ޑޮލަރު ހޯދައިދޭނެ ކަމަށް ބުނެ މިނިއަނެއްހާ ރުފިޔާ ފޭރުނު ކަމަށް ތުހުމަތުވާ ބިދޭސީއަކު 15 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.
މި މައްސަލައިގައި ބަންދުކޮށްފައިވަނީ އިންޑިއާއަށް ނިސްބަތްވާ 39 އަހަރުގެ ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ޚިޔާނާތުގެ ތުހުމަތުގައެވެ.
ކޯޓު އަމުރުގައިވާ ގޮތުން އޭނާ ހައްޔަރުކޮށްފައިވަނީ އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރަކަށް ހެކި ހުށަހަޅާފައިވުމުންނެވެ. އެގޮތުން މައްސަލަ ހުށަހެޅި ފަރާތުގެ ބަޔާނާއި އޭނާ ހައްޔަރުކުރުމުގައި ހަރަކާތްތެރިވި ފުލުހުންގެ ހާދިސާ ރިޕޯޓުގެ އިތުރުން، ޕޮލިސް އިންޓެލިޖެންސް ރިޕޯޓު ހުށަހަޅާފައިވާ ކަމަށް ކޯޓު އަމުރުގައިވެއެވެ.
އެ ކޯޓު އަމުރުގައިވާ ގޮތުން މައްސަލަ ތަހުގީގު ކުރައްވާ އިންވެސްޓިގޭޝަން އޮފިސަރު (އައިއޯ)ވަނީ، އެ މީހާ ޑޮލަރު ހޯދައިދޭނެ ކަމަށް ބުނެ މިނިއަނެއްހާ ރުފިޔާ ހޯދުމަށްފަހު ފައިސާ ދީފައިނުވާ ކަމަށް ކޯޓުގައި ވިދާޅުވެފައެވެ. އެ ފައިސާ ނުދޭތީ ބިދޭސީ މީހާއަށް އެކިވަރުގެ އަނިޔާކޮށް، ފުރާނައަށް ނުރައްކާވެފައިވާ ކަމަށް ވެސް އައިއޯ ވިދާޅުވި ކަމަށް އަމުރުގައިވެއެވެ.
އެހެންނަމަވެސް ކޯޓުގައި ބިދޭސީ މީހާވަނީ އެކަމާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށް ބުނެފައެވެ.
ގަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް ގާއިމުކޮށްފައިވާ ހޮޓްލައިނަށް ލިބުނު މައުލޫމާތާ ގުޅިގެން ފުލުހުން ކުރި މަސައްކަތުން، ހުއްދަ ނެތި އަދި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކުމުގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ތިން ބިދޭސީއަކު އިއްޔެވެސް ވަނީ ހައްޔަރުކޮށްފައެވެ.
މީގެ ކުރިން ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ، ދިވެހިން ނިވާފަތްގަނޑަކަށް ހަދައިގެން ކަންމަތީ ފިހާރަތައް ހުޅުވައި، އެ ތަންތަނަކީ ގަވައިދާ ޚިލާފަށް ޑޮލަރު މާރުކުރާ ތަންތަނުގެ ގޮތުގައި ބިދޭސީން ހިންގަމުންދާ މަންޒަރު ފެންނަމުންދާ ކަމަށް ވިދާޅުވެފައެވެ.
އިހުސާން ވަނީ، އެފަދަ ބޮޑެތި ޖިނާއީ ކުށްތަކުގައި ދިވެހިން ބައިވެރިނުވުމަށް އިލްތިމާސްކުރައްވައި، ދިވެހީންގެ ނިވާފަތްގަނޑުގައި މިފަދަ ކަންކަން ހިންގާ ނަމަ އެ ދިވެހީންނަށް ވެސް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދެއްވައިފައެވެ.