ޑޮލަރު މާރުކުރުމުގެ ލައިސަންސްގެ އެޕްލިކޭޝަން ފީއާއި އަހަރީ ފީ ބޮޑުކޮށް، ގަވައިދަށް އިސްލާހެއް

ފައިސާ ބަދަލުކުރާ ތަނެއް: ޑޮލަރު މާރުކުރެވޭ ލައިސަންސްގެ އެޕްލިކޭޝަން ފީއާއި އަހަރީ ފީ ބޮޑުކޮށް، ގަވައިދު ވަނީ އިސްލާހުކޮށްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބޭރު ފައިސާ މާރުކުރާ ވިޔަފާރިތަކުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގައި ލައިސަންސަށް އެދޭއިރު ހުށަހަޅާ އެޕްލިކޭޝަން ފީއާއި އަހަރީ ފީ ބޮޑުކޮށް، ފައިސާ ބަދަލުކުރުމާ ބެހޭ ގަވައިދު އިސްލާހުކޮށްފިއެވެ.

އެމްއެމްއޭއިން ފައިސާ ބަދަލުކުރުމުގެ ވިޔަފާރިއަށް ދެ ލައިސަންސެއް ދޫކުރެއެވެ. އެއީ 'ޓިއާ ވަން' އާއި 'ޓިއާ ޓޫ' ލައިސަންސެވެ. އޭގެ ތެރެއިން ފުރަތަމަ ލައިސަންސްއަކީ ބޭރު ފައިސާ ގަތުމާއި ވިއްކުމުގެ ވިޔަފާރި ކުރުމަށް ދޫކުރާ ލައިސަންސެވެ. 'ޓިއާ ޓޫ'އަކީ ބޭރު ފައިސާ ވިއްކުމުގެ ވިޔަފާރި އެކަނި ކުރުމަށް އެމްއެމްއޭއިން ދޫކުރާ ލައިސަންސެވެ.

ގަވައިދަށް ގެނައި އިސްލާހުގައިވަނީ، ޓިއާ ވަންގެ ދަށުން ދެ ކެޓަގަރީގެ ވިޔަފާރި ކުރެވޭނެ ކަމަށް ބުނެފައެވެ. އެއީ

  • ކެޓަގަރީ އޭ: އާންމުންނަށާއި ވިޔަފާރިތަކަށާއި އެހެންވެސް ފަރާތްތަކަށް އަމާޒުކޮށްގެން ބޭރު ފައިސާ ގަތުމާއި ވިއްކުމުގެ ވިޔަފާރިކުރުން
  • ކެޓަގަރީ ބީ: ވިޔަފާރިތަކަށް އެކަނި އަމާޒުކޮށްގެން ބޭރު ފައިސާ ގަތުމާއި ވިއްކުމުގެ ވިޔަފާރި ކުރުން

ޓިއާ ވަން ލައިސަންސް ދޫކުރާއިރު، އެ ލައިސަންސުގެ ދަށުން ބޭނުންވާ ކެޓަގަރީ އިޚުތިޔާރުކުރުމުން، ލައިސަންސްގައި އެކަން ބަޔާންކޮށްފައި އޮންނާނެ ކަމަށް އިސްލާހުގައިވެއެވެ.

އެ އިސްލާހުގައިވަނީ، ޓިއާ ވަން ލައިސަންސަށް ހުށަހަޅާއިރު އެޕްލިކޭޝަން ފީގެ ގޮތުގައި 40،000 ރުފިޔާ، އެމްއެމްއޭއިން އަންގާ މުއްދަތެއްގެ ތެރޭގައި ދައްކަން ވާނެ ކަމަށެވެ. އެއީ ލައިސަންސް ދޫކުރިޔަސް ދޫނުކުރިޔަސް އަނބުރާ ނުލިބޭނެ ފީއެކެވެ. އަދި އެ ލައިސަންސް އައު ކުރުމަށް އެދި ހުށަހަޅާއިރު، އަނބުރާ ނުލިބޭ ގޮތަށް 20،000 ރުފިޔާ ދައްކަން ޖެހެއެވެ.

މީގެ ކުރިން ޓިއާ ވަން ލައިސަންސްގެ އެޕްލިކޭޝަން ފީއަކީ 20،000 ރުފިޔާއެވެ. އަދި ލައިސަންސް އައުކުރަން ދައްކަން ޖެހެނީ 10،000 ރުފިޔާއެވެ.

މަރުކަޒީ ބެންކް، އެމްއެމްއޭ: ޑޮލަރު މާރުކުރެވޭ ލައިސަންސްގެ އެޕްލިކޭޝަން ފީއާއި އަހަރީ ފީ ވަނީ ބޮޑުކޮށްފައި -- ފޮޓޯ: އެމްއެމްއޭ

އެ އިސްލާހުގައި ވަނީ ޓިއާ ވަން ލައިސަންސް ލިބިފައިވާ ފަރާތްތަކުން އަހަރީ ފީގެ ގޮތުގައި 48،000 ރުފިޔާ ދައްކަން ޖެހޭނެ ކަމަށް ބަޔާންކޮށްފައެވެ. މީގެ ކުރިން އެ އަދަދު ހުރީ 24،000 ރުފިޔާގައެވެ.

މީގެ އިތުރުން، ޓިއާ ޓޫ ލައިސަންސަށް އެދި ހުށަހަޅާއިރު، އެޕްލިކޭޝަން ފީގެ ގޮތުގައި 2،600 ޑޮލަރު ދެއްކުމަށް ވެސް އިސްލާހުގައިވެއެވެ. އަދި ލައިސަންސް އައު ކުރުމަށް 1،300 ޑޮލަރު ދައްކަން ޖެހެއެވެ. އެއީ ވެސް ކުރިއާ އަޅައިބަލާއިރު ދެ ގުނަ އިތުރު އަދަދެކެވެ. އެގޮތުން މީގެ ކުރިން އެޕްލިކޭޝަން ފީއަކީ 1،300 ޑޮލަރު ކަމަށްވާއިރު، އައު ކުރުމަށް ދައްކަން ޖެހެނީ 650 ޑޮލަރެވެ.

ޓިއާ ޓޫގެ އަހަރީ ފީ ވެސް، ކުރިން ދައްކަމުން އައި 1،800 ޑޮލަރަށް ވުރެ ބޮޑުކޮށް، މިހާރު ވަނީ 3،600 ޑޮލަރަށް ބޮޑުކޮށްފައެވެ.

ހަމައެއާއެކު ލައިސަންސް ލިބިފައިވާ ކޮންމެ ފަރާތަކުން ވެސް، ހުރިހާ ވަގުތެއްގައި ވެސް 50،000 ޑޮލަރު ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި އޮތޯރިޓީގައި ބަހައްޓަންވާނެ ކަމަށް ކުރިން އޮތް ނަމަވެސް، މިހާރު އެ އަދަދު ވަނީ އެއް ލައްކައަށް ބޮޑުކޮށްފައެވެ.

އެ އިސްލާހުގައި، ބޭރު ފައިސާ ގަތުމާއި ވިއްކުމުގެ ޚިދުމަތް ދިނުމަށް ޚާއްސަކޮށްފައިވާ ތަނުގައި ހުންނަން ޖެހޭ މިންގަނޑުތައް ވެސް ހިމަނައިފައިވެއެވެ. އެގޮތުން ހިމެނޭ ބައެއް ކަންތައްތަކުގެ ތެރޭގައި:

  • އާންމުންނަށް ބޭރު ފައިސާ ގަތުމާއި ވިއްކުމުގެ ޚިދުމަތް ދިނުމަށް ޚާއްސަކޮށްފައިވާ ތަނުގައި، ބޭރު ފައިސާ ގަނެވިއްކާ ރޭޓު، ޑިޖިޓަލް ބޯޑަކުން ފެންނަން ހުންނަ ގޮތް ހަމަޖެއްސުން
  • ނަގުދު ފައިސާ ރައްކާކޮށްފައި ބަހައްޓަންވާނީ އެކަމަށް އެކަށޭނަ ރައްކާތެރި އަދި ސަލާމަތްތެރި ގޮތެއްގައި
  • މުޅި ތަން ރެކޯޑުކުރެވޭ ފަދައިން ސީސީޓީވީ ކެމެރާ ބަހައްޓާފައި ހުންނަންވާނެ އަދި ހުރިހާ ވަގުތެއްގައި ވެސް ސީސީޓީވީ މަސައްކަތް ކުރާކަން ކަށަވަރުކުރަން ވާނެ

ރާއްޖެއަށް ވަންނަ ބޭރު ފައިސާއާ ބެހޭ ގަވާއިދަކާއި ފައިސާ މާރުކުރުމުގެ ވިޔަފާރިއާ ބެހޭ ގަވާއިދެއް އެކުލަވައިލައި ގެޒެޓުކުރީ މިދިޔަ އޮކްޓޫބަރު މަހުގެ އެެކެއްގައެވެ.

https://sun.mv/197419

އެއީ ފައިސާ މާރުކުރުމުގެ ވިޔަފާރި ކުރުމަށް ލައިސަންސް ދޫކުރުމާއި އެ ވިޔަފާރި ރެގިއުލޭޓްކޮށް ސުޕަވައިޒް ކުރުމާއި އެ ވިޔަފާރިއާ ގުޅޭ އެހެން ކަންކަން ކަނޑައެޅުމުގެ ގަވާއިދެއް ކަމަށް އެމްއެމްއޭއިން ބުނެފައިވެއެވެ.

ރާއްޖެއަށް ވަންނަ ޑޮލަރު ގައުމުގައި ބޭތިއްބުމަށް އެކުލަވާލި ބޭރު ފައިސާއާ ބެހޭ ގަވައިދުގެ ދަށުން، ފަތުރުވެރިކަމުގެ ޚިދުމަތްދޭ ރިސޯޓުތަކާއި ގެސްޓްހައުސްތައް ފަދަ ވިޔަފާރިތަކުން ކޮންމެ ޓޫރިސްޓަކަށް ޑޮލަރު މާރުކުރުމަށް އަންގައިފައެވެ. އެ ގަވައިދަށް ވިޔަފާރިވެރިންގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، ލުއިތަކެއްދީ، އެކަމާ ގުޅޭ ގާނޫނެއް ވެސް ވަނީ އެކުލަވާލައިފިއެވެ.

comment ކޮމެންޓް