މޯލްޑިވިއަން ހިންގާ ގޮތުން ކުރިއަށް އޮތް 100 އަހަރު ވެސް ފައިދާއެއް ނުވާނެ: ފިރާގު

މޯލްޑިވިއަންގެ ބޯޓެއް: އެ ކުންފުނި މިހާރު ހިންގާ ގޮތުން 100 އަހަރު ވެސް ފައިދާ ނުވާނެ ކަމަށް ފިރާގު ވިދާޅުވި --- ސަން ފޮޓޯ: އަޙްމަދު އައިމަން އަލީ

ގައުމީ އެއާލައިން، މޯލްޑިވިއަން މިހާރު ހިންގާ ގޮތުން ކުރިއަށް އޮތް 100 އަހަރު ވެސް އެ ކުންފުންޏަށް ފައިދާވާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް އިނާ މޯލްޑިވްސްގެ ވެރިޔާ މުހައްމަދު ފިރާގު ރޭ ވިދާޅުވެއްޖެއެވެ.

އެސްއެސްޓީވީގެ 'ބާރު ހަތަރެއް' ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ފިރާގު ވަނީ މޯލްޑިވިއަން ހިންގާ ގޮތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ، ގައުމީ އެއާލައިނަށް މުހިންމީ ބޮޑެތި ބޯޓުތަކެއް ގެނެސްފައި ބެހެއްޓުން ނޫން ކަމަށާއި ގިނަ ބޯޓުތަކެއް މަތީގައި އުދުހުން ކަމަށެވެ.

ގައުމީ އެއާލައިނަށް ވައިޑް ބޮޑީ ބޯޓުތަކެއް ވެސް ކޮންމެހެން ބޭނުންނުވާ ކަމަށް ފިރާގު ގަބޫލުކުރައްވައެވެ.

"އަޅުގަނޑެއް ގަބޫލެއް ނުކުރަން އަޅުގަނޑުމެންގެ ގައުމީ އެއާލައިނަށް އަދި ކޮންމެހެން ވައިޑް ބޮޑީއެއް ބޭނުންވާ ކަމަކަށް. އެހެންނަމަވެސް އެއަށްވުރެ ފައިދާހުރި ގޮތަކަށް އަޅުގަނޑުމެންނަށް ޕްލޭންތަކެއް ކުރެވުނު ނަމަ މާ ރަނގަޅުވީސް،" އޭނާ ވިދާޅުވިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްގެ އެއްކޮށް ހުޅުވާލާއިރު އައްޑޫ ސިޓީއާއި އުތުރުގައި ހަނިމާދޫގައި ވެސް ބޮޑު އިންޓަނޭޝަނަލް އެއާޕޯޓެއްގެ މަސައްކަތް ނިމޭކަން ފާހަގަކުރައްވައި އޭނާ ވަނީ ނެޓްވާކެއް އުފެއްދުން މާ މުހިންމު ކަމަށް ވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ، ރާއްޖޭގެ އާބާދީ ކުޑަކަމުން ހަމައެކަނި ދިވެހީން ދަތުރުކޮށްގެން އެއާލައިނެއް ނުހިންގޭނެ ކަމަށެވެ.

އެހެންވެ، އެކި ކަންކޮޅުތަކަށް ދަތުރުކޮށްގެން ފަސިންޖަރުން ހޯދަންޖެހޭ ކަމަށް އޭނާ ގަބޫލުކުރައްވައެވެ. ފިރާގު ވިދާޅުވީ، އެ ފަދައިން ކުންފުނި ހިންގާނަމަ، ކޮންމެހެން މުހިންމީ ބޮޑު ބޯޓެއް ނޫން ކަމަށާއި އެއަށްވުރެ ކުޑަ ބޯޓުތަކަކުން މާ ނަފާވެރި ގޮތެއްގައި އޭރަށް ކުންފުނި ހިންގޭނެ ކަމަށެވެ.

މޯލްޑިވިއަންގެ ދެ ބޯޓެއް މި ފަހުން ވެސް ގްރައުންޑްވިކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ، އެއީ ދަތުރުވެރިންގެ އިތުބާރު އެއާލައިނަށް ގެއްލޭނެ ކަމެއް ކަމަށެވެ. އެހެންވެ، މިހާރު އެ ކުންފުނި ހިންގާ ގޮތުން ކުރިއަށް އޮތް 100 އަހަރު ވެސް ކުންފުންޏަށް ފައިދާއެއް ވެދާނެ ކަމަކަށް އޭނާ ގަބޫލެއް ނުކުރައްވައެވެ.

"20 އަހަރު ކީއްކުރަން 100 އަހަރު ވެސް މިހާރު ހިންގާ ގޮތުން ފައިދާއެއް ނުވާނެ. އަޅުގަނޑަށް ހަމަ ޔަގީން. ވަރަށް ކެރިގެން މި ދަންނަވަނީ. އެއީ ހަމަ ކަން އޮތްގޮތް،" ފިރާގު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ދުނިޔޭގެ އެހެން ހުރިހާ ގައުމެއްގައި ވެސް އެއާލައިންތައް ހިންގަނީ ދާއިރާގެ ތަޖުރިބާކާރުން ގެނެސްގެން ކަމަށެވެ. އެކަމަކު، ރާއްޖޭގައި "ކުޑަ ދެތިން ހަތަރު މީހަކަށް ދޫކޮށްލައިގެން ތިބީ" ކަމަށް ވިދާޅުވެ، ފިރާގު ވަނީ މޯލްޑިވިއަންއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ގެއްލުމުގައި ހިންގާ މޯލްޑިވިއަންއަށް ވައިޑް ބޮޑީ މަތިންދާ ބޯޓު ގެނެސް ދުރު މަންޒިލުތަކަށް ދަތުރުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. އެކަމަކު، އެ ދަތުރުތަކަށް ވެސް މާ ބޮޑު ތަރުހީބެއް ނުލިބޭއިރު ގައުމީ އެއާލައިން ހިންގަނީ ގެއްލުމުގައެވެ.

comment ކޮމެންޓް