ފަތުރުވެރިކަމަށް ލަންކާއަށް ދިއުމުގެ ކުރިން އިލެކްޓްރޯނިކް ޓްރެވަލް އޮތޯރައިޒޭޝަން ހޯދަންޖެހޭ ގޮތް ހަދަނީ

--

އަންނަ މަހުގެ 15 އިން ފެށިގެން ފަތުރުވެރިކަމުގެ ބޭނުމުގައި ސްރީލަންކާ ދަތުރުކުރާ ހުރިހާ ބިދޭސީން އެ ގައުމަށް ދިއުމުގެ ކުރިން އިލެކްޓްރޯނިކް ޓްރެވަލް އޮތޯރައިޒޭޝަން (އީޓީއޭ) އެއް ހޯދަން ޖެހޭނެކަމަށް އެ ގައުމުން ބުނެފިއެވެ.

ލަންކާއަށް ޓޫރިސްޓެއްގެ ގޮތުގައި އެތެރެވުމުގެ ކުރިން 50 އެމެރިކާ ޑޮލަރުގެ ފީއެއް ދައްކަައި، އީޓީއޭ އެއް ހޯދަން ޖެހެއެވެ. ނަމަވެސް އެ ގައުމަށް އަންނަ ފަތުރުވެރިން އިތުރުކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އެ ފީ އިތުރު 33 ގައުމަކަށް ހިލޭކޮށްދީ ޖުމްލަ 40 ގައުމަކަށް ވަނީ ހިލޭކޮށްދީފައެވެ.

ލަންކާގެ ރައްޔިތުންނަށް ރާއްޖޭގެ ވިސާ ހޯދުމުގައި ދީފައިވާ ލުއިތަކާ ގުޅިގެން، އެ ގައުމުން ވަނީ ދިވެހީންނަށް ވެސް ހިލޭ އީޓީއޭ ލިބޭނެ ކަމަށް ބުނެފައެވެ.

ހިލޭ އީޓީއޭ ލިބޭނެ ގައުމުތަކަކީ:

  1. އޮސްޓްރޭލިއާ
  2. އޮސްޓްރިއާ
  3. ބަހްރެއިން
  4. ބެލަރޫސް
  5. ބެލްޖިއަމް
  6. ކެނެޑާ
  7. ޗައިނާ
  8. ޗެކް ރިޕަބްލިކް
  9. ޑެންމާކް
  10. ފިންލޭންޑް
  11. ފްރާންސް
  12. ޖަރުމަން
  13. އިންޑިއާ
  14. އިންޑޮނޭޝިއާ
  15. އީރާން
  16. އިސްރާއީލް
  17. އިޓަލީ
  18. ޖަޕާން
  19. ކަޒަކިސްތާން
  20. ކުވައިތު
  21. މެލޭޝިއާ
  22. ނޭޕާލް
  23. ނެދަލެންޑްސް
  24. ނިއުޒީލެންޑް
  25. ނޯވޭ
  26. އޮމާން
  27. ޕާކިސްތާން
  28. ޕޮލެންޑް
  29. ގަތަރު
  30. ރަޝިޔާ
  31. ސައުދީ އަރަބިއްޔާ
  32. ދެކުނު ކޮރެއާ
  33. ސްޕެއިން
  34. ސްވިޑެން
  35. ސްވިޒަލޭންޑް
  36. ތައިލެންޑް
  37. ތުރުކީ
  38. ޔުނައިޓެޑް އަރަބް އެމިރޭޓްސް
  39. އިނގިރޭސިވިލާތް
  40. އެމެރިކާ.

މިދިޔަ އަހަރު ލަންކާއަށް ދެ މިލިއަނަށްވުރެ ގިނަ ފަތުރުވެރިން އައިއިރު، މި އަހަރު އެ ގައުމަށް ތިން މިލިއަން ފަތުރުވެރިން ދާނެކަަމަށް ލަފާކުރެއެވެ.

އީޓީއޭ ވިސާ ފީ ގިނަ ގައުމުތަކަކަށް ހިލޭކުރުމުން ލަންކާއަށް އަހަރަކު ގާތްގަނޑަކަށް 66 މިލިއަން ޑޮލަރުގެ ގެއްލުމެއް ލިބޭނެ ކަމަށް ބެލެވުނު ނަމަވެސް، ފަތުރުވެރިކަމުގެ ކުރިއެރުމާއި ނުސީދާ އިގްތިސާދީ ފައިދާތަކުން މި ގެއްލުން ފޫބެއްދޭނެކަމަށް އެ ގައުމުގެ ފޮރިން މިނިސްޓަރު ވިޖިތާ ހެރަތު ދެކެވަޑައިގަންނަވާކަމަށް ނޫސްތަކުން ރިޕޯޓުކުރެއެވެ.

"އަޅުގަނޑުމެންގެ އިގްތިސާދު ހަމައަކަށް އެޅުވިއްޖެ، އަދި ޓޫރިޒަމްގެ ސިޔާސަތުތަކަށް ބަދަލު ގެނައުމުގެ ތެރެއިން އަޅުގަނޑުމެންގެ އަމާޒަކީ ލަންކާއަށް އަންނަ މީހުންގެ އަދަދު އެއްވަރަކަށް ކުރިއަރާނެ ގޮތް ހެދުން،" މިނިސްޓަރު ވިދާޅުވިއެވެ.

ލަންކާއަށް ދިއުމުގެ ކުރިން ހައްދަންޖެހޭ އިލެކްޓްރޯނިކް ޓްރެވަލް އޮތޯރިޒޭޝަން (އީޓީއޭ) https://eta.gov.lk މެދުވެރިކޮށް ލިބޭނެއެވެ.

comment ކޮމެންޓް