ފަތުރުވެރިކަމުގެ ޕީކް ސީޒަން ފެށިފައިވާއިރު، މަހުޖަނުންގެ ޖެޓުތައް ރާއްޖެއަށް މަޑުމަޑުން އަންނަން ފަށައިފިއެވެ.
ކޮންމެ އަހަރެއްގެ ވެސް އެކި ދުވަސްވަރަށް ރާއްޖޭގެ އެއާޕޯޓުތަކަށް ޖެޓުތައް އާދެއެވެ. އެގޮތުން، މި އަހަރުގެ ފަތުރުވެރިކަމުގެ ސީޒަން ފެށި، އަލުން ޖެޓުތައް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)އަށް ވަނީ އަންނަން ފަށާފައެވެ.
'ސަން'އަށް އެނގިފައިވާ ގޮތުގައި، މިހާރު ވެސް ހަ ޖެޓު ވީއައިއޭގައި ޕާކުކޮށްފައި އެބައޮތެވެ.
ފާހަގަކުރެވޭ ގޮތުގައި، އެއާޕޯޓަށް ޖައްސާ ޕްރައިވެޓް ޖެޓުތައް އިތުރުވުމުން އެއާޕޯޓަށް ވަންނަ އާމްދަނީ އިތުރުވާން މަގުފަހިވެއެވެ.
މީގެކުރިން ވީއައިއޭއަށް އައި ޕްރައިވެޓް ޖެޓުތަކެއް-- ފޮޓޯ/އެމްއޭސީއެލްރާއްޖެއަށް ދަތުރުތައް ބާއްވާ ކޮމާޝަލް އެއާލައިންގެ ދަތުރުތައް ވެސް މި ދުވަސްވަރާ ދިމާކޮށް އިތުރުވެއެވެ. ރާއްޖެ ޒިޔާރާތްކުރާ ފަތުރުވެރިން އިތުރުވާއިރު، މަޝްހޫރު ތަރިން ވެސް ރާއްޖެއަށް ޗުއްޓީ ހޭދަކޮށްލުމަށް ޒިޔާރާތްކުރެއެވެ.
ވީއައިއޭއާއި މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ވެސް ޕްރައިވެޓް ޖެޓުތައް ޖައްސައެވެ.
ދުނިޔޭގެ މުހިންމު ލޮކޭޝަނެއްގައި އޮތް ރާއްޖެ, ވައިގެ ދަތުރުފަތުގެ ހަބަކަށް ހެދިއްޖެނަމަ އެއީ ގިނަ ފައިދާތަކެއް ގައުމަށް ވާނެ ކަމެކެވެ. ޚާއްސަކޮށް ހަނިމާދޫ އެއާޕޯޓް މިހާރު ވަރަށް ބޮޑަށް ތަރައްގީ ކޮށްފައިވާއިރު އެ ތަން ރަނގަޅަށް ހިންގުމަށްޓަކައި އެފަދަ ނިޒާމެއް ކޮންމެހެން ވެސް މިއޮތީ ބޭނުން ޖެހިފައެވެ.