ސްރީލަންކާއަކީ ރާއްޖެއާ ޖެހިގެން އޮތް އަވަށްޓެރިޔާ ކަމަށް ވީހިނދު، ހަފްތާ ބަންދަށް ޝޮޕިންގްއަށް އެގައުމަށް ދާ މީހުން މަދެއް ނޫނެވެ. ގިނަ ދިވެހީންނަށް ކަމުދަނީ ދުނިޔޭގެ އެންމެ މަގުބޫލު ބްރޭންޑުތަކުގެ، އެންމެ ފެންވަރު ރަނގަޅު ތަކެއްޗެވެ. ރާއްޖެ އާއި ލަންކާއިން މަދުން ނަމަވެސް މިފަދަ ތަކެތި ލިބެ އެވެ. ނަމަވެސް މާ ގިނަ ހައި-އެންޑް ބްރޭންޑުތަކުން ދެގައުމުގައި ވެސް އައުޓްލެޓްތަކެއް ނުހިންގަ އެވެ.
މިއަހަރުގެ މޯލްޑިވްސް ލިވިންގް އެކްސްޕޯގެ މެއިން ސްޕޮންސާ، ކޮލޮމްބޯގައި ހަދާ މިކްސްޑް ޑިވެލޮޕްމެންޓް ޕްރޮޕަޓީ "ކޮލޮމްބޯ ސިޓީ ސެންޓަރު" ތަރައްގީ ކުރަމުން ދަނީ ދުނިޔޭގެ އެންމެ ނަން މަޝްހޫރު ބްރޭންޑުތައް ހިމެނޭ ގޮތަށް ފެންވަރު ރަނގަޅު ޝޮޕިންގް މޯލަކާ އެކުގަ އެވެ.
އެންމެ މަތީ ފެންވަރުގެ ބްރޭންޑުތައް
"ކަސްޓަމަރުން ބޭނުމީ އެޕަލް ނަމަ އެޕަލް ބްރޭންޑު އެތަނުގައި ހުންނާނެ. މެކް ވިއަސް، ހިއުގޯ ބޮސް ވިއަސް، އަރްމާނީ ނުވަތަ މަދާކެއާ ވިއަސް، ނުވަތަ ސްޕޯޓްސް ބްރޭންޑްތައް ވިއަސް، މި ހުރިހާ ބައެއް އެތަނުގައި އުޅޭނެ،" ކޮލޮމްބޯ ސިޓީ ސެންޓަރުގެ ޖެނެރަލް މެނޭޖަރު ރެޒިޑެންޝަލް ސޭލްސް ނިރޫޕާ ޕީރިސް "ސަން"އަށް ވިދާޅުވި އެވެ.
ސާޅީސް ހަތް ބުރީގެ ކޮލޮމްބޯ ސިޓީ ސެންޓަރު ތަރައްގީކުރަނީ ލަންކާގެ މަޝްހޫރު އަބާންސް ގްރޫޕާއި ސިންގަޕޫރުގެ ސިލްވާ ނީޑްލްސް ހޮސްޕިޓެލިޓީ ގްރޫޕު ގުޅިގެންނެވެ.

ކޮލޮމްބޯ ސިޓީ ސެންޓަރ އިމާރާތުގައި ހަދާ ބައިނަލްއަގުވާމީ މޯލްގެ ނަކަލެއް ---
ކޮލޮމްބޯގެ މަޝްހޫރު ނަވަލޯކަ ހޮސްޕިޓަލު ކައިރީގައި ހަދަމުންދާ މި އިމާރާތުގައި ޝޮޕިންގް މޯލް ތަރައްގީކުރަނީ 100 ޔުނިޓަށް ޕްލޭންކޮށްގެންނެވެ.
"ޝޮޕިންގް މޯލަށް ޚާއްސަކުރާ ފްލޯތަކުގެ ތެރެއިން އޮޑެލް ފަދަ ސްރީލަންކާގެ ހައި އެންޑް ބްރޭންޑްތަކުން އައުޓްލެޓް ހިންގުމަށް ޚާއްސަ ފްލޯއެއް ހުންނާނެ،" ނިރޫޕާ ވިދާޅުވި އެވެ.
ލަންކާގެ ފުރަތަމަ ބައިނަލްއަގުވާމީ މޯލް މި އަހަރުގެ މެއި މަހު ހުޅުވުމަށް ތައްޔާރުވަމުންދާ އިރު، ސިންގަޕޫރުގެ މަޝްހޫރު ފުޑްކޯޓު ޗެއިން "ފުޑް ރިޕަބްލިކް ސިންގަޕޯ"އިން އެތަނުގައި ފުޑްކޯޓު، އަދި ސްރީލަންކާގެ ސްކޯޕް ސިނަމާގެ ސިނަމާތަކެއް ވެސް އެތަނުގައި ހުންނާނެ އެވެ.
އެޕާޓްމެންޓާއި ހޮޓެލެއް
ކޮލޮމްބޯ ސިޓީ ސެންޓަރުން ނުވަ ފަންގިފިލައެއްގައި ބައިނަލްއަގުވާމީ ހޮޓަލެއް ހިންގާނެ އެވެ. އެއީ ސިންގަޕޫރުގެ "ނެކްސްޓް ހޮޓެލްސް" ޗެއިނުން އެތަނުގައި ހިންގާ 163 ކޮޓަރީގެ ހޮޓަލެކެވެ.
މީގެ އިތުރުން އިމާރާތުގެ އެންމެ މަތީ ފަންގިފިލާތައް ފުރާލެވިގެންދާނީ އެޕާޓްމެންޓްތަކުން ކަމަށް ކޮލޮމްބޯ ސިޓީ ސެންޓަރުގެ ޖެނެރަލް މެނޭޖަރު ރެޒިޑެންޝަލް ސޭލްސް ނިރޫޕާ ވިދާޅުވި އެވެ.

މޯލްޑިވްސް ލިވިންގް އެކްސްޕޯ 2018ގެ ޕާޓްނަރުންނާ އެކު ސޮއިކުރުމުގެ ރަސްމިއްޔާތުގައި، ކޮލޮމްބޯ ސިޓީ ސެންޓަރުގެ ޖެނެރަލް މެނޭޖަރ ރެޒިޑެންޝަލް ސޭލްސް ނިރޫޕާ ޕީރިސް --- ސަން ފޮޓޯ/ ފަޔާޒު މޫސާ
"ސަތޭކަ ނުވަދިހަ ތިން އެޕާޓްމެންޓް ހުންނާނެ. ދިވެހީންނަށް މިތަނުން އިންވެސްޓްކުރަން ދިވެހީންނަށް ވެސް ވަރަށް ރަނގަޅު ފުރުސަތު އެބައޮތް. މިވަގުތު އަޅުގަނޑުމެން ދެ އަހަރުގެ ރެންޓަލް ގެރެންޓީ އެބަ ދެން، ހަތް ޕަސަންޓުގެ ރޭޓުން،" ނިރޫޕާ ވިދާޅުވި އެވެ.
ކޮލޮމްބޯގެ ބެއިރާ ލޭކްއާއި، އިންޑިއާ ކަނޑުގެ ހިތްގައިމު ވިއު ލިބޭ މި އިމާރާތުގެ މަސައްކަތް މި އަހަރު ނިމުމުގެ ކުރިން އެއްކޮށް ނިމޭނެކަމަށް ލަފާ ކުރާ އިރު، ކޮލޮމްބޯ ސިޓީ ސެންޓަރުން ލިބެން ހުރި ފުރުސަތުތަކުގެ ފުރިހަމަ މައުލޫމާތު އަންނަ މަހު މާލޭގައި އޮންނަ ހަވަނަ މޯލްޑިވްސް ލިވިންގް އެކްސްޕޯއިން ލިބޭނެ އެވެ.
ލިވިންގް އެކްސްޕޯ ކުރިޔަށްދާނީ ފެބްރުއަރީ 15 އިން 17އަށް ނޭޝަނަލް އާޓް ގެލެރީގަ އެވެ.