އާންމު ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ބޭސްތަކާއި ބޮޑެތި ބަލިތައް ތަހަންމަލުކުރާ މީހުންނަށް ކޮންމެހެން ބޭނުންވާ ބޭސްތައް ވެސް މިހާރު ގަވާއިދުން ނުލިބޭ ކަމަށާއި އެހެން އެކަން ވަނީ ރައްޔިތުންނާ މެދު ސަރުކާރުގެ އެއްވެސް ކުލުނެއް ނެތީމާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެއެވެ.
ބޭސް ނުލިބޭކަމުގެ ޝަކުވާ ބޮޑުވެފައި އޮންނަތާ އެތައް ދުވަހެއް ވެއްޖެއެވެ. އެ މައްސަލަ ހައްލުކުރަން ސަރުކާރުން އެކި ތާރީޚުތައް ދިން ނަމަވެސް އެ މައްސަލައަށް އަދިވެސް އެކަށިގެންވާ ހައްލެއް ނުލިބެއެވެ. މީގެ ކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިއީ ބޭހުގެ އަގު ހެޔޮކުރަން ސަރުކާރުން މަސައްކަތް ފެށުމުން ބައެއް ފާމަސީތަކުން ރާވައިގެން ކުރާ ކަމެއްގެ ގޮތުގައި ވެސް ސިފަކުރައްވާފައެވެ.
އެ ކަންކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ސިލްސިލާކޮށް ބާއްވާ ޓައުންހޯލް ޖަލްސާތަކުގެ ތެރެއިން ޖަލްސާއެއްގައި ވާހަކަދައްކަވަމުން ޔާމީން ރޭ ވިދާޅުވީ، އާންމުކޮށް މީހުން ކައިނޫޅޭ އަދި މަދުން ނޫނީ ނުފެންނަ ބާވަތުގެ ބަލިތަކުގެ ފަރުވާއަށް ބޭނުންވާ ބޭސް ގެންނަންޖެހޭނީ ސަރުކާރުން ކަމަށެވެ. އެކަން، ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯއިން ނުކުރަނީ ކީއްވެތޯ އެ މަނިކުފާނު ވަނީ ސުވާލު އުފައްދަވާފައެވެ.
"އަޅުގަނޑު އެސްޓީއޯގެ އެމްޑީއަށް މިހާރު ވެސް އިލްތިމާސްކުރަން މި ކަހަލަ ރެއާ، މި ކަހަލަ ވަރަށް މަދުން ނޫނީ ނުފެންނަ ބަލިބައްޔަށް ހުންނަ ޚާއްސަ ބޭސްތައް އެސްޓީއޯއިން އެބަޖެހޭ އެ މީހުންގެ އިޖުތިމާއީ ޒިންމާއެއް އުފުލަން،" އެ މަނިކުފާނު ކަންބޮޑުވުމާ އެކު ވިދާޅުވިއެވެ.
އެސްޓީއޯއަކީ ހަމައެކަނި ބޮޑެތި އަގުގައި މުދާ ވިއްކާފައި އޭގެ ފައިދާ ނަގައިގެން [ރައީސް] މުއިއްޒަށް ފައިސާ ފޮނުވަން ހުރި ތަނެއް ނޫނޭ. އެއީ ރައްޔިތުންގެ ވިޔަފާރި ކުންފުންޏެކޭ. ރައްޔިތުންގެ ވިޔަފާރި ކުންފުނިން މި ކަހަލަ ކަންތައްތައް ކޮށްދޭން ވާނެ،"
ޔާމީން ވިދާޅުވީ، ގިނައިން ނުވިކޭ އަދި ފައިދާނުވާ ބޭސްތައް އަމިއްލަ ފާމަސީތަކުން ނުގެންނާނެ ކަމަށެވެ.
އެހެންވެ، އެސްޓީއޯއިން އެ ބޭސްތައް ގެނެސްފައި ނުބަހައްޓަނީ ކީއްވެތޯ އެ މަނިކުފާނު ސުވާލު އުފެއްދެވިއެވެ. އެ ކުންފުނީގެ އިޖުތިމާއީ ޒިންމާ ނުރެކެން ގޮވާލައި އެ މަނިކުފާނު ވިދާޅުވީ، އެސްޓީއޯއަށް ބޭނުންވާ ވަރަށް ވެސް މިހާރު ޑޮލަރު ނުލިބެނީ ކަމުގައި ވެސް ވެދާނެ ކަމަށެވެ.
އެގޮތުން، އެސްޓީއޯއާއި އާސަންދައަށް ބޭނުންވާ އަދަދަށް ފައިސާ ލިބޭ ނަމަ ބޭސް ނުލިބުމުގެ މައްސަލަ ކުރިމަތިނުވާނެ ކަމަށް ޔާމީން ވިދާޅުވިއެވެ.
"ދެން އަޅުގަނޑުގެ ސުވާލަކީ ހިލޭ އައިނު ހައްދަނީ ކާކަށް ކޯޗެއް ނުފެންނާތީ ހެއްޔޭ؟ އެއްޗެއް ނުފެންނަންޏާ ރާއްޖޭގައި ބޭސް ނެތްކަން ވަޒީރާއި [ރައީސް] މުއިއްޒާ އެ ބޭފުޅުންނަށް ނުފެންނަންޏާ އެ ބޭފުޅުން ނޫންތޯ އައިނު އަޅަންވީ؟" އެ މަނިކުފާނު ފާޑުވިދާޅުވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް: އެ މަނިކުފާނު ގެންދަވަނީ ސިލްސިލާ ޖަލްސާތައް ބާއްވަވަމުން -- ސަން ފޮޓޯ/ މޫސާ ނަދީމް
އެ މަނިކުފާނު ވިދާޅުވީ، ރަށްރަށަށް ވަޑައިގެން އަދިވެސް ބިންގާ އަޅުއްވަނީ ކަމަށާއި އެއީ 'ޕްރިއާރިޓީސް' ސެޓްކުރަން ނޭނގޭތީ ވާ ކަމެއް ކަމަށެވެ. އެންމެ ޒަރޫރީ އެއް ކަމަކީ ބޭސްކަން ފާހަގަކުރައްވައި އެ މަނިކުފާނު ވަނީ އެކަން ނުކޮށް، ރަށްރަށުގައި އެކިއެކި މަޝްރޫއުތަކުގެ ބިންގާ އަޅައި، އެއާޕޯޓުތަކަށް ބިން ހިއްކުމުގެ މަސައްކަތް ކުރާތީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
"މި ކަމަށް ހަމަ އެއްވެސް ކަހަލަ ސަމާލުކަމެއް، ހެލްތު މިނިސްޓަރު ވެސް ނުދެއްވަނީ، ނޫނީ ހެލްތު މިނިސްޓަރު ދެއްވާ ކަމަށްވަންޏާ ފިނޭންސް މިނިސްޓަރު ނުދެނީ،" ނުރުހުން ފާޅުކުރެއްވިއެވެ.
ޔާމީން ތުހުމަތުކުރެއްވި ގޮތުގައި ސަރުކާރުން ބަލަނީ 'ލާރިގަނޑެއް' ލިބޭ ކަންކަމަށް އެކަންޏެވެ.
އެހެންވެ، ބޭސް ނުލިބުން ފަދަ އެންމެ ޒަރޫރީ ކަންކަން ހައްލުކުރެއްވުމުގެ ބަދަލުގައި އެކިއެކި މަޝްރޫއުތަކުގެ ބިންގާ އަޅުއްވައި ބިން ހިއްކުން ފަދަ ކަންކަން ކުރައްވަނީ އެއްވެސް ވަރަކަށް ރައްޔިތުންނާ މެދު ކުލުމެއް ނެތީމާ ކަމަށް ޔާމީން ތުހުމަތުކުރެއްވިއެވެ. އެ މަނިކުފާނު ވިދާޅުވީ، އާންމު މީހުންނާ މެދު އެއްވެސް ކުލުނެއް ހުރި ނަމަ މިހެން ކަންތައް ނުކުރާނެ ކަމަށެވެ.
"އާންމު މީހުންގެ އިހުސާސަކަށް މި ސަރުކާރުގެ ހަމަ އެއްވެސް ވަރެއްގެ ކުލުނެއް ނެތީ. ހަމަ ލޯންގް އެންޑް ޝޯޓް އޮފް އިޓް އިސް ދެޓް އެނގޭތޯ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ބޭސް ނުލިބޭ މައްސަލަ ހައްލުކުރަން ސަރުކާރުން އެކި ތާރީޚުތައް ދިން ނަމަވެސް އަދިވެސް ސޯޝަލް މީޑިއާގައި ގިނަ އަދަދެއްގެ އާންމުން އަންނަނީ ބޭސް ނުލިބޭކަމުގެ ޝަކުވާ ކުރަމުންނެވެ. ޚާއްސަކޮށް ބޮޑެތި ބަލިތަކުގެ ފަރުވާއަށް ބޭނުންވާ، އާންމުކޮށް ބޭނުންނުކުރާ ޒާތުގެ ބޭސް ނުލިބޭކަމުގެ ކަންބޮޑުވުން ވަރަށް ބޮޑެވެ.
އެ ކަންކަން ހައްލުކުރަން ސަރުކާރުން ވަނީ ބޭސް ކުންފުންޏެއް އުފައްދާފައެވެ. އެކަމަކު، އެ ކުންފުނީގެ މަސައްކަތް ފަށަން އަދި ހަތަރު މަސް ނަގާނެ ކަމަށް ކުންފުނިން ވަނީ ބުނެފައެވެ.