ރިބާގައި ފައިދާއާއި މަންފާ ނެތްކަން ދަންނަ މީހުން ވަރަށް ގިނައެވެ. އެކަން ޤަބޫލުކުރާ މީހުން ވެސް މަދެއް ނޫނެވެ. ރިބާގެ މުޢާމަލާތަކީ ޙަރާމް މުޢާމަލާތެއް ކަން ދަންނަބޭކަލުން އެ ގެންދަވަނީ އަބަދު ވިދާޅުވަމުންނެވެ. އެހެނަސް އެ މުޢާމަލާތާ ދުރުގައި ތިބުން ގިނަ މީހުންނަށް ފަސޭހަކަމަކަށް ނުވެއެވެ.
މިއަދު އަޅުގަނޑުމެންނަށް މި އުޅެވެނީ ދިރިއުޅުމުގެ ވަރަށް ގިނަ ހާޖާތުތަކެއް ފުއްދުން މަޖުބޫރުވާކަމަށް ޤަބޫލުކުރެވޭ ޒަމާނެއްގައެވެ. މިއިން ކޮންމެ ހާޖަތަކީ ޟުރޫރީ ކަމެއްގެ ގޮތުގައި ވެސް ބެލެވެނީއެވެ. މީގެ ތެރެއިން އެންމެ ބޮޑު ކަމަކީ އެހެން މީހުން ސިފަކޮށް ދައްކާ ދިރިއުޅުން އެއީ ތިމާގެ ޟުރޫރީ ދިރިއުޅުން ކަމުގައި ބަލައިގަނެވޭ މައްސަލައެވެ. ތިމާގެ ތަނަވަސްކަން ނުފޯރާ ހިސާބުގައި ތިމާގެ ދިރިއުޅުން ތަސައްވަރުކުރެވޭ މައްސަލައެވެ. ދެން ވާ ގޮތަކީ އެ ދިރިއުޅުން ހާސިލުކުރުމަށް ޓަކައި ނެތްފެންވަރުން ޚަރަދުކުރަން އަމިއްލަ ނަފުސަށް މަޖުބޫރުކުރުވެނީއެވެ. އެކަން ކުރުމަށް ޓަކައި ރިބާގެ މުޢާމަލާތްތަކުގައި ބަނދެވެނީއެވެ. ރިބާގައި ބަނދެވޭ މީހުންނަކީ ޖިންނި މޮޔަވެފައި ތިބޭ ބަޔަކު ފަދައިން ޤިޔާމަތްދުވަހު ވާނޭ ބައްކަން ހަނދާނަކު ނުހުރެއެވެ.
ދުނިޔޭގައި ޖިންނި މޮޔަވުން އެދޭނެ އެއްވެސް މީހަކު ނުހުންނާނެއެވެ. އާޚިރަތުގައި އެފަދަ މީހެއް ގޮތަށް ވާން އެދޭނީ ފަހެ ކާކު ހެއްޔެވެ؟ ރިބާ ކާ މީހުން ޤިޔާމަތްދުވަހު ތެދުވާނެ ގޮތް ސިފަ ކުރައްވަމުން އަލްބަޤަރާ ސޫރަތުގެ 275ވަނަ އާޔަތުގައި ﷲ ވަޙީކުރައްވައިފައި ވެއެވެ. ﴿الَّذِينَ يَأْكُلُونَ الرِّبَا لَا يَقُومُونَ إِلَّا كَمَا يَقُومُ الَّذِي يَتَخَبَّطُهُ الشَّيْطَانُ مِنَ الْمَسِّ﴾ (البقرة: ٢٧٥) މާނައީ: "ރިބާ ކާ މީހުން ދަންނައެވެ! ފަހެ ޝައިޠާނާ އަވަލުމުގެ ސަބަބުން މޮޔަވެ ދެބަންދިހާރަވެފައިވާ މީހަކު ތެދުވާ ފަދައިން މެނުވީ އެބައިމީހުން ޤިޔާމަތްދުވަހު ނުތެދުވާނެތެވެ."
سبحان الله އެވެ! އެފަދަ ނިކަމެތި ހާލެއްގައި މި އިންސާނާ ހުންނައިރު ހާދަހައި ހުތުރު ވާނެއެވެ. ހާދަހައި ބިރުވެރި ވާނެއެވެ. ހާދަހައި ލަދުވެތި ވާނެއެވެ. އެ މީހުންނަށް އެ ގޮތް ދިމާވަނީ ކީއްވެގެންކަން ވެސް އެ އާޔަތުގައި ﷲ سبحانه وتعالى ވަނީ އަންގަވައިފައެވެ. ﴿ذَٰلِكَ بِأَنَّهُمْ قَالُوا إِنَّمَا الْبَيْعُ مِثْلُ الرِّبَا﴾ (البقرة: ٢٧٥) "އެހެނީ، އެބައިމީހުން ބުނެއުޅުނީ، ވިޔަފާރި ވާކަން ކަށަވަރީ، ރިބާ ކަހަލަ ކަމެއް ކަމުގައެވެ." މިއަދު އަޅުގަނޑުމެންގެ ތެރޭގައި ވެސް މިފަދައިން ބުނާ މީހުން މަދެއް ނޫނެވެ. މިއީ އާދައިގެ ބުނުމެއް ނޫނެވެ. މިއީ އިލާހީ ދަރުބާރުގެ ސާފުޙުކުމްފުޅަކަށް ގޮންޖެހުމެވެ. ﷲ ވަޙީކުރެއްވީ ވިޔަފާރި ހުއްދަކުރައްވައިފައި، ރިބާ ޙަރާމުކުރެއްވި ކަމަށެވެ. އެފަދައިން އެންގެވުމުން އެ ދެ މުޢާމަލާތު އެއީ އެކައްޗެކޭ ބުނެވޭނީ ކޮންފަދައަކުންތޯއެވެ؟ އާޔަތުގައި އެންގެވީ މިފަދައިންނެވެ. ﴿وَأَحَلَّ اللَّهُ الْبَيْعَ وَحَرَّمَ الرِّبَا﴾ (البقرة: ٢٧٥) މާނައީ: "ވިޔަފާރި ކުރުންވަނީ، ﷲ، ހުއްދަކުރައްވައިފައެވެ. އަދި، ރިބާ ވަނީ ޙަރާމުކުރައްވައިފައެވެ." ވިސްނާށެވެ! އެއް ކަމެއް ހުއްދަކުރައްވައި އަނެއްކަމެއް ޙަރާމުކުރެއްވީއެވެ.
މިހާ ސާފު އިބާރާތުން ﷲ މި ވާހަކަ އެނެގެވީމައި އޭގެ އަނެއްކޮޅަށް ވިސްނުން ހިންގާނީ ގަސްތުގައި އިދިކީލި ވާން ބޭނުންވާ މީހާ ނޫން ދެން ކާކުބާއެވެ؟ ދެން ވިޔަފާރިއާ ރިބާއާ އެއްގޮތް ކަމަށް ބުނާނީ ކިހިނަކުންހެއްޔެވެ؟ މި ދެ ކަންތަކުގައި ހުރި ގެއްލުން އޮތީ ބަލައިފި ކޮންމެ މީހަކަށް ސާފުކޮށް ފެންނާށެވެ.
ރިބާ ކައިގެން ވަގުތީ މަންފާ ހޯދާ މީހުންނަށް، ރިބާގެ މުޢާމަލާތްތައް ސިފަ ވަނީ ވިޔަފާރިއެއް ކަމުގައެވެ. އެއީ ފައިސާ ނުވަތަ މުދާ އިތުރުވާ އިތުރުވުމަށް ބެލޭތީ ވާ ގޮތް ކަމަށް ވެދާނެއެވެ. އިތުރުވުމުގެ ސަބަބަށް އެކަނި ބަލައިލިޔަސް އިޚުލާޞްތެރި މުސްލިމަކު އެއީ އިތުރުވުން ކަމުގައި ނުބުނާނެއެވެ. އިތުރުވި ފައިސާ އައީ ކޮންތާކުން ހެއްޔެވެ؟ އެއީ ހާލުގައި ޖެހި ގޮތް ހުސްވެފައި ހުރި ތިބާ ފަދަ އަނެއް އިންސާނާގެ ނިކަމެތިކަމުން އޭނާއަށް ނުކުރެވުނު ކަމެއްގެ މައްޗަށް ގަދަކަމުން ތިބާ ހޯދައިގަންނަ އިތުރުކުރުމެއް ނޫންބާއެވެ؟ ތިބާގެ މުސްލިމް އަޚާގެ ޙާލަތަށް ބެލުމެއް ނެތި އޭނާގެ އަތުން ނާޖާއިޒު ފައިދާތަކެއް ހޯދަނީ ހެއްދެވި ފަރާތަށް ކުޑަ ވެސް ބިރުގަތުމެއް ނެތިއެވެ.
ރިބަވީ މުޢާމަލާތުގެ ކަންކަން މިއަދުންމިއަދަށް ހުއްޓާލާށެވެ! ރިބާ އެއީ ތިބާގެ ހަލާކެވެ. އޭގައި ހެވެއް ނެތެވެ. މީގެ ކުރިން ކުރެވިފައި އޮތް ކަމަކަށް ވިއްޔާ ތައުބާވާށޭވެ. އިޚްލާޞްތެރިންގެ ތައުބާ ﷲ ޤަބޫލު ކުރައްވާނެތެވެ. އަދި އޭނާއަށް އެ އިލާހު ހެޔޮގޮތް މިންވަރުކޮށްދެއްވާނެތެވެ. އެ ކަން ބަޔާންކުރައްވައި ﷲ ވަޙީކުރައްވައިފައި ވެއެވެ. ﴿فَمَن جَاءَهُ مَوْعِظَةٌ مِّن رَّبِّهِ فَانتَهَىٰ فَلَهُ مَا سَلَفَ وَأَمْرُهُ إِلَى اللَّهِ﴾ (البقرة: ٢٧٥) މާނައީ: "ފަހެ، އެ މީހާގެ ވެރިރައްބުގެ ޙަޟްރަތުން ދެއްވާ ވަޢުޡާއި ނަސޭހަތް، އެ މީހަކާ ހަމައަށް އައުމުން އެކަން (އެބަހީ: ރިބާ ކެއުން) ހުއްޓާލައިފި މީހާ (ދަންނާށެވެ!) ފަހެ، އިސްވެދިޔަ އެއްޗެއް ދެން އިސްވެދިޔައީއެވެ. (އެބަހީ: ރިބާގެ ޙުކުމްތައް އައުމުގެ ކުރިން އޭނާ ބޭނުންކުރި ތަކެތި މާފުކުރައްވައިފައި ވެއެވެ.) އަދި އެ މީހެއްގެ ކަންތައް އޮތީ، ﷲއަށް ޚާއްޞަ ވެގެންނެވެ."
އޯގާވަންތަ އިލާހެއްގެ ޙަޟްރަތުން އައި ދީލަތިވަންތަ ފުއްސެވުމެކެވެ. ހިތްވަރުގެ ބަސްފުޅުތަކެކެވެ. ތައުބާގެ ކުރިން ހިންގިފައިހުރި ރިބަވީ މުޢާމަލާތަކަށް މަޢާފު ލިބުނީއެވެ. އެއަށް ފަހު އަލުން ހަޑިމުޑުދާރު އެ ޢަމަލު ފަށާނީ އަނިޔާވެރިންނެވެ. އެކަމަށް އިޝާރާތް ކުރައްވާ ހަމަ އެ އާޔަތުގައި އަންގަވައިފައި ވެއެވެ. ﴿وَمَنْ عَادَ فَأُولَـٰئِكَ أَصْحَابُ النَّارِ هُمْ فِيهَا خَالِدُونَ﴾ (البقرة: ٢٧٥) މާނައީ: "އަދި، އަލުން (އެކަމަށް) އެނބުރި ހިނގައްޖެ މީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ ނަރަކައިގެ އަހުލުވެރިންނެވެ. އެބައިމީހުންނީ އެތަނުގައި ދެމިތިބެނިވި ބަޔެކެވެ."
ރިބާގެ މުޢާމަލާތަކީ ތިބާއާއި މުޅި މުޖްތަމަޢުގެ ހަލާކެވެ. ރިބާ އެއީ ތިބާގެ ހަލާކަށް ވަނީ މިހާހިސާބުނެވެ. ރިބާ ކެއުމަށްވުރެ ނިކަމެތި ޙާލުގައި ދުނިޔެ އުޅުން ވެސް މާ ހެޔޮވެގެން ވެއެވެ. ޒަމާން ދެއްކި ކުލަޔާއި ޒަމާނީ ހަމައިގެ ދިރިއުޅުން އިޚްތިޔާރުކުރުމަށް ޓަކައި ރިބާގެ މުޢާމަލާތުން ފައިސާ ނުވަތަ މުދާ ހޯދުމަކީ ވަގުތީ ގޮތުން ދުނިޔޭގައި ވެސް ލިބެން އޮތް އުފަލެއް ނޫންކަން އަޅުގަނޑުމެން މިދަނީ ކޮންމެ ދުވަހަކު ތަޖުރިބާ ކުރަމުންނެވެ. ލޮލުންދެކެ އަތުންހިފަމުންނެވެ. އެނގިހުރެ މި ސުންޕާކަމުގެ ތެރެއަށް ފުންމައި ނުލާށެވެ! ﷲގެ ކޯފާއަށް ހުށަހޮޅި ނުގަންނާށެވެ! އެއިލާހުގެ ފުއްސެވުމާއި ރުއްސެވުމުގެ ތެރޭ ނިކަމެތި ހާލުގައި ހުރުން ވެސް މާ ރަނގަޅެވެ. ތިބާގެ އަތުން ތިބާގެ ހަލާކު ލިބިނުގަންނާށެވެ!