ގޫގުލްގެ އޭއައި ޓޫލްސް ސްރީލަންކާގެ ދަރިވަރުންނަށް ހިލޭ

ދަރިވަރުންނަށް އޭއައި ޓޫލްސް ހިލޭ ލިބުމަކީ އެކަމާމެދު ވަރަށް ބޮޑަށް ސަމާލުވާންޖެހޭ ކަމެއްކަމަށް މާހިރުން ވިދާޅުވޭ ---

ގޫގުލްގެ އެންމެ މަޝްހޫރު އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޕްލެޓްފޯމް ކަމަށްވާ "ޖެމިނައި" އާއި އެހެނިހެން ޑިޖިޓަލް ވަސީލަތްތައް ސްރީލަންކާގެ ދަރިވަރުންނަށް ހިލޭ ފޯރުކޮށްދިނުމަށް އެއްބަސްވެފައިވާ ކަމަށް، ސްރީލަންކާގެ ޑިޖިޓަލް އިކޮނޮމީގެ ނައިބު ވަޒީރު އިރަންގަ ވީރަރަތުނަ ހޯމަ ދުވަހު އިއުލާނުކުރައްވައިފިއެވެ.

ލަންކާގެ ޑިޖިޓަލް އިކޮނޮމީގެ ވުޒާރާ އާއި ގޫގުލްއާ ދެމެދު އެތައް މަހެއް ވަންދެން ކުރެވުނު މަޝްވަރާތަކަށް ފަހު މި ނިންމުން ނިމިފައިވަނީ، ގައުމުގެ ތައުލީމީ ދާއިރާއަށް ބޮޑު ކުރިއެރުމެއް ގެނެސްދޭނެ ފަދަ މުހިންމު ފިޔަވަޅެއްގެ ގޮތުގައެވެ.

މި އިސްނެގުމުގެ ދަށުން، ސްރީލަންކާގެ ހުރިހާ ދަރިވަރުންނަށް އެންމެ އަގުބޮޑު އޭއައި ޓޫލްތަކާއި، ކްލައުޑް ކޮމްޕިއުޓިން ޕްލެޓްފޯމްތަކާއި، އަދި ޑިޖިޓަލް ތަޢުލީމީ ވަސީލަތްތައް އެއްވެސް އަގަކާ ނުލައި ލިބިގެންދާނެއެވެ.

https://sun.mv/211854

ނައިބު ވަޒީރު ވީރަރަތުނަ ވިދާޅުވީ، މިއީ ސްރީލަންކާގެ ދަރިވަރުންނަށް ދުނިޔޭގެ ފެންވަރުގެ އެހެނިހެން ދަރިވަރުންނާ އެއް ހަމައެއްގައި ވާދަކުރުމުގެ ފުރުސަތު ހޯދައިދޭނެ ކަމެއް ކަމަށެވެ.

މި ފިޔަވަޅުގެ ސަބަބުން، އޭއައި ތަރައްޤީ ކުރުމާއި ޑިޖިޓަލް ލިޓަރަސީގެ ދާއިރާއިން ސްރީލަންކާގެ ޤައުމީ ޤާބިލުކަން އިތުރުވެ، އަންނަން އޮތް ޖީލަށް އީޖާދީ ޚިޔާލުތައް ތަރައްޤީކޮށް، އުނދަގޫ މައްސަލަތައް ޙައްލުކޮށް، އަދި ދުނިޔޭގެ ފެންވަރުގައި ވާދަކުރުމުގެ ބާރު ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

ނައިބު ވަޒީރު ވަނީ މި ވަރުގަދަ ޓޫލްތައް އަޚްލާޤީ މިންގަނޑުތަކުގެ ތެރެއިން، ޒިންމާދާރުކަމާއެކު، އަދި މުޖުތަމަޢުގެ ހެވާއި ލާބައަށް ބޭނުންކުރުމުގެ މުހިންމުކަން ވެސް ފާހަގަކުރައްވާފައެވެ. އޭނާ ވިދާޅުވީ މިއީ ހަމައެކަނި އޭއައި ބޭނުންކުރުމެއް ނޫން ކަމަށާއި، މިއީ ޙިކުމަތާއި، އޯގާތެރިކަމާއި، އަދި ވަކި މަޤްޞަދެއްގައި މިކަން އުނގެނި، އޭގެ މައްޗަށް ބާރު ހިންގުން ކަމަށެވެ.

މި ޕްރޮގްރާމް ވަރަށް އަވަހަށް ފެށުމަށް ހަމަޖެހިފައިވާއިރު، އިތުރު ތަފްސީލުތައް މިނިސްޓްރީން ފަހުން ޢާންމުކުރާނެ ކަމަށް ބެލެވެއެވެ.

ސްރީލަންކާގެ ދަރިވަރުންނަށް އޭއައި ޓޫލްސް ހިލޭ ލިބުމަކީ އެ ގައުމުގެ ޑިޖިޓަލް ތަރައްޤީއަށް ލިބިގެންދާނެ މުހިންމު ކުރިއެރުމެކެވެ.

comment ކޮމެންޓް