ﷲގެ ރަޙުމަތުން އަޅުގަނޑުމެން ދިރިއުޅެމުން މި އަންނަނީ ވަރަށް ފަސޭހަ ދިރިއުޅުމެކެވެ. މި ދެންނެވީ ދިރިއުޅުމުގައި ކަންކަން ކުރަން ހުރި ވަސީލަތްތަށް ފަސޭހަ ވެފައިވާ ވާހަކައެވެ. ކޮންމެ ދުވަހެއްގެ ތާވަލަށް ވަކިވަކިން ބަލައިލައިފިއްޔާ ފެންނާނީ އެންމެ ދުވަހެއްގައި ވަރަށް ގިނަ ކަންކަން ކުރެވިފައި ހުއްޓައެވެ. އެއީ މި ދެންނެވި ދިރިއުޅުމުގެ ފަސޭހަކަން އޮތްލެއް ބޮޑުކަމުގެ ވާހަކައެވެ.
މި ވާހަކަ މީގެ ކުރީގެ މީހުންގެ ވާހަކައާ އަޅާ ބަލައިލުމުން ފަހުމުވާލެއް ބޮޑު ވެސް ވެދާނެއެވެ. ކުރީގެ ދިވެހިންނަށް ބެލި ކަމުގައި ވިޔަސް އެ މީހުން ދެތިން ދުވަހުން ކުރާ ކަންކަން މިއަދު އަޅުގަނޑުމެން ދެތިން ގަޑިއިރުތެރޭ ކޮށްނިންމައިލައެވެ. އޭގެ ތެރެއިން އެއްކަމަކީ ދަތުރުފަތުރުގެ ކަންކަމެވެ. މިއަދު ދަތުރުތައް މި ވަނީ ދުވެލި އަވަސްވެފައެވެ. ކުރީގައި ދުރު ތަންތަން މިހާރު ކައިރިވެއްޖެއެވެ.
މިދަފަ އެއް ފަސޭހައަކީ އިމާރާތްތަކަށް އަރާފައިބަން ގެންގުޅޭ ލިފްޓުތަކެވެ. އެ ލިފްޓުތައް ހަވާލުވެގެން އެތިބީ ވަރަށް ބޮޑު މަސައްތަކެއް އަޅުގަނޑުމެންނަށް ކޮށްދޭށެވެ. އެއީ އުނދަގުލުން ނޫނީ އަޅުގަނޑުމެންނަށް އަރާފައިބައި ނުހެދޭނެ އުސް ތަންތަނަށް އަޅުގަނޑުމެން ގެންގޮސްދިނުމުގެ މަސްއޫލިއްޔަތެވެ. އަޅުގަނޑުމެން ބޭނުންވާ ތަކެތި ވެސް އުފުލައިދިނުމެވެ.
ނިކަން ފުންކޮށް ވިސްނައި ފިކުރު ހިންގައިލަބަލާށެވެ. ލިފްޓެއް ނެތް ތަނެއްގެ ފަސް ވަނަ ފަންގިފިލަޔަށް ފައިމަގުގައި އަރަންޖެހިއްޖެއްޔާ ތިބާއަށް ވާނީ ކިހިނެތްހެއްޔެވެ؟ ބައެއް މީހުން ދުވެލާފައި އަރައިފާނެއެވެ. ނޫނީ ހަލުވިކަމާ އެކު ހިނގާފައި ވެސް ހިނގައިދާނެއެވެ. ބުރަކަމާއެކު ދާނެ ބަޔަކާއި މަޑުކުރަމުން އަރާމުކުރަމުން ތަދު ފިލުވަމުން ދާނެ ބައެއް ވެސް އުޅެފާނެއެވެ. ނޫނީ އެއްގޮތަކަށް ވެސް އެ ހިސާބަށް ނުދެވޭނެ ބަޔަކު ވެސް ނުތިބޭނެބާއެވެ؟ ހަމަގައިމު ވެސް ބަލި މީހަކު އެހާ މައްޗަށް އެރުވުން ވާނީ ވަރަށް އުނދަގޫ ކަމަކަށެވެ.
މި ހުރިހާ ކަމެއް ފަސޭހަކޮށްދިން އީޖާދަކީ ތިރިން މައްޗަށް، މަތިން ތިރިޔަށް ދަތުރުކުރާ ލިފްޓުތަކެވެ. އެ ލިފްޓުތަށް އަލަށް އީޖާދުކުރި ދުވަސްވަރާ މިހާރާ އަޅާބަލާއިރު އޭގެ ވަރަށް ގިނަ ކަންކަމަށް އައިސްފައި ހުރި ތަރައްޤީއާއި ކުރިއެރުން އެހުރީ ފެންނާށެވެ. ލިފްޓު ނެތް ޒަމާނުގައި އުޅުނު މީހުން މިހާރު ވެސް މި ރާއްޖޭގައި އެބަތިއްބެވެ. އެއިން މީހަކު ކުރެން އަހައިލުމުން މި ޓެކްނޮލޮޖީގެ ސަބަބުން ދިރިއުޅުމަށް ލިބުނު ފަސޭހަ ފަހުމުވާލެއް ތަންކޮޅެއް އަވަސް ވެދާނެއެވެ.
މި ދަންނަވާ އެއްޗެއް ފަހުމުވުމަށް އޮތް އަނެއް މަގަކީ މިހާރު ބޭނުން ކުރަމުން އަންނަ ލިފްޓެއް ހަލާކުވެފައި ހުންނަހުރުމެވެ. އެފަދަ ދުވަސްކޮޅެއްގައި މީސްތަކުންނަށް ޖެހެމުންދާ ތަކުލީފެވެ. ހަށިގަނޑަށް ވާ ބުރަޔާއި ހުޅުހުޅުގައި އަޅާވޭނެއެވެ. ތަދުވެދާނެތީ ސިޑީން އަރާފައިބަން ބޭނުން ނުވެގެން ގޭގައި ނުވަތަ އޮފީހުގައި އިނދެވޭކަށް ވެސް ނޯންނާނެއެވެ. ވިދިވިދިގެން އެހެރަ އަންނަ ކަންކަން ނުކޮށެއް ވެސް ނުތިބެވޭނެއެވެ. ކުރަން ޖެހިފައި ހުރި ކަންކަން އެހާ ގިނައެވެ. ހާޒިރުވާން ޖެހޭ ތަންތަން ވެސް މަދެއް ނޫނެވެ. ލިފްޓު ހަލާކުވާ ދުވަހަކީ ތިމާގެ ހަޔާތުގައި ނޭނގިހުރެ ކުރެވެމުން އަންނަހައި ގިނަ ކަންކަން ތިމާއަށް އިޙުސާސްކުރެވޭ ދުވަހެވެ. މި ހުންނަނީ ހައްތާ ވެސް މާތް ﷲގެ ނިޢުމަތްތައް ތިމާއަށް ތަނަވަސް ވެގެން ވާކަމުގެ ޝުޢޫރުކުރެވޭ ވަގުތުތަކެވެ.
ކަން މިހެން އޮތްއިރު ލިފްޓަކީ މި ޒަމާނުގެ ދިރިއުޅުމަށް ވަރަށް ބޮޑު ފަސޭހަ ތަކެއް ގެނެސްދޭ އެއްޗެކެވެ. މި ފަސޭހަ އިންސާނުންނަށް ދެއްވުމަށް އިރާދަކުރެއްވީ މާތް ﷲ سبحنه وتعالى ކަމާމެދަކު އެއްވެސް ޝައްކެއް ނެތެވެ. އިންސާނުންގެ ބުއްދިއަށް މިކަމުގެ ފިކުރު ވައްދަވައި، އެ ފިކުރުގެ މަތީ އެއްޗެއް އީޖާދުކުރައްވައި، އޭގެ ރަނގަޅު ނުރަނގަޅު ދެނެގަނެ އޭތި މިއަދު މި ބޭނުން ކުރާ ފެންވަރަށް ތަރައްޤީ ކޮށްދެއްވީ އިލާހީ ނިޢުމަތުގެ ބަކަރާތުންނެވެ.
އެހެން ކަމުން ލިފްޓު ބޭނުންކުރުމުގައި މާތް ﷲއަށް ޙަމްދުކުރުން ގިނަކުރަން ޖެހެއެވެ. ލިފްޓަކީ އެ ބޭނުންކުރާ މީހާގެ އެއްވެސް އާރަކާއި ބާރެއް އޮވެގެން އޭނާއަށް ބޭނުން ކުރެވޭނެ އެއްޗެއް ވެސް ނޫންކަން އަޅުގަނޑުމެންނަށް އެނގެއެވެ. އޭގައި ޕުރޮޤްރާމުކޮށްފައި ހުންނަ މަދަރބޯޑެއް ހުރެގެން އޭގެ ޙަރަކަތްތައް ކުރުވަނީއެވެ. އަޅުގަނޑުމެން އެ ލިފްޓުގެ ކިބައިން އެދޭ ޚިދުމަތް އޭގެ މަސްނޫޢީ ބުއްދިއަށް ފަހުމުކޮށްދެނީ އަޅުގަނޑުމެންގެ އަތްފޯރާ ހިސާބަށް ގެނެސްފައި ހުންނަ ސްވިޗްތަކެއްގެ އެހީގައެވެ.
އަޅުގަނޑުމެން ބުނިއްޔާ ބުނި ހިސާބަކަށް ގެންގޮސްދީފައި، އޭގެ ދޮރުހުޅުވައިދެނީ ބިރުވެރިކަމެއް އިޙުސާސް ނުކުރެވޭހައި އޮމާންކަމާ ފަސޭހަކަމާ އެކުއެވެ. އޭގެ މަދަރބޯޑަށް ދޭ އަމުރާ ޚިލާފަށް އޭތި މަސައްކަތްކުރަން ފަށައިފިއްޔާ ލިފްޓު ވާނީ އަމާންކަމެއް ނެތް ބިރުވެރި އެއްޗަކަށެވެ. އެ ހާލަތުގައި އެއަށް އަރާނެ މީހުންނެއް ނުތިބޭނެއެވެ. އޭގައި މީހަކު ހުއްޓައި އޭތި ހުއްޓުނަސް އެ މީހަކަށް ލިބެނީ ބިރުވެރިކަމެކެވެ. ކުރެވެނީ ނާމާން އިޙުސާސެކެވެ. އެހެންކަމުން ލިފްޓު އަޅުގަނޑުމެންގެ ކޮންޓްރޯލުގައި ހުރުމަކީ ހާދަހައި ބޮޑު ނިޢުމަތެކެވެ.
އަޅުގަނޑުމެންގެ އާރެއްބާރެއް ނެތި މި ތަކެތި އަޅުގަނޑުމެންގެ ކިޔަމަނުގައި ލެއްވީތީ ﷲއަށް ޝުކުރުކޮށް ތަސްބީޙަކިޔަން ޖެހެއެވެ. މާތް ﷲ ވަނީ އަޅުގަނޑުމެންގެ ދަތުރު ފަތުރަށް ނަޢަމްސޫފި ކިޔަމަންތެރި ކުރައްވައިފައެވެ. އަދި އެ ތަކެއްޗަށް ސަވާރުވާ ހިނދު ދުޢާއެއްކިޔުމަށް ވެސް އަންގަވައިފައެވެ. ﴿لِتَسْتَوُوا عَلَىٰ ظُهُورِهِ ثُمَّ تَذْكُرُوا نِعْمَةَ رَبِّكُمْ إِذَا اسْتَوَيْتُمْ عَلَيْهِ وَتَقُولُوا سُبْحَانَ الَّذِي سَخَّرَ لَنَا هَـٰذَا وَمَا كُنَّا لَهُ مُقْرِنِينَ﴾ (الزخرف: ١٣) މާނައީ: " (އެއީ) ތިޔަބައިމީހުން އެ ތަކެތީގެ ބުރަކަށިމަތީގައި ހަމަޖެހުމަށް ޓަކައެވެ. ދެން ތިޔަބައިމީހުން އޭގެމަތީގައި ހަމަޖެހޭހިނދު، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ނިޢުމަތް ހަނދުމަކުރުމަށެވެ. އަދި ތިޔަބައިމީހުން ކިޔުމަށް ޓަކައެވެ. އަޅަމެންނަށް މި ތަކެތި ޚިދުމަތްތެރިކޮށްދެއްވި ރަސްކަލާނގެ ހުސްޠާހިރުވަންތަކަމާއެވެ! އަދި އަޅަމެން އެކަމަށް ކުޅަދާނަވެގެންވާ ބަޔަކު ކަމުގައި ނުވަމުއެވެ."
މިއަދު އަޅުގަނޑުމެން ދަތުރުކުރާ ސަވާރީ ބަދަލު ވެފައިވީ ނަމަވެސް ކުރަނީ ދަތުރެވެ. އަދި އެ ސަވާރީތައް ވެސް ހުރީ ހަމަ އެއް ޙުކުމެއްގައެވެ. އެއީ އަޅުގަނޑުމެންގެ އެއްވެސް ބާރެއް ނެތި އޭގެ ކިޔަމަންތެރިކަން އަޅުގަނޑުމެންނަށް ލިބިގެންވާ ވުމެވެ. އެއީ ލިފްޓު ކަމުގައި ވިޔަސް މެއެވެ. އެ ލިފްޓު ވެސް އަޅުގަނޑުމެން ބޭނުންވާ ފަންގިފިލާތަކަށް ގެންގޮސްދޭ ދިނުމަކީ އަޅުގަނޑުމެންގެ އެއްވެސް ބާރެއް އޮވެގެން ކުރެވޭ ކަންކަމެއް ނޫނެވެ. އެހެންކަމުން ލިފްޓަށް އަރާއިރުއާއި ލިފްޓު ބޭނުންކުރާއިރު ދަތުރު ދުޢާ ކިޔަންވާނެއެވެ. (سُبْحَانَ الَّذِي سَخَّرَ لَنَا هَـٰذَا وَمَا كُنَّا لَهُ مُقْرِنِينَ، وَإِنَّا إِلَىٰ رَبِّنَا لَمُنقَلِبُونَ) މާނައީ: "އަޅަމެންނަށް މި ތަކެތި ޚިދުމަތްތެރިކޮށްދެއްވި ރަސްކަލާނގެ ހުސްޠާހިރުވަންތަކަމާއެވެ! އަދި އަޅަމެން އެކަމަށް ކުޅަދާނަވެގެންވާ ބަޔަކު ކަމުގައި ނުވަމުއެވެ. އަދި ހަމަކަށަވަރުން، އަޅަމެންގެ ވެރިރަސްކަލާނގެ ޙަޟްރަތަށް އަޅަމެން ރުޖޫޢަވާނެކަން ކަށަވަރެވެ." މި ދުޢާ ކިޔުމަކީ ﷲ ހަނދުމަކުރުމުގައި ދެމިހުރެވޭނޭ ކަމެކެވެ. އެލިހާހު ހަނދުމަކުރުމުގައި ދެމިހުންނަ މީހާގެ ޒިކުރު، މާތް ﷲ މަލާއިކަތުންގެ މަޖިލިސްތަކުގައި ކުރައްވާނެތެވެ.
ލިފްޓު ތެރޭ ހުންނައިރު ތަޙްމީދު، ތަޙްލީލް، ތަކްބީރު، ތަސްބީޙަ، ކިޔުން ގިނަ ކުރުމީ ވެސް ވަގުތުގެ ބޭނުން އެދެވޭ ގޮތުގައި ހިފަމުން ސަވާބު އިތުރު ކުރެވޭނެ މަގެކެވެ. ލިފްޓުން ތިރިޔަށް ދަންޔާ ތަސްބީޙަ (سبحان الله) ކިޔުން ގިނަކުރަންވާނެއެވެ. ލިފްޓުން މައްޗަށް އަރަންޏާ ތަސްބީޙަ (الله أكبر) ކިޔުން ގިނަކުރަންވާނެއެވެ. ލިފްޓުތެރޭގައި ތިބޭ އިރު ﷲ ނުރުއްސަވާ ވާހަކަ ނުދެއްކުމީ ވެސް އަޅުކަމެކެވެ. އަދި ގިނަ މީހުން ތިބިއްޔާ ތިމާގެ ފަރާތުން އުނދަގޫ ނުވާނޭފަދަ ގޮތަކަށް ޢަމަލުތައް ބެހެއްޓުމަކީ ވެސް ޞަދަޤާތެއް ކަމުގައި ވާނެއެވެ. އަޅުގަނޑުމެން މުސްލިމުން ލިފްޓު ބޭނުންކުރުމުގައި މިހިރަމިހިރަ ކަންކަމަށް ސަމާލުވުން ވަރަށް މުހިންމެވެ.