ރާއްޖޭގެ އެއާޕޯޓުތައް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގައި މަސައްކަތްކުރަމުން އަންނަ، އަދި މިދިޔަ އަހަރު މަސައްކަތްކުރި މުވައްޒަފުންނަށް އަހަރީ ބޯނަހުގެ ގޮތުގައި މި އަހަރު ވެސް، 25،000 ރުފިޔާ ޖަމާކުރަން ފަށައިފިއެވެ.
އެ ކުންފުނިން މުވައްޒަފުންނަށް އަހަރީ ބޯނަސް ދިނުމަށް ރަނގަޅު އުސޫލެއް ގެންގުޅޭއިރު، ފާއިތުވި ހަތަރު އަހަރު އެ ކުންފުނިން ވަނީ ހުރިހާ މުވައްޒަފުންނަށް ހަމަހަމަވާ އުސޫލުގެ މަތިން 25،000 ރުފިޔާ ބޯނަހުގެ ގޮތުގައި ދީފައެވެ.
މި އަހަރު ވެސް އެމްއޭސީއެލުން ވަނީ މިދިޔަ އަހަރު އެ ކުންފުނީގައި މަސައްކަތްކުރި ހުރިހާ މުވައްޒަފުންނަށް 25،000 ރުފިޔާ ޖަމާކޮށްދޭން ފަށައިފައެވެ.
އެމްއޭސީއެލުން މީގެކުރިން ބުނެފައިވާ ގޮތުގައި، އަހަރީ ބޯނަސް ދެނީ އަހަރުގެ ހަ މަސްދުވަހަށް ވުރެ ގިނަ ދުވަހު ވަޒީފާ އަދާކުރި މުވައްޒަފުންނަށާއި، ހަ މަސްދުވަހު ވަޒީފާގައި އުޅުމަށް ފަހު، ކެނޑުނު މުވައްޒަފުންނަށް މަސައްކަތްކުރި ދުވަހުގެ މުއްދަތަށް ބަލައިފައެވެ.
ނަމަވެސް އަޚުލާގީ މައްސަލައެއްގައި ވަޒީފާއިން ވަކިކުރި މުވައްޒަފުންނަށް އެ ބޯނަސް ނުދޭނެ ކަމަށް ވެސް އެ ކުންފުނިން އޭރު ބުނެފައިވެއެވެ.
އެމްއޭސީއެލްއަކީ ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ހޯދާ އެއް ކުންފުންޏެވެ. އަދި ސަރުކާރު ކުންފުނިތަކުގެ ތެރެއިން ޑޮލަރުން މުސާރަދޭ ހަމައެކަނި ކުންފުނިވެސްމެއެވެ.