އަވަށްޓެރި ސްރީލަންކާއާއި ބަންގްލަދޭޝްއާއެކު، ވިޔަފާރިއާއި އިގުތިސާދީ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން އެ ގައުމުތަކުގެ ފަރާތުން ރާއްޖެއަށް އަލަށް ކަނޑައެޅި ސަފީރުންނާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު މަޝްވަރާކުރައްވައިފިއެވެ.
މި މަޝްވަރާތައް ކުރިއަށް ދިޔައީ ސްރީލަންކާއިން ރާއްޖެއަށް ކަނޑައެޅި ސަފީރު މުހައްމަދު ރިޒްވީ ހަސަނާއި ބަންގްލަދޭޝްގެ ސަފީރު ޑރ. އެމްޑީ ނަޒްމުލް އިސްލާމް، ސަފީރުކަމުގެ ފަތްކޮޅު ރައީސަށް އެރުވުމުގެ ރަސްމިއްޔާތުތަކަށް ފަހުގައެވެ.

ލަންކާގެ ސަފީރު (ކ) އަދި ބަންގްލަދޭޝްގެ ސަފީރު (ވ) ފަތްކޮޅު އެރުވުމަށް ފަހު ރައީސް ޑރ. މުހައްމަދު މުއިއްޒާއެކީ ފޮޓޮއަކަށް ހުއްޓިވަޑައިގެން -- ފޮޓޯ: ރައީސް އޮފީސް
ސްރީލަންކާއާއި ބަންގްލަދޭޝްގެ ސަފީރުންގެ ފަތްކޮޅު ރައީސަށް އެރުވުމަށްޓަކައި ބޭއްވި ރަސްމިއްޔާތަށްފަހު ވަނީ، އެ ދެ ގައުމާއެކު ރާއްޖޭން ބާއްވަމުން އަންނަ ގުޅުންތައް އިތުރަށް ވަރުގަދަކުރުމާ މެދު މަޝްވަރާކުރައްވައިފައެވެ. އަދި އެ ގައުމުތަކުގެ ރައްޔިތުންނާއި ދިވެހީންގެ ދެމެދުގައިވާ ދޭދޭ ގުޅުމުގެ މައްޗަށް، ވަކިވަކިން ބޭއްވި ބައްދަލުކުރެއްވުންތަކުގައި އަލިއަޅުވާލައްވާފައި ވެއެވެ.
ސްރީލަންކާއާއެކު ވިޔަފާރިއާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން އެ ގައުމުގެ ސަފީރާއެކު ރައީސް މަޝްވަރާކުރެއްވިއެވެ. އަދި ބަންގްލަދޭޝްގެ ސަފީރާއެކު އެމަނިކުފާނު ވަނީ ދަނޑުވެރިކަމާއި ވިޔަފާރިއާއި މަތީ ތައުލީމާއި އިންވެސްޓްމެންޓްގެ ދާއިރާތަކުން ގުޅުން ބަދަހިކުރުމާމެދު މަޝްވަރާކުރައްވައިފައެވެ.
ސްރީލަންކާއާއި ރާއްޖޭގެ ގުޅުން ގާއިމްކުރީ ޖުލައި 26، 1965ގައެވެ. އަދި ބަންގްލަދޭޝްއާ އެކު ގުޅުން ގާއިމްކުރީ ސެޕްޓެމްބަރު 22، 1978ގައެވެ.