ކ. ގުރައިދޫގައި މިރޭ ދެ ދިވެހި ފިރިހެނުންގެ ދެމެދުގައި ހިންގި މާރާމާރީއެއްގައި، އެކަކު ޒަޚަމްކޮށްލައިފިއެވެ.
ފުލުހުން ބުނީ، ގުރައިދޫގެ ގެއެއްގެ ތެރޭގައި އުފެދުނު ޒުވާބެއްގެ ތެރެއިން ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގާފައިވާ މައްސަލައެއް މިރޭ 20:36 އެހައިކަންހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އެ ހާދިސާގައި 37 އަހަރުގެ ދިވެހި ފިރިހެނަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާއިރު، އޭނާގެ ވާތްފަރާތު މުލައްދަނޑިއަށާއި ކަނާތްފަރާތު އުކުޅުވަޅު ކައިރިއަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. އޭނާ މިހާރު ވަނީ އިތުރު ފަރުވާއަށް މާލެ ގެނެސް، އައިޖީއެމްއެޗަށް ގެންގޮސްފައި ކަމަށް ފުލުހުން ހާމަކުރިއެވެ.
އެ މުއައްސަސާއިން ބުނި ގޮތުގައި، އެ މާރާމާރީ ހުއްޓުވުމަށް މަސައްކަތްކުރި 34 އަހަރުގެ ދިވެހި ފިރިހެނަކަށް ވެސް އަނިޔާވިއެވެ. އަދި މައްސަލައިގެ ތުހުމަތުގައި 50 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށް އެ ޚިދުމަތުން ބުންޏެވެ.
އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
ފުލުހުންގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް އެ މުއައްސަސާއަށް 9,825 މައްސަލަ ރިޕޯޓުކޮށްފައިވާއިރު، އޭގެ ތެރޭގައި ހަމަލައެއް ދިނުމުގެ 517 މައްސަލަ ވެސް ހިމެނެއެވެ.