އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.9 މިލިއަން ފަތުރުވެރިން، މިދިޔަ އަހަރަށްވުރެ 3 އިންސައްތަ މަދު

ފަތުރުވެރިންތަކެއް ރާއްޖޭގައި: އަހަރުގެ މިހާތަނަށް އައި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރަށްވުރެ 4.8 ޕަސެންޓް ދަށް ކަމަށް ތަފާސްހިސާބުން ދައްކާ -- ފޮޓޯ/ އެމްއޭސީއެލް

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.9 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށާއި މިއީ ނިނުނު އަހަރާ އަޅާބަލާއިރު ތިން އިންސައްތަ މަދު އަދަދެއް ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 1,900,838 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ ނިނުމު އަހަރުގެ މި މުއްދަތާ ހަމައަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ 1,961,566 ފަތުރުވެރިންނާ އަޅާބަލާއިރު 3.1 އިންސައްތަ ދަށް އަދަދެކެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުން، މި މަހުގެ މިހާތަނަށް އެކަނިވެސް ރާއްޖެއަށް 103,778 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަސް ނިމުނުއިރު، ރާއްޖެއަށް ވަނީ 196,954 ފަރުރުވެރިން ޒިޔާރަތްކޮށްފައެވެ.

މި މަހު އެންމެ ގިނައިން ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކޮށްފައި ވަނީ މި މަހުގެ 15 ވީ ނިމުނު އާދިއްތަ ދުވަހުގައެވެ. މި މަހުގެ ޑެއިލީ އެރައިވަލްސް އެވްރެޖުކޮށް 5،000 އާއި 6،000 ދެމެދުގައި އުޅޭއިރު، ނިމުނު އާދިއްތަ ދުވަހު ރާއްޖެއަށް 7,103 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖެއަށް އަންނަ ގިނަ ފަތުރުވެރިން ޒިޔާރަތްކުރަނީ ރިސޯޓުތަކަށެވެ. އަދި އެއަށްފަހު ގެސްޓުހައުސްތަކާއި ހޮޓެލްތަކަށެވެ. މީގެ އިތުރުން ކްރޫޒްލައިނާތަކުގައި މަދުން ނަމަވެސް ފަތުރުވެރިން ޒިޔާރަތްކުރެއެވެ.

ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ މާކެޓުތަކަށް ބަލާއިރު، ލިސްޓުގެ އެންމެ ކުރީގައި އަދިވެސް އުޅެނީ ޗައިނާއެވެ. ލިސްޓުގެ ދެވަނައިގައި ރަޝިއާ އުޅޭއިރު ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައި ވަނީ އިނގިރޭސި ވިލާތުންނެވެ. ލިސްޓުގެ ހަތަރުވަނައިގައި ޖަރުމަނު އުޅޭއިރު، ފަސްވަނައިގައި އޮތީ އިޓަލީއެވެ. ފާހަގަކޮށްލެވޭ ގޮތުގައި މީގެ ކުރިން ރާއްޖެއަށް ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ އިންޑިއާ އަދިވެސް އޮތީ ލިސްޓުގެ ހަ ވަނައިގައެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން، ނިމުނު އޮކްޓޯބަރު މަސް ނިމުނުއިރު ރާއްޖެއަށް އެންމެ ގިނައިން އައިސްފައި ވަނީ 25 އަހަރާއި 34 އަހަރާ ދެމެދުގެ ފަތުރުވެރިންނެވެ. އަދި 65 އަހަރުން މަތި ނޫން ހުރިހާ އުމުރުފުރައަކުން ވެސް އެންމެ ގިނައިން ރާއްޖެއަށް ޒިޔާރަތްކޮށްފައި ވަނީ އަންހެން ފަތުރުވެރިންނެވެ.

މި ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ، އުންމީދަކީ ފަތުރުވެރިން އަންނަ މާކެޓުތައް އިތުރުކޮށް، ނިމުނު އަހަރު ރާއްޖެއަށް ޒިޔާރަތްކުރި އަދަދަށް ފަތުރުވެރިން ގެނައުން ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް