ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ އެޖެންޑާއާއި ޖަލްސާ އޮންނާނެ ވަގުތާ މެދު ސުވާލު އުފެދެމުން ދިޔަ ދަނޑިވަޅެއްގައި، ރަސްމީ ދަތުރެއްގައި މަޖިލީހުގެ ރައީސް އަބްދުއްރަޙީމް ޢަބްދުﷲ ޕާކިސްތާނަށް ފުރާވަޑައިގެންނެވިއިރު ރައީސް ޑރ. މުހައްމަދު މުއިއްޒު ޤަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިއަދު މާލެ ވަޑައިގެންފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ، މިއަދުން ފެށިގެން މި ހަފުތާގެ ނިޔަލަށް އަބްދުއްރަހީމް ކުރައްވާ ދަތުރުގައި ހުޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ޝާހިދާއި، މަނަދޫ ދާއިރާގެ ޕީއެންސީ މެންބަރު ހުސްނީ މުބާރިކާއި، ގަމު ދާއިރާގެ ޕީއެންސީ މެންބަރު ޔޫސުފް ނަޝީދާއި ހުޅުމާލެ މެދު ދާއިރާގެ ޕީއެންސީ މެންބަރު އަބްދުﷲ ޝަޒީމް ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
މި ދަތުރުގައި ޕާކިސްތާން ސަރުކާރުގެ ބައެއް އިސްވެރިންނާ ވެސް އަބްދުއްރަހީމް ބައްދަލުކުރައްވާނެ ކަމަށް، މަޖިލީހުގެ އިދާރާއިން ބުންޏެވެ.
މި ދަތުރާ ގުޅޭ އިތުރު ތަފުސީލެއް މަޖިލީހުގެ އިދާރާއިން ހާމަނުކުރެއެވެ.
ޤަތަރުގައި އޮތް އަރަބި އިސްލާމީ ގައުމުތަކުގެ ކުއްލި ބައްދަލުވުން ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގަތްކަން ރައީސް އޮފީހުން ވަނީ ހާމަކޮށްފައެވެ.
އަބްދުއްރަހީމް ޕާކިސްތާނަށް މިއަދު ފުރާވަޑައިގަތީ ދައުރުން ބޭރުން ޖަލްސާއެއް އޮންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ހާމަކޮށްފައިވަނިކޮށެވެ. ނަމަވެސް، ޖަލްސާ އޮންނާނެ ވަގުތާއި ޖަލްސާގެ އެޖެންޑާ އަދިވެސް ހާމަނުކުރެއެވެ.
މީގެ އިތުރުން، އަރަބި-އިސްލާމިކް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މުއިއްޒު ޤަތަރަށް ކުރެއްވި ދަތުުރު ނިންމަވާލެއްވުމަށް ފަހު، މިއަދު އެނބުރި ރާއްޖެ ވަޑައިގެންފައިވާ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
އާންމު އުސޫލުންކޮންމެ ރެއަކު ވެސް އަނެއް ދުވަހު އޮންނަ ޖަލްސާގެ އެޖެންޑާ އާންމުކުރެއެވެ. އެހެންވިޔަސް މިއަދު ހެނދުނާ ހަމައަށް ވެސް ޖަލްސާގެ އެޖެންޑާ އާންމެއް ނުކުރެއެވެ.
ރެއިން ފެށިގެން ނޫސްވެރިން އަންނަނީ މިއަދުގެ ޖަލްސާގެ އެޖެންޑާއާއި އޮންނާނެ ގަޑިއެއް އަހަމުންނެވެ. އެކަމަކު، އެންމެ ސުވާލަކަށް ވެސް މަޖިލީހުގެ އިދާރާއިން ޖަވާބެއް ނުދެއެވެ.
"ޖަލްސާގެ އެޖެންޑާ ފައިނަލްވީމާ ހިއްސާކުރާނެ ވާހަކަ ދަންނަވަން،" ނޫސްވެރިން ރެއިން ފެށިގެން ސުވާލުކުރަމުން ދިއުމުން މަޖިލީހުގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
ގަޑިއާއި އެޖެންޑާ ނޭނގުނު ނަމަވެސް މަޖިލީހުގައި ސަރުކާރު ހިންގާ ޕީއެންސީ ތަމުސީލުކުރާ ބައެއް މެންބަރުން ވަނީ އިއްޔެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކުރި ގޮތަށް މިއަދު އޮންނަ ދައުރުން ބޭރު ޖަލްސާގައި 'މީޑިއާ ކޮންޓްރޯލް ބިލު' ފާސްކުރާނެ ކަމަށް ވިދާޅުވެފައެވެ. މަޖިލީހުން ބޮޑު އިސްކަމެއް ދީގެން އެ މަސައްކަތްކުރަމުން އަންނާތީ އެއީ ވަރަށް ބޮޑަށް ބެލެވޭ ކަމަކެވެ.
އެ ބިލު އިއްޔެ ކޮމިޓީން ފާސްކުރި ފަހުން، ޕީއެންސީގެ ސީނިއާ މަޖިލިސް މެންބަރަކު "ސަން"އަށް ވިދާޅުވީ އެ ޕާޓީގެ ވިސްނުމަކީ އެ ބިލުވީ އެންމެ އަވަހަކަށް ފާސްކުރުން ކަމަށެވެ. އެހެންވެ، މާދަމާ ދައުރުން ބޭރުން ބާއްވާ މަޖިލީހުގެ ޖަލްސާއަށް މި ބިލު ހުށަހަޅައި ފާސްކުރަން އެ ޕާޓީން ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.
"ބިލު އެ އޮތީ މައިގަނޑު ކަންބޮޑުވުންތަކަށް ހައްލު ގެނެސް ކޮމެޓީން ފާސްކޮށްފައި. މާދަމާ ބިލު ފާސްކުރުން ވިސްނުމަކީ،" މެންބަރު ވިދާޅުވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މިއަދު 11:00 އަށް ވަނީ ޕެޓިޝަން ކޮމިޓީގެ ބައްދަލުވުމެއް އެޖެންޑާކޮށްފައެވެ. އެ ބައްދަލުވުމުގައި އޮތީ 151 ނޫސްވެރިންގެ ސޮޔާ އެކު މީޑިއާ ކޮންޓްރޯލް ބިލު ބޭރުކޮށްލަން ހުށަހަޅާފައިވާ ޕެޓިޝަނާ ގުޅިގެން މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދިން ޖަވާބާ މެދު ގޮތެއް ނިންމުމެވެ. މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އިއްޔެ ބިލު ފާސްކުރީ ޕެޓިޝަންގައި ހުރި ކަންބޮޑުވުންތަކަށް އިސްލާހާ އެކު ފަރުވާއެއް ލިބިއްޖެ ކަމަށް ބުނެފައެވެ. އެހެންވެ، ޕެޓިޝަނަށް ވެސް ދޭނީ އެ ޖަވާބު ކަމަށް ބެލެވެއެވެ.
މަޖިލީހުގައި ޕީއެންސީގެ 75 މެންބަރުން ތިއްބަވާއިރު، ބިލު ފާސްކުރަން ބޭނުންވަނީ ހާޒިރުވާ މެންބަރުންގެ އަޣުލަބިއްޔަތުކަމުން އެ ޕާޓީއަށް ފަސޭހައިން ބިލު ފާސްކުރެވޭނެއެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މީޑިއާ ބިލު ފާސްކުރީ، ބިލު ބޭރުކުރަން ގޮވާލައި 151 ނޫސްވެރިންގެ ސޮޔާއެކު ޕެޓިޝަނެއް ހުށަހަޅާފައި ވަނިކޮށެވެ.