މިދިޔަ ހަފްތާގައި، މެންދަމު ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ދުއްވި ސައިކަލެއް، އެހެން ސައިކަލެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގެ މައްސަލައާ ގުޅުން ހުރި މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ލ. މާމެންދޫ، އިރުމަތީގެ، މުހައްމަދު ސައިފް (27އ) އެވެ.
އޭނާ ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމުން، ހަތް ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މިދިޔަ ބުދަ ދުވަހުގެ މެންދަމު ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ގަވައިދާ ޚިލާފަށް ދުއްވި ސައިކަލުގެ ކުރީގައި އިނީ، ދާދި ފަހުން ހައްޔަރުކޮށް ކްރިމިނަލް ކޯޓުން ބަންދުގެ މުއްދަތު ޖެހި ނަމަވެސް، މުއްދަތު ހަމަނުވަނީސް ދޫކޮށްލި މީހެއް ކަމަށްވާއިރު، އޭނާ ދޫކޮށްލީ ތަހުގީގު ނިމުމުން ކަމަށް ފުލުހުންވަނީ ފަހުން ބުނެފައެވެ. އެނގިފައިވާ ގޮތުގައި އޭނާ އަދިވެސް އޮތީ ހޮސްޕިޓަލުގައެވެ.
މިދިޔަ ހަފްތާގެ ބުދަ ދުވަހުގެ މެންދަމު 02:55 އެހައިކަންހާއިރު، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އެ އެކްސިޑެންޓު ހިނގަން މެދުވެރިވީ ތިން މީހުން އަރުވައިގެން ދުއްވި ސައިކަލެއް، ދެ މީހުންނާއެކު ދުއްވައިފައި ދިޔަ ސައިކަލެއްގައި ޖެހިގެންނެވެ.
އެ އެކްސިޑެންޓުގައި ދެ ސައިކަލުގައި ތިބި މީހުންނަށް ވެސް އެކިވަރުގެ އަނިޔާތަށް ލިބުނުއިރު، އެ މީހުން ފުރަތަމަ ފަރުވާދިނީ ހުޅުމާލެ ހޮސްޕިޓަލުގައެވެ. އެއަށްފަހު އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް ބަދަލުކުރިއެވެ.
އެ އެކްސިޑެންޓާ ގުޅިގެން ފުލުހުން ވަނީ، ތިން މީހުން އަރައި ތިބި ސައިކަލު ދުއްވާފައިވަނީ އެއްކޮޅަށް ދުއްވޭ މަގެއްގައި ގަވައިދާ ޚިލާފަށް ކަމަށާއި، އެ ސައިކަލު ދުއްވަން އިނީ އެ ކެޓެގަރީގެ ސައިކަލު ދުއްވުމުގެ ލައިސަންސް އޮތް މީހެއް ނޫންކަމަށް ބުނެފައެވެ.