މިއަދު އަޅުގަނޑުމެން ދުނިޔޭގައި މި ތިބީ ވަރަށް ބޮޑަށް މާއްދީ ކަންކަމަށް ހޭލުންތެރިވެފައެވެ. މުދަލާއި ފައިސާ ހޯދާނެ މަގުތައް ދަސްކޮށް އެކަން ކުރުން ފަރިތަވެފައެވެ. މަސައްކަތްކޮށްގެން ހޯދާ ތަނަވަސްކަމާއި މަސައްކަތްނުކޮށް ތިއްބަސް ރުފިޔާ ލިބޭނެ ގޮތަށް ކޮށްފައި ހުންނަ މަސައްކަތްތަކުން ލިބޭ ތަނަވަސް ކަމެވެ. މި ގޮތަށް ސަވާބު ވެސް ހޯދޭނެކަން އަޅުގަނޑުމެން ދަސްކޮށް އެ ގޮތްގޮތަށް ޢަމަލުކުރަމާ ހިނގާށެވެ!
ކޮންމެ މީހަކަށް ވެސް އެ މީހަކު ހެޔޮ ޢަމަލުކުރި ވަރަކަށް ސަވާބު ލިބޭނެއެވެ. މަސައްކަތްކޮށްގެން ހޯދާ އާމްދަނީ ފަދައިން މަސައްކަތް ކޮށްގެން ހޯދާ ސަވާބާއި އަޖުރަކީ މިއީއެވެ. މަސައްކަތްނުކޮށް ހުއްޓަސް ފައިސާ ލިބޭ ގޮތަށް ކޮށްފައި ހުންނަ ކަންކަމެކޭ އެއްފަދައިން ތިމާ ހެޔޮ ޢަމަލު ނުކުރިޔަސް ސަވާބު ލިބިލިބި ހުންނަ ގޮތަށް ކުރެވޭނެ ޢަމަލުތައް މި ދީނުގައި ބަޔާންކޮށްދެއްވަފައި އެބަހުއްޓެވެ. އެ ކަންކަން ދަސްކޮށް އެ ގޮތުގައި ޢަމަލުކުރުމަށް އަވަސްވަމާ ހިނގާށެވެ!
ތިމާއަށް އަބަދު އަޖުރު ލިބިލިބި ހުންނާނޭ އެއް ގޮތަކީ ހެޔޮ ކަމަކަށް މީހަކަށް މަގުދެއްކުމެވެ. ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވިއެވެ. «مَنْ دَلَّ عَلَى خَيْرٍ فَلَهُ مِثْلُ أَجْرِ فَاعِلِهِ» (صحيح مسلم: 1893) މާނައީ: "ހެޔޮކަމަށް މަގުދައްކައިފި މީހާއަށް، އެ ހެޔޮ ކަން ކުރި މީހާއާ އެއްފަދަ އަޖުރެއް ލިބޭހުއްޓެވެ." މި ފަދައިން އެކަކު އަނެކަކަށް ހެޔޮ ކަންކަމަށް ކުރާ ވަޞިއްޔަތުން ސަވާބާއި އަޖުރު ލިބިލިބި ހުންނާނެއެވެ. އެ ސަވާބު ތިމާއަށް ލިބޭކަން އެނގޭނެ ގޮތެއް، ވަގުތުން ވަގުތަށް ނެތަސް އޭގެ އަދަދު ފަށްފަށްވެ ގިނަވެގެން ޤިޔާމަތްދުވަހުން ލިބޭއިރު އެ މީހަކަށް ވަރަށް ބޮޑު އުފަލެއް އިޙުސާސްކުރެވޭނެއެވެ.

ތިމާކުޅަ ޢަމަލުތަކަށްވުރެ ގިނަ ސަވާބު ތިމާއަށް ދެއްވިގެން ވާތަން ޤިޔާމަތްދުވަހުން ފެނުމުން ވާނޭ އުފަލަކީ މިއަދު ދުލަކުން ބަޔާންކޮށްދެވޭނޭ އެއްޗެއް ނޫނެވެ. އެ ހުރިހާ އަޖުރެއް ލިބުނީ ތިބާ މީހަކަށް ދަސްކޮށްދިން ހެޔޮ ޢަމަލެއްގެ ސަބަބުންކަން އެނގުމުން އެ ދުވަހު ބޭނުންވާނީ އިތުރަށް އެފަދަ ދަޢުވަތު ގިނަ މީހުންނަށް ދިނުމަށް އަލުން ދުނިޔެއަށް އަންނާށެވެ. އަދި އެ ސަވާބު ތިމާއަށް ދެވުނީ އަނެކާގެ އަތުން އެއްވެސް އެއްޗެއް އުނިކުރުމަކައި ނުލާކަން އެނގުން ވެގެންދާނީ އިތުރު އުފަލަކަށެވެ.
ތިބާ މީހަކަށް ހެޔޮ ކަމަކަށް ދައުވުތު ދީގެން އެ މީހަކު އެ ހެޔޮ ޢަމަލު ކުރުންމަތީ ދެމިހުރިހައި ދުވަހަކު ތިބާއަށް ސަވާބު ލިބިލިބި ހުންނާނީ، އެ މީހާއަށް ލިބޭ ސަވާބުން އެއްވެސް އެއްޗެއް އުނިނުވާ ގޮތަށްކަން ބަޔާންކުރައްވައި ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. "މި ދީނުގެ ރަނގަޅުކަމެއް ދިރުވައިފި މީހާ ދަންނާށެވެ! ފަހެ އެ ކަމަކަށް ޢަމަލުކުރި ކޮންމެ މީހެއްގެ ސަވާބު އެކަމަށް މަގުދެއްކި މީހާއަށް ވެސް ލިބޭހުއްޓެވެ. އެ ޢަމަލުކުޅަ މީހުންގެ ސަވާބުން އެއްވެސް މިންވަރެއް އުނިވުމަކައިނުލައެވެ." (صحيح مسلم: 1017)
ހެޔޮ ކަންކަމަށް ގޮވައިލުމަކީ މުސްލިމުންގެ ކިބައިގައި ހުންނަންޖެހޭނޭ މުހިންމު ސިފައެއް ވެސް މެއެވެ. ކީރިތި ޤުރުއާނުގައި މި އުންމަތުގެ މީހުންގެ ޚާއްޞަ ސިފައެއް ކަމުގައި އަންގަވައި ބަޔާންކުރައްވައިފައި ވަނީ، ހެޔޮ ކަންކަމަށް ގޮވައިލާ ނުބައި ކަންކަން ނަހީކުރާކުރުމެވެ. ﷲ ވަޙީކުރެއްވިއެވެ. ﴿كُنْتُمْ خَيرَ أُمَّةٍ أُخْرِجَتْ لِلنَّاسِ تَأْمُرُونَ بِالْمَعْرُوفِ وَتَنْهَوْنَ عَنِ الْمُنْكَرِ﴾ (آل عِمرَان: ١١٠) މާނައީ: "މީސްތަކުންނަށް ޓަކައި ނެރުއްވި، އެންމެ ހެޔޮ އުންމަތް ކަމުގައި ތިޔަބައިމީހުން ވީމުއެވެ. (އެހެނީ) ތިޔަބައިމީހުން ހެޔޮ ކަންތަކަށް އަމުރުކުރަމުއެވެ. އަދި ނުބައިކަންތައް ނަހީކުރަމުއެވެ."
އެހެން މީހުންގެ ހެޔޮ ޢަމަލުން ތިބާއަށް ސަވާބު ލިބުން އެދެންޏާ ކުރެވިދާނެ އަނެއް ކަމަކީ ޞާލިޙު ރަނގަޅު ގޮތުގައި ދަރިޔަކު ތަރުބިއްޔަތުކުރުމެވެ. ތިމާ މި ދުނިޔެއާ އަލްވަދާޢު ކިޔާ ފަހުން ވެސް އޭނާ ތިބާއަށް ހެޔޮ ދުޢާކޮށްދިނުން މަތީ ދެމިހުންނާނެއެވެ. އޭނާ ތިބާގެ ނަމުގައި ޞަދަޤާތްކުރާނެއެވެ. އޭނާ ތިބާއަށް ޓަކައި ޢުމްރާކޮށްދޭނެއެވެ. މީހަކު މަރުވުމަށްފަހު ތިން ކަމެއް ނޫން އެހެން ހުރިހާ ކަމަކުން އޭނާއާ މި ދުނިޔެއާ ގުޅުން ކެނޑޭނެ ކަމަށް ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّم ވަނީ ޙަދީޘްކުރައްވައިފައެވެ. ގުޅުން ނުކެނޑި އޮންނާނެ އެއް ކަމެއްގެ ގޮތުގައި އެންގެވީ ހެޔޮ ދުޢާކޮށްދޭނޭ ޞާލިޙު ދަރިއެއްގެ ވާހަކައެވެ.
މިއަދު އަޅުގަނޑުމެން ދުނިޔެއަށް ނޭވައިލާން ތިބެވޭއިރު ހެޔޮ ކަންކަމަށް މީހުންނަށް މަގުދައްކަމާ ހިނގާށެވެ! ދަރިން ޞާލިޙުންގެ ގޮތުގައި ތަރުބިއްޔަތު ކުރުމަށް އައު އަޒުމެއް ކަނޑައަޅައި އެ ގޮތުގެ މަތިން ޢަމަލުކުރަމާ ހިނގާށެވެ! ދުނިޔޭގައި އާމްދަނީ އިތުރުކުރަން މަސައްކަތް ކުރާވަރަށްވުރެ ބޮޑަށް އާޚިރަތުގެ އަޖުރު އިތުރުކުރެވޭނޭ މަގުތަށް ހޯދައި، އެ ގޮތުގެ މަތިން ޢަމަލުތައް ބެހެއްޓޭތޯ ބަލަމާ ހިނގާށެވެ! އެހެން މީހުންގެ ހެޔޮ ޢަމަލުން ސަވާބު ތިބާއަށް ލިބޭނޭ ގޮތަށް މަގު ކޮށަމާ ހިނގާށެވެ!