ބުރިޖުގެ ލައިޓްތަކާއި ޓްރެފިކް ލައިޓުގައި މައްސަލަ ޖެހުނުތާ ގަޑިއިރުތަކެއް ފަހުން، ހައްލުކޮށްފި

ސިނަމާލެ ބުރިޖު: މައްސަލަ ޖެހުނު ޓްރެފިކް ލައިޓާއި ސިނަމާލެ ބުރިޖުގެ ލައިޓުތައް ރަނގަޅުވެ، ދިއްލަންވަނީ ފަށައިފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސިނަމާލެ ބުރިޖުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަންނަ ޖަންކްޝަންގައި ހަރުކޮށްފައިވާ ޓްރެފިކް ލައިޓާއި އެ ބުރިޖުގައި ހުރި ލައިޓުތަކެއްގައި މިއަދު މައްސަލަ ޖެހުނުތާ ގަޑިއިރުތަކެއް ފަހުން އެ މައްސަލަ ހައްލުކޮށްފިއެވެ.

ފުލުހުން މިއަދު 13:37ގައި ކުރި އިއުލާނެއްގައި ވަނީ، ސިނަމާލެ ބްރިޖު މަތިން ދުއްވާފައި ގޮސް ވެލާނާ އެއާޕޯޓަށް ވަންނަ ޖަންކްޝަންގެ ޓްރެފިކް ލައިޓް ނުދިއްލޭ ކަމަށެވެ. އެހެންވެ، އެ ސަރަހައްދުގެ ޓްރެފިކް ބަލަހައްޓަން ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށް ބުނެ، ދުއްވާއިރު ސަމާލުވާން އިލްތިމާސްކުރިއެވެ.

އޭގެފަހުން ފުލުހުން ވަނީ، އެ ޓްރެފިކް ލައިޓްގެ އިތުރުން ސިނަމާލެ ބުރިޖުގެ ލައިޓުތަކާއި ބުރިޖާ ގުޅިފައިވާ މަގުތަކުގެ ލައިޓްތައް ނުދިއްލޭތީ ދަތުރުކުރާ މީހުން އެކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެދިފައެވެ.

https://sun.mv/212039

މިރޭ 'ސަން'އިން ސުވާލުކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ހަވީރު 20:30 ހާއިރު އެ ލައިޓުތައް ރަނގަޅުކުރެވިފައިވާ ކަމަށެވެ. އެހެންވެ، އެ ލައިޓުތައް މިހާރު ދިއްލަމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ފުލުހުން ވަނީ، ޓްރެފިކް ފްލޯ އޮމާންކޮށް ކުރިއަށް ގެންދިޔުމަށް ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެވެ.

މާލޭގައި ދޭތެރެއަކުން އެކްސިޑެންޓްގެ މައްސަލައެއް ފެންމަތިވާއިރު، އޭގެ ތެރެއިން ބައެއް އެކްސިޑެންޓްތައް ސިނަމާލެ ބްރިޖު މަތީގައި ވެސް ހިނގައެވެ.

ފުލުހުންގެ ތަފާސްހިސާބުތަކުން ހާމަވާ ގޮތުގައި މިއަހަރުގެ މިހާތަނަށް 2،333 އެކްސިޑެންޓް ރިޕޯޓުކޮށްފައިވެއެވެ.

comment ކޮމެންޓް