ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަޖިލީހުގެ ޖަލްސާތަކުގައި ތިއްބަވާއިރު ޓައީ އަޅައިގެން ތިބުން ހިމެނޭ ގޮތަށް، ހެދުން އެޅުމުގެ އުސޫލެއް ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީން އިއްޔެ ފާސްކޮށްފިއެވެ.
ވެރިކަން ކުރާ ޕީއެންސީގެ އަޣުލަބިއްޔަތު އޮންނަ އާންމު ކޮމިޓީން ނިންމީ ރައްޔިތުންގެ މަޖިލީހުގެ ސުލޫކީ ހަމަތައް ބަޔާންކުރާ މާއްދާގެ އެންމެ ތިރިއަށް، ހެދުން އެޅުމުގެ އުސޫލާ އެއްގޮތަށް މެންބަރުން ހެދުން އަޅަން ލާޒިމްކުރާ އަކުރެއް އިތުރުކުރުމުގެ އިތުރުން މަޖިލީހުގެ ގަވައިދުގެ އެންމެ ތިރިއަށް މެންބަރުން ޖަލްސާތަކުގައި ހެދުން އެޅުމާ ގުޅޭ އުސޫލު އިތުރުކުރުމަށެވެ.
ކޮމިޓީން އިތުރުކުރަން ނިންމި އުސޫލުގައިވާ ގޮތުން، ޖަލްސާތަކުގައި ތިއްބަވާއިރު މެންބަރުންގެ ރަސްމީ ހެދުން ހަތަރު ގޮތަކަށް ތުރުކުރެއްވިދާނެއެވެ. އެއީ:
- ކޯޓު ފަޓުލޫނު
- ގަމީހާއި ޓައީއާއި ފަޓުލޫނު
- ގައުމީ ހެދުން/ ދިވެހި ސަގާފީ ހެދުން
- ރާއްޖޭގައި ހެދުން އެޅުމުގެ އާންމު އަދަބާ ޚިލާފުނުވާ ގޮތަށް ހުންނަ ރަސްމީ ހެދުން
މި އުސޫލުގައިވާ ގޮތުން، ހަންގަނޑު ފާޅުވާ ފަދަ ތުނި ހެދުމާއި ވަކި ޖަމާއަތަކަށް ނިސްބަތްވާ ބެޖެއް ނުވަތަ ނިޝާނެއް ޖަހާފައި ހުންނަ ހެދުމާއި އަޚްލާގީ ގޮތުން އެކަށީގެންނުވާ އިބާރާތްތައް ހުންނަ ހެދުމާއި ޖީންސާއި ފެންފައިވާނަށް އެރުން މަނާވާނެއެވެ.
މަޖިލީހުގެ މެންބަރަކު މި އުސޫލާ ޚިލާފުވެއްޖެ ނަމަ ސުލޫކީ ފިޔަވަޅުތައް އެޅޭނެއެވެ. އެގޮތުން ވަކި އަދަދަކަށް ޖަލްސާތަކުގައި މެންބަރުންނަށް ބައިވެރިނުވެވޭގޮތް ހެދުމާއި، މެންބަރު އެ ކުރީ އުސޫލާ ޚިލާފު ކަމެއް ކަމަށް ތަޅުމުގައި އެކަން އިއުލާނުކޮށް މެންބަރަށް ނަސޭހަތްތެރިވުން ފަދަ ފިޔަވަޅުތައް ހިމެނެއެވެ.
ކޮމިޓީން މަޖިލީހުގެ ގަވައިދު އިސްލާހުކޮށް، ކޮމިޓީ ރިޕޯޓު ފާސްކުރުމަށް، ޕީއެންސީގެ ސުޕަމެޖޯރިޓީ އޮންނަ ތަޅުމަށް ވަނީ ފޮނުވައިފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހެދުން އެޅުމުގެ އުސޫލެއް އެކުލަވާލަން ނިންމީ ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލް އޮތް ރައްޔިތުންގެ މަޖިލިސް ހިންގަމުން އަންނަނީ އުސޫލުން ބޭރުން ކަމަށް ވިދާޅުވެ, އެކަމާ ދެކޮޅަށް އިހުތިޖާޖެއް ކުރެއްވުމުގެ ގޮތުން އިދިކޮޅު އެމްޑީޕީގެ ބައެއް މެންބަރުން ޓައީ ނާޅައި ޖަލްސާތަކުގައި ބައިވެރިވެވަޑައިގަންނަވަމުން ގެންދެވުމާ ގުޅިގެންނެވެ.
އާއްމުކޮށް މަޖިލީހުގެ ތަޅުމުގައި ބާއްވާ ޖަލްސާތަކުގައި ފިރިހެން މެންބަރުން ތިއްބަވަނީ ބެގީކޮށް, ޓައީ އަޅުއްވައިގެންނެވެ. ރިޔާސަތުގައި އިންނަވާ ބޭފުޅަކު ކޯޓް ތުރުކުރައްވައެވެ. އަދި, ބައެއް މެންބަރުން ވެސް ކޯޓުކޮޅުގައި ޖަލްސާއަށް ވަޑައިގަންނަވައެވެ.
މިދިޔަ ސެޕްޓެމްބަރު މަހުގެ 15ވަނަ ދުވަހު ދައުރުން ބޭރުން ބޭއްވި ޖަލްސާގައި ޓައީ ނާޅުއްވައި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ސަބަބާ ގުޅޭގޮތުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ)އާ "ސަން"އިން އޭރު ސުވާލުކުރުމުން ވިދާޅުވީ, ރިޔާސަތުން މަޖިލިސް ހިންގަމުން ގެންދަވަނީ ހިތުހުރި ގޮތަކަށް ކަމަށެވެ. ޓައީ ނޭޅުއްވީ އެކަމާ އިހުތިޖާޖު ކުރުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.
ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރުވެސް ވެސް "ސަން"އަށް ވިދާޅުވީ, މަޖިލީހުގެ ގަވާއިދަށް ރިޔާސަތުން އަމަލުނުކުރައްވާތީ އެކަމާ އިހުތިޖާޖު ކުރައްވަން ޓައީ ނޭޅުއްވީ ކަމަށެވެ.
ޓައީ ނާޅުއްވައި މެންބަރުން ޖަލްސާގައި ބައިވެރިވެވަޑައިގެންނެވުމުން މަޖިލީހުގެ ރިޔާސަތުގައި އެ ދުވަހު އިންނެވި, އެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ވިދާޅުވީ، މަޖިލީހުގެ ޖަލްސާއަކީ ރަސްމީ ގަޑިއެއް ކަމަށާއި އެ ގަޑީގައި ވަޑައިގަންނަވަން ވާނީ ރަސްމީ ހެދުމުގައި ޓައީ އަޅުއްވައިގެން ކަމަށެވެ.
އެމްޑީޕީގެ މެންބަރުންގެ ކަންބޮޑުވުމަކީ މަޖިލީހުގެ ގަވާއިދާ އެއްގޮތަށް އެ އިދާރާ ނުހިންގުމެވެ. އެގޮތުން، މެންބަރަކު ވަޒީރަކަށް ސުވާލެއް ފޮނުއްވާތާ 14 ދުވަސް ތެރޭގައި ޖަވާބު ދެއްވަން ޖެހޭނެ ކަމަށް މަޖިލީހުގެ ގަވާއިދުގައި އޮތްނަމަވެސް އެމްޑީޕީގެ މެންބަރުން ފޮނުއްވާ ސުވާލުތަކަށް ވަޒީރުން ޖަވާބު ނުދެއްވާ ކަމަށް އެ މެންބަރުން ވިދާޅުވެއެވެ. އަދި އެކަން އެގޮތަށް ހިނގާއިރު މަޖިލީހުން އެކަން ނުބައްލަވާތީ ވެސް އެ މެންބަރުން ކަންބޮޑުވުން ފާޅު ކުރައްވައެވެ.