މާލޭގެ ގެއެއްގައި ގޭސްފުޅިއެއް ގޮވައި ހިނގި އަލިފާނުގެ ނުރައްކާތެރި ހާދިސާއެއްގައި އަނިޔާވި ދެ މީހަކަށް މިހާރުވެސް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށާއި، އޭގެ ތެރެއިން އެކެއްގެ ހާލު ސީރިއަސްވެގެން ވެންޓިލޭޓަރުގައި ފަރުވާދެމުން އަންނަ ކަމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ހާމަކޮށްފިއެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް "ސަން" އަށް މައުލޫމާތު ދިން ގޮތުގައި އަދިވެސް ދެމީހަކަށް އަންނަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ. އޭގެ ތެރެއިން އެކަކު ވޯޑަށް ބަދަލުކޮށްފައިވާއިރު، އަނެކަމުގެ ހާލު ސީރިއަސްވެ ވެންޓިލޭޓަރުގައި ފަރުވާދެމުން އަންނަ ކަަމަށް ވިދާޅުވިއެވެ.
ނަމަވެސް އެމީހުންނަށް ލިބިފައިވާ އަނިޔާތަކުގެ ތަފުސީލެއް ހޮސްޕިޓަލުން އަދި ހާމަކޮށްފައެއް ނުވެއެވެ.
"ދެމީހަކަށް މިހާރު ފަރުވާދެނީ، އެކަކު ވޯޑުގަ، އަނެކަކުގެ ހާލު ސީރިއަސް، އޭނާއަށް ވެންޓިލޭޓަރުގައި ފަރުދެނީ." މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
ހާދިސާ ހިނގިރޭ ފުލުހުން މީޑިއާތަކަށް މައުލޫމާތު ދެއްވާފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ އާދިއްތަ ދުވަހުގެ ރޭ ފަތިހު 5:27 ހާއިރު، ގ. ދޫގަސްގޭގައެވެ.
މި ހާދިސާ ހިނގާފައިވަނީ 15 މީހުން ދިރިއުޅެމުންދިޔަ ފަސް ކޮޓަރީގެ އެޕާޓްމަންޓެއްގައެވެ. މި ހާދިސާގައި ޖުމްލަ ހަތަރު މީހަކަށް އަނިޔާވެފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ދެ މީހުންނާއި އިންޑިއާގެ ދެ މީހުންނެވެ.
މި ހާދިސާއާ ގުޅިގެން ރޯވި އަލިފާންގަނޑު ނިންވާލާފައިވަނީ އެމްއެންޑީއެފްގެ ފަޔަ އެންޑް ރެސްކިއު ސަވިސްއިން ކުރި މަސައްކަތަކުންނެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.