ބަނގުރާ ނެޓްވޯކް: ފުލުހުން ހުއްޓުވި ދެ މީހުން ދިން މައުލޫމާތަށް 53 އަހަރުގެ ދިވެއްސަކު ވެސް ހައްޔަރުކޮށްފި

ފުލުހުން ހޯދި ބަނގުރާ ފުޅިތައް: ހައްޔަރުކުރި ބިދޭސީން ދިން މައުލޫމާތަށް 53 އަހަރުގެ ދިވެއްސަކު ހައްޔަރުކޮށްފި -- ފޮޓޯ/ ފުލުހުން

މާލޭގައި ފުޅާ ދާއިރާއެއްގައި ބަނގުރާ ވިއްކާ ނެޓްވޯކަކަށް އަމާޒުކޮށް ހެންވޭރު ގެއެއް ބަލައިފާސްކޮށް، ގިނަ އަދަދެއްގެ ބަނގުރާ ފުޅި ހޯދި މައްސަލައާ ގުޅިގެން 53 އަހަރުގެ ދިވެހި ފިރިހެނަކު ވެސް ހައްޔަރުކޮށްފިއެވެ.

މާލޭގައި ބަނގުރަލުގެ ވިޔަފާރިކުރާ ބޮޑު ނެޓްވޯކެއް އަތުލައިގަތުމުގެ އޮޕަރޭޝަނެއް ފުލުހުން އާދިއްތަ ދުވަހުގެ ރޭ ފަށައި، ހޯމަ ދުވަހުގެ ހެނދުނު ވެސް ކުރިއަށްގެންދިޔައެވެ. އެ އޮޕަރޭޝަނުގައި ހ. މާދޫގޭގެ ފުރަތަމަ އަދި ފަސް ވަނަ ފަންގިފިލާއިން ގިނަ އަދަދެއްގެ ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ތިން ބިދޭސީން ހައްޔަރުކޮށް އެ މީހުންގެ ވަނަވަރު އިއްޔެ ވަނީ ހާމަކޮށްފައެވެ.

https://sun.mv/229012

ކްރިމިނަލް ކޯޓުން މިއަދު ބަންދުގެ މުއްދަތު ޖެހި މީހުންގެ ތެރޭގައި، އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ދިވެއްސަކު ވެސް ހިމެނުނެވެ. އެގޮތުން މުއްދަތު ޖަހައިފައިވަނީ، ހ. ކަރޯގެ، މާލެ އުމުރުން 53 އަހަރުގެ މުޙައްމަދު ރަޝްވާން އައްބާސްއެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ބަނގުރާ ބޭނުންކޮށް ގެންގުޅެ އެ ތަކެތިން ވިޔަފާރިކުރުމުގެ ތުހުމަތުގައެވެ.

ކޯޓު އަމުރުގައިވަނީ އޭނާ ހައްޔަރުކުރީ އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރަކަށް ހެކި ހުށަހަޅާފައިވުމުން ކަމަށެވެ. އެގޮތުން ބަނގުރަލުގެ މައްސަލައެއްގައި ހުއްޓުވި ދެ މީހަކު ދިން މައުލޫމާތާ ގުޅިގެން އޭނާއާ ގުޅުންހުރި ތަންތަން ބަލައި ފާސްކޮށް، 800 އަށްވުރެ ގިނަ ބަނގުރާ ކަމަށް ބެލެވޭ ފުޅިތަކެއް ފެނިފައިވާ ކަމަށް އިންވެސްޓިގޭޝަން އޮފިސަރު (އައިއޯ) ފާހަގަކުރެއްވި ކަމަށް ކޯޓު އަމުރުގައިވެއެވެ.

މީގެ އިތުރުން ބަނގުރާ ވިއްކާކަމަށް ތުހުމަތުކޮށް ހުއްޓުވި ދެ މީހުންނަކީ އޭނާގެ ދެ މުވައްޒަފުން ކަމަށާއި އޭނާ ބުނެގެން ކުރާ ކަމެއް ކަމަށް އެ ދެ މީހުން ބުނެފައިވާ ކަމަށް، އައިއޯ ވިދާޅުވި ކަމަށް ވެސް ކޯޓު އަމުރުގައިވެއެވެ.

ކޯޓު އަމުރުގައި އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކަށް އޭނާ އިންކާރުކުރާ ކަމަށާއި އެ ތަން ބަލައި ފާސްކޮށްފައިވަނީ އޭނާއާއި އޭނާގެ މަސްލަހަތު ހިމާޔަތްކޮށްދޭނެ ފަރާތެއްގެ ހާޒިރުގައި ނޫންކަމަށް ވެސް ބުނެފައިވެއެވެ. އޭނާގެ ފަރާތުން ކަފާލާތުގެ ދަށުން ދޫކޮށްލަން އެދުނު ނަމަވެސް، ކޯޓުން ވަނީ އޭނާ ދޫކުރެވެން ނެތް ކަމަށް ނިންމައިފައެވެ.

އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހައިފައެވެ. އެހެންކަމުން އޭނާގެ ބަންދުގެ މުއްދަތު ހަމަވާނީ މިމަހުގެ 29ވާ ބުރާސްފަތި ދުވަހަށެވެ.

ފުލުހުންގެ ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި ޖުމްލަ 826 ފުޅި ބަނގުރާ އަތުލައިގަނެފައިވެއެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ އަލް އަމީން (34އ) އާއި، ޕޮލިން (43އ) ގެ އިތުރުން އެމް.ޑީ. ރަކިބް ހޮސެން (25އ) އެވެ.

އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، އަލް އަމީން އަދި ޕޮލިން ފަސް ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. އަދި އެމް.ޑީ. ރަކިބް ހޮސެންގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ދީފައެވެ.

ފަހަކަށް އައިސް ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާއި، މަސްތުވާތަކެތީގެ ނެޓްވޯކްތަކުގައި ބައިވެރިވާ ބިދޭސީން ހޯދުމަށް ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ދަނީ ބޮޑެތި އޮޕަރޭޝަންތަކެއް ހިންގަމުންނެވެ.

comment ކޮމެންޓް