ކޮމަންވެލްތު ޕާލިމެންޓަރީ އެސޯސިއޭޝަންގެ އޭޝިއާ ރީޖަންގެ ޗެއާކަން ރާއްޖެއަަށް

ކޮމަންވެލްތު ޕާލިމެންޓަރީ އެސޯސިއޭޝަންގެ އޭޝިއާ ރީޖަންގެ ޗެއާކަން ރާއްޖެއަަށް ލިބުން. މަގާމު އަދައިކުރައްވާނީ މަޖިލިސް ނައިބު ރައީސް ނާޒިމް -- ފޮޓޯ: މަޖިލިސް

ކޮމަންވެލްތު ޕާލިމެންޓަރީ އެސޯސިއޭޝަން (ސީޕީއޭ)ގެ އޭޝިއާ ރީޖަންގެ ރިޔާސަތު ކުރިއަށް އޮތް ތިން އަހަރުގެ ދައުރަށް ބަލަހައްޓަން ދިވެހިރާއްޖެ ހޮވިއްޖެއެވެ.

މަޖިލީހުން ބުނީ މި މަގާމަށް ރާއްޖެ ހޮވާފައިވަނީ ބާބަޑޯސްގައި މިއަދު ބޭއްވި ސީޕީއޭ އޭޝިއާ ރީޖަންގެ އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުމުގައި ކަމަށެވެ.

ރާއްޖޭގެ ފަރާތުން މި މަގާމު އަދާކުރައްވާނީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމެވެ. މި ދައުރު ނިމޭނީ 71 ވަނަ ކޮމަންވެލްތު ޕާލިމެންޓަރީ ކޮންފަރެންސް (ސީޕީސީ)ގައެވެ.

މަޖިލީހުން ބުނީ، ރާއްޖެއަށް މި މަގާމު ލިބުމަކީ، ކޮމަންވެލްތުގެ ޕާލިމެންޓަރީ މުޖުތަމަޢުގައި ރާއްޖެ އަދާކުރަމުންދާ ހަރުދަނާ ދައުރާއި، އޭޝިއާ ސަރަޙައްދުގައި ސީޕީއޭގެ މަޤްޞަދުތައް ކުރިއެރުވުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތުގެ ހަރުދަނާކަމުގެ ހެއްކެއް ކަމަށެވެ.

މި މަގާމު ރާއްޖެއަށް ލިބިފައިވަނީ ސްރީލަންކާގެ ދައުރު ނިމުމާ ގުޅިގެންނެވެ. ސީޕީއޭގެ ހިންގާ ގަވާއިދުގެ ދަށުން މި ދައުރުގެ ޗެއާކަން ލިބެން އޮތީ އޮތީ ބަންގްލަދޭޝަށެވެ.

ނަމަވެސް، މި ވަގުތު އެ ޤައުމުގައި އިންތިޚާބުކޮށްފައިވާ ޕާލިމެންޓެއް ނެތުމާއި، އެ މަޤާމު އަދާކުރުމަށް ބަންގްލަދޭޝަށް ހުރަސްތައް ކުރިމަތިވުމާ ގުޅިގެން، ރާއްޖެ އެ ދައުރަށް އިންތިޚާބުކުރީއެވެ.

ކޮމަންވެލްތު ޕާލިމެންޓަރީ އެސޯސިއޭޝަނަކީ ކޮމަންވެލްތުގެ އެންމެ ހީވާގި، ހިންގުންތެރި އަދި ގިނަ ދުވަސްވީ ޖަމިއްޔާތަކުގެ ތެރެއިން ޖަމިއްޔާއެކެވެ. މި ޖަމިއްޔާގައި 180 އަށްވުރެ ގިނަ ޕާލިމެންޓުތަކާއި ސަރަޙައްދީ ޤާނޫނު ހަދާ މަޖިލިސްތައް ހިމެނެއެވެ. ކޮމަންވެލްތު ޕާލިމެންޓަރީ އެސޯސިއޭޝަންގެ އޭޝިއާ ސަރަހައްދުގެ ދާއިމީ މަރުކަޒު ހުންނަނީ ޕާކިސްތާނުގެ އިސްލާމްއާބާދުގައެވެ.

comment ކޮމެންޓް