ޓެކްނިކަލް މައްސަލައެއް ދިމާވެ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަންނަ ޖަންކްޝަންގައި ހަރުކޮށްފައިވާ ޓްރެފިކް ލައިޓް ނުދިއްލޭތީ އެ ސަރަހައްދުން ދަތުރުކުރާ މީހުން ސަމާލުވާން ފުލުހުން އެދިއްޖެއެވެ.
ފުލުހުން މިއަދު ބުނީ، ޓެކްނިކަލް މައްސަލައެއް ދިމާވެ، ސިނަމާލެ ބްރިޖްމަތިން ދުއްވާފައި ގޮސް ވެލާނާ އެއާޕޯޓަށް ވަންނަ ޖަންކްޝަންގެ ޓްރެފިކް ލައިޓް ނުދިއްލޭތީ އެ ސަރަހައްދުގެ ޓްރެފިކް ބަލަހައްޓަން ޓްރެފިކް ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
ބްރިޖުން ދަތުރުކުރާ ފަރާތްތަކުން މި ކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށާއި، ފުލުހުންގެ އިރުޝާދުތަކަށް ތަބާވުމަށް ފުލުހުން ވަނީ އެދިފައެވެ. އެ މައްސަލަ ހައްލުކުރުމަށް ކަމާބެހޭ ފަރާތްތަކުން މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މާލޭގައި ދޭތެރެއަކުން އެކްސިޑެންޓްގެ މައްސަލައެއް ފެންމަތިވާއިރު، އޭގެ ތެރެއިން ގިނަ އެކްސިޑެންޓްތައް ހިނގާފައިވަނީ ސިނަމާލެ ބްރިޖު މަތީގައެވެ. އެގޮތުން މީގެ ހަފުތާއެއް ކުރިން ހުޅުމާލެއަށް ދުއްވާފައި ދިޔަ ޕިކަޕެއް ކޮންޓްރޯލުން ނެއްޓި، ޑިވައިޑަރުތަކުގައި ޖެހި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވިއެވެ.
މި ހާދިސާއާ ގުޅިގެން، ޕިކަޕު ދުއްވަން އިން މީހާގެ ލައިސަންސް ވަނީ ހިފަހައްޓައިފައެވެ.
ފުލުހުންގެ މި އަހަރުގެ ތަފާސްހިސާބުތަކުން ހާމަވާ ގޮތުގައި މިއަހަރުގެ މިހާތަނަށް 2،333 އެކްސިޑެންޓް ރިޕޯޓުކޮށްފައިވެއެވެ.