ރައްޔިތުން ހާސްވާންޖެހޭ އެއްވެސް ކަމެއް ނެތްކަމަށާއި، ދައްކަންޖެހޭ ދަރަނިތައް ވެސް ދައްކައި، ކުރިއަށް ދައްކަން ހުރި ދަރަނިތައް ވެސް ޕްލޭންކުރަމުން އަންނަކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ޕީއެންސީން މިރޭ ބޭއްވި ޖަލްސާގައި، އިގްތިޞާދީ ހާލަތާ ގުޅުވައި ވާހަަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މި ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ވެސް ކުރިއަށް ގެންދަނީ އިގްތިޞާދު ހަމަ މަގަށް އެޅުވުމުގެ މަސައްކަތާ އެކުގައި ކަމަށެވެ.
ރައީސް ވިދާޅުވީ އިގްތިޞާދު މިހާރު ހިނގަމުން އަންނަނީ ރަނގަޅު ދުވެލީގައި، ރަނގަޅު މަގުން ކަމަށެވެ. އަދި ރައްޔިތުން ހާސްވާންޖެހޭ އެއްވެސް ކަމެއް ނެތްކަމަށް ވިދާޅުވިއެވެ.
"އެއްވެސް ވަރަކަށް އަޅުގަނޑުމެން ކަންބޮޑުވެ، ހާސްވާންޖެހޭ ގޮތަކަށް އިރާދަކުރެއްވިއްޔާ ކަމެއް ނެތް،" ދަރަނިތައް ވެސް ދައްކަމުން އަންނަކަން ފާހަގަކުރައްވައި ރައީސް ވިދާޅުވިއެވެ.
ރައީސް ސިފަކުރެއްވި ގޮތުގައި ޗައިނާއިން، ރާއްޖެއިން އެ ގައުމަށް ދައްކަންހުރި ދަރަނިތައް ދެއްކުމުގައި ލުއި ގޮތެއް ހަމަޖައްސައިދޭން ނިންމައި އެގްރީމަންޓުތަކުގައި ސޮއިކޮށް ނިންމުމަކީ ވެސް ލިބުނު ވަަރަށް ބޮޑު ލުޔެކެވެ.
އެއާއެކު ކުރިއަށް ދައްކަން ހުރި ދަރަނިތައް ވެސް ޕްލޭންކުރަމުން އަންނަ ކަމަށާއި، ދަތިކަމެއް ނެތި އެ ދަރަނިތައް ދައްކާނެ ކަމަށް ވިދާޅުވިއެވެ. އަދި އެކަން ކޮށް، މަޝްރޫއުތައް ކުރާނީ ފައިސާ ވެސް ޗާޕުނުކޮށް ކަމަށް ވިދާޅުވިއެވެ.
1 އޮކްޓޯބަރު 2025: ޕީއެންސީގެ ޖަލްސާގައި ސަރުކާރުގެ ވަޒީރުންނާއި، ޕީއެންސީ ޕީޖީ ލީޑަރު ފަލާހު -- ފޮޓޯ: ރައީސް އޮފީސް
"ރައްޔިތުންނަށް ވެފައި ހުރި ވައުދުތައް ފުއްދަމުން އަޅުގަނޑުމެން ދާނީ ބޭރުގެ ދަރަނި ދައްކަމުން ރައްޔިތުންގެ އެތެރޭގެ ދަރަނިތައް ވެސް ދައްކަމުން. އަދި އިރާދަކުރެއްވިއްޔާ ފައިސާ ޗާޕުނުކޮށް،" ރައީސް ވިދާޅުވިއެވެ.
ރާއްޖެއަށް ވަނީ ދަރަނީގެ ކަންބޮޑުވުން ބޮޑުވެފައެވެ. އެގޮތުން، މި އަހަރު ވެސް 500 މިލިއަނެއްހާ ޑޮލަރު ދައްކަންޖެހޭއިރު އަންނަ އަހަރު އެ އަދަދު 1.1 ބިލިއަން ޑޮލަރަށް އަރާނެއެވެ.
އޭގެ ތެރެއިން ރާއްޖެއިން ޗައިނާއަށް ދައްކަން އޮތީ ސީދާ ކިހާ ވަރެއްކަން އަދި ޔަގީނެއް ނުވެއެވެ.
ދަރަނި ބޮޑުވުމާ ގުޅިގެން ޚަރަދު ކުޑަކުރަން ބޭރުގެ މާލީ އިދާރާތަކުން މެދުނުކެނޑި ގޮވާލާއިރު، ސަރުކާރުން އަންނަނީ ދަރަނި ދެއްކޭނެކަމުގެ ޔަގީންކަން ދެމުންނެވެ. އަދި، މަޝްރޫއުތައް ހިންގާ ގޮތަށް ބަދަލު ގެނެސް، ސަރުކާރު ކުންފުނިތަކާ ހަވާލުކޮށްގެން ޚަރަދު ކުޑަކުރެވޭނެ ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފައެވެ.