އެއާޕޯޓް ޕާކިން ޒޯން ކައިރީ އޮންނަ މަގުން އެއްކޮޅަށް ދުއްވޭ ގޮތަށް ހަދައި، އިތުރު ބަދަލުތަކެއް

އެއާޕޯޓުގެ އާ ޓާމިނަލް: އެއާޕޯޓުން އުޅަނދުތައް ނުކުންނާނެ ގޮތާއި، އިތުރު ބައެއް ބަދަލުތައް ގެންނާނެކަން ވަނީ އިއުލާންކޮށްފައި -- ފޮޓޯ/ އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި އުޅަނދުތައް ދަތުރުކުރަންވީ ގޮތަށް މާދަމާ ރެއިން ފަށައިގެން ބަދަލުތައް ގެންނާނެކަން، އެއާޕޯޓް ހިންގާ ކުންފުނި އެމްއޭސީއެލްއިން މިއަދު ބުނެފިއެވެ.

އެމްއޭސީއެލްއިން ނެރުނު އިއުލާނެއްގައިވަނީ، މާދަމާ ރޭ 00:00އިން ފެށިގެން އެއާޕޯޓުގެ މަގުތައް ބޭނުންކުރެވޭ ގޮތަށް ބަދަލު ގެންނާނެ ކަމަށެވެ.

އެ އިއުލާނުގައިވަނީ، އެ ގަޑިން ފެށިގެން ހުރިހާ އުޅަނދެއް އެއާޕޯޓަށް ވަންނާނީ އެންމެ ބޭރު މަގުން ކަމަށެވެ. އަދި އެއާޕޯޓަށް މީހުން ގޮވައިގެން ވަންނަ އުޅަނދުތައް ބޭނުންކުރާނީ، ޓެކްސީތައް މަޑުކޮށްގެން އޮންނަ ސަރަހައްދުގެ ކުރިމައްޗަށް އޮންނަ މަގުގެ ވާތްފަޅި ކަމަށް އެމްއޭސީއެލުން ބުންޏެވެ.

އެ ކުންފުނިން ވަނީ، އެއާޕޯޓުގެ ދެ ޓާމިނަލަށް މީހުން ގޮވައިގެން ވަންނަ ވެހިކަލްތައް އެއާޕޯޓުން ނިކުންނާނީ އައު ޓާމިނަލް ކުރިމަތީގައި އޮންނަ މަގުން ކަމަށެވެ. އަދި ބޭރު މަގުން ވަންނަ އުޅަނދުތަކުގެ ތެރެއިން އެއާޕޯޓުން ނުކުންނަން ބޭނުންވާ ވެހިކަލްތައް ބޭނުންކުރާނީ ޕާކިން ސަރަހައްދުގެ ކުރިމައްޗަށް އޮންނަ މަގުގެ ކަނާތްފަޅި ކަމަށް ވެސް އެމްއޭސީއެލުން ބުންޏެވެ.

މިދިޔަ ޖުލައި މަހުގެ 26ގައި އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވައިފައިވާއިރު، އޭގެ ކުރިންނާއި ފަހުން ވެސް އެއާޕޯޓުގެ ޓްރެފިކަށް ބަދަލުތައް ގެނެސްފައިވެއެވެ.

އެއާޕޯޓު ބޭނުންކުރާ އެންމެ ގިނަ މީހުންގެ ޝަކުވާއަކީ، ބައެއް ފަހަރު ޓެކްސީ ކިޔޫގައި ގިނަ ވަގުތުތަކެއް ހޭދަ ކުރަން ޖެހުމެވެ.

މީގެ އިތުރުން އާ ޓާމިނަލް ހުޅުވުމުގެ ތައްޔާރީތަކަށް، އެ ޓާމިނަލް ކުރިމަތީ އޮންނަ ބޮޑު ޕާކިން ޒޯން ބަންދުކުރި މައްސަލައިގައި ވެސް ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރިއެވެ. އެ ޕާކިން ޒޯން ބަންދުކުރީ ސަލާމަތީ ސަބަބުތަކާ ހެދި ކަމަށް ބުނި ނަމަވެސް، އެ ނިންމުމަށް ދެ މަސްވި ފަހުން، އެ ސަރަހައްދުގައި ޕާކް ކުރުމުގެ ހުއްދަ މިމަހުގެ 11 ވަނަ ދުވަހު ވަނީ ދީފައެވެ.

comment ކޮމެންޓް