ކުރީގެ ތިން މިނިސްޓަރުންގެ މައްސަލަ ބަލަނީ ރޭވުމަކުން، ފަހަތަށް ޖައްސަން: ޞާލިޙް

ކުރީގެ ރައީސް ޞާލިޙް، ކުރީގެ އެޑިއުކޭޝަން މިނިސްޓަރާ އެކު: ކުރީގެ ތިން މިނިސްޓަރުން އޭސީސީއަށް ހާޒިރުކުރަނީ ރޭވުމަކުން ކަމަށް އެ މަނިކުފާނު ވިދާޅުވި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެ މަނިކުފާނުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ތިން މިނިސްޓަރެއްގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބަލަން ފަށާފައިވަނީ ސިޔާސީ ރޭވުމެއްގެ ތެރެއިން ސިޔާސީ ފަރާތްތައް ފަހަތަށް ޖައްސަން ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއާއި، އިކޮނަމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އަދި ފިނޭންސް މިނިސްޓަރުކަން ކުރެއްވި އިބްރާހިމް އަމީރު އޭސީސީއަށް ހާޒިރުވާން އަންގާ ޗިޓު ވަނީ ފޮނުވާފައެވެ.

އެ ކަމާ ގުޅިގެން ނުރުހުން ފާޅުކުރައްވާ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޞާލިޙް ވިދާޅުވީ، އެ ބޭފުޅުން އޭސީސީއަށް ހާޒިރުކުރަން އަންގާފައިވަނީ ދައުލަތުގެ މުއައްސަސާތަކުގެ މުސްތަގިއްލުކަން ގެއްލުވާލާފައިވާ ދަނޑިވަޅެއްގައި ކަމަށެވެ. އެއީ، އިންސާފުން އެއްކިބާވެ، ރައްޔިތުންގެ އަޑު ކަނޑުވާލައި، އިދިކޮޅު ސިޔާސީ ފަރާތްތައް ފަހަތަށް ޖައްސަން ރޭވިގެން ހިންގާ ކަމެއްގެ ގޮތުގައި އެ މަނިކުފާނު ވަނީ ސިފަކުރައްވާފައެވެ.

"މާޒީގައި މިކަން ހިނގައިދިޔަ ގޮތް އަޅުގަނޑުމެންނަށް އެބަ އެނގޭ. އިންސާފުން އެއްކިބާވެފައިވާ ތަހުގީގުތަކާއި، ސިޔާސީ ހުކުމްތަކުން މުޅި ގައުމު ކިލަނބުވާނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.

އެހެންވެ، އެފަދަ ކަންކަމުން ދުރުވެ، އިންސާފާއި، ހަމަހަމަކަމާއި، ގާނޫނުގެ ވެރިކަން އިސްކުރަން ދައުލަތުގެ ވެރިންނަށް ޞާލިޙް ގޮވާލެއްވިއެވެ.

އޭސީސީން ބަލާ މައްސަލަތަކެއްގައި ތިން މިނިސްޓަރުން ހާޒިރުވާން ވަނީ ޗިޓު ފޮނުވާފައެވެ. އެގޮތުން، ފައްޔާޒް ހާޒިރުކުރަނީ ހޯމަ ދުވަހެވެ. އަދި، އަމީރު ހާޒިރުކުރަނީ އާދިއްތަ ދުވަހެވެ. އެކަމަކު، ކުރީގެ މިނިސްޓަރު އައިޝަތު އަލީ ހާޒިރުކުރަނީ ކޮން ދުވަހަކު ކަމެއް ނޭނގެއެވެ.

https://sun.mv/212452

ތިން ބޭފުޅުންގެ މައްސަލަ ބަލަނީ ސިޔާސީ ގޮތުން ފަހަތަށް ޖައްސައި، ބިރުދައްކަން ކަމަށް އެމްޑީޕީން އަންނަނީ ތުހުމަތުކުރަމުންނެވެ.

އެގޮތުން، ކުރީގެ މިނިސްޓަރު ފައްޔާޒާއި އަމީރު ވެސް ވަނީ ގޯހެއް ހަދާފައިނުވާނެ ކަމަށް ވިދާޅުވެފައެވެ.

އޭސީސީން މިހާރު މަސައްކަތްކުރަނީ ވަޒީފާގެ ދިފާއުގައި ބޭއިންސާފުން މީހުން ފްރޭމްކުރަން ކަމަށް ވިދާޅުވެ، އަމީރު ވެސް ވަނީ ނުރުހުން ފާޅުކުރައްވާފައެވެ. އަދި، ފައްޔާޒަށް ކުރެވޭ ތުހުމަތުތައް ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ވެސް ވަނީ ދޮގުކުރައްވާފައެވެ. ފައްޔާޒާ ގުޅޭ ގޮތުން ބަލަނީ ސައުދުﷲގެ ހިއްސާ އޮންނަ ކުންފުންޏަކަށް ބަދަލު ދިން ގޮތުގެ މައްސަލައެކެވެ.

comment ކޮމެންޓް