ކަޒަކިސްތާނާއި ރާއްޖެއާ ދެމެދު ހަފުތާއަކު ބާއްވާ ފްލައިޓުތަކުގެ އަދަދު 14އަށް އިތުރުކުރުމަށް އެއްބަސްވެއްޖެ

ކަޒަކިސްތާން އިންޓަނޭޝަނަލް ޓޫރިޒަމް ފެއާގައި ރާއްޖޭގެ ސްޓޯލް --

ކަޒަކިސްތާނާއި ދިވެހިރާއްޖެއާ ދެމެދު ހަފުތާއަކު ބޭއްވުމަށް ހުއްދަދީފައިވާ ޝެޑިއުލް ފްލައިޓުތަކުގެ އަދަދު ހަތަކުން 14 އަށް އިތުރުކުރުމަށް ދެ ގައުމުން އެއްބަސްވެއްޖެއެވެ.

ކަޒަކިސްތާނުގެ މިނިސްޓްރީ އޮފް ޓްރާންސްޕޯޓުން ބުނި ގޮތުގައި، މި އެއްބަސްވުމުގެ ދަށުން ދެ ގައުމުން ކަނޑައަޅާ އެއާލައިންތަކަށް ހަފުތާއަކު ކުރެވޭ ދަތުރުތަކުގެ އަދަދު ދެގުނަ އިތުރުވެގެންދާނެއެވެ.

ކަޒިންފޯމް ނިއުސް އެޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި އެއްބަސްވުމަށް އާދެވުނީ ކެނެޑާގެ މޮންޓްރިއަލްގައި ކުރިއަށްދިޔަ އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިސީއޭއޯ) ގެ ހަތްވަނަ ވޯލްޑް އޭވިއޭޝަން ފޯރަމްގެ ހަވާސާގައި ބޭއްވި ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި ކަޒަކިސްތާނުގެ ސިވިލް އޭވިއޭޝަން ކޮމިޓީގެ ޗެއާޕާސަން ސަލްތަނަތު ޓޮމްޕިޔޭވާއާއި މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމްސީއޭއޭ) ގެ ޗެއާމަން އަބްދުލް ހާރިސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި މަޝްވަރާތަކުގައި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށާއި، ވައިގެ ދަތުރުފަތުރުގެ ވިއުގަ ފުޅާކޮށް ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ތަރައްގީކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ދެ ފަރާތުން ވާހަކަދެއްކެވި ކަމަށް ކަޒަކިސްތާނުގެ މިނިސްޓްރީ އޮފް ޓްރާންސްޕޯޓުން ބުންޏެވެ. އަދި ބައިނަލްއަގުވާމީ ރޫޓުތައް އިންތިޒާމުކުރުމުގައި އެއާލައިންތަކަށް އިތުރު ވިޔަފާރީގެ ފުރުސަތުތައް ފަހިކޮށްދިނުމަށްޓަކައި، "ފިފްތު ފްރީޑަމް އޮފް ދަ އެއާ" ގެ ހައްގުތަކުގެ ދަށުން ފްލައިޓުތައް އޮޕަރޭޓްކުރުމާ މެދު ވެސް ދެ ފަރާތުން މަޝްވަރާކުރެއްވިއެވެ. ކަޒަކިސްތާނުން 2017 ވަނަ އަހަރުން ފެށިގެން ތަންފީޒުކުރަމުންދާ "އޯޕަން ސްކައިސް" ސިޔާސަތުގެ ދަށުން، ބޭރުގެ އެއާލައިންތަކަށް އެ ހައްގުތަކާއެކު ދަތުރުކުރުމުގެ ފުރުސަތު ދެއެވެ.

އެ މިނިސްޓްރީން ފާހަގަކުރި ގޮތުގައި، ދިވެހިރާއްޖެއަކީ ކަޒަކިސްތާނުގެ ރައްޔިތުންގެ މެދުގައި ޗުއްޓީ ހޭދަކުރުމަށް މަގުބޫލު މަންޒިލަކަށް ވުމުން، ދެ ގައުމުގެ ދެމެދުގައި ވައިގެ ދަތުރުތައް އިތުރަށް ފުޅާކުރުމުގެ ފުރުސަތު އެބައޮތެވެ.

ކަޒަކިސްތާނުގެ ގައުމީ އެއާލައިން، އެއާ އަސްތާނާގެ ރަސްމީ ވެބްސައިޓުގައި ބުނެފައިވާ ގޮތުގައި، މި އަހަރުގެ އޮކްޓޯބަރު 17 ވަނަ ދުވަހުން ފެށިގެން އެ އެއާލައިނުން އަންނަނީ ކަޒަކިސްތާނުގެ އަލްމާޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ހަ ދަތުރު ބާއްވަމުންނެވެ. އެ އެއާލައިނުން ރާއްޖެއަށް ސީދާ ދަތުރުތައް ފުރަތަމަ ފެށީ 2020 ވަނަ އަހަރުގެ ޑިސެންބަރު ފަސް ވަނަ ދުވަހުއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 2026 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ކަޒަކިސްތާނުން ރާއްޖެއަށް 8،670 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިއީ އޭގެ ކުރީ އަހަރުގެ އެ މުއްދަތާ އަޅައި ބަލާއިރު 41.9 އިންސައްތައިގެ ކުރިއެރުމެކެވެ. މި ބައްދަލުވުމުގައި ދެ ގައުމުން ވެސް ވަނީ މަދަނީ ވައިގެ ދަތުރުފަތުރުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ.

comment ކޮމެންޓް