ފުލުހުންގެ ގާބިލުކަން އިތުރުކުރުމަށް ޗައިނާއާ ގުޅިގެން މަސައްކަތް ކުރުމަށް ކޮމިޝަނާ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު، ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކޮންގް ސިއަންހުއާއާ މަޝްވަރާ މިއަދު ކުރައްވައިފިއެވެ.
މި މަޝްވަރާ ބައްދަލުކުރެއްވުން އޮތީ ދިވެހި ފުލުހުންގެ ޚިދުމަތުގެ މައި އިދާރާ، ޝަހީދު ޙުސައިން އާދަމް ބިލްޑިންގައެވެ.
ފުލުހުން ބުނީ ދެ ބޭފުޅުންގެ ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ރަހުމަތްތެރި ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ.
މީގެ އިތުރުން، ދެ ގައުމުގެ ދެމެދުގައި މިހާރު އޮތް ބަދަހި ގުޅުމާއި އެކި ދާއިރާތަކުން ދެމުންގެންދާ އެއްބާރުލުން ފާހަގަކުރައްވައި، ދިވެހި ފުލުހުންގެ ޚިދުމަތް ކުރިއެރުވުމަށް ޗައިނާ ސަރުކާރުން ދެއްވާ އެހީތެރިކަމަށްޓަކައި ކޮމިޝަނާ އޮފް ޕޮލިސް ޝުކުރު އަދާކުރެއްވި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުންގެ މުއައްސަސާގެ ގާބިލުކަން އިތުރުކުރުމަށާއި އޮޕަރޭޝަނަލް ރެޑިނަސް ހަރުދަނާކުރުމަށްޓަކައި ކުރިއަށް އޮތް ތަނުގައި ގުޅިގެން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ވެސް ދެ ބޭފުޅުން ޚިޔާލު ބަދަލުކުރެއްވި ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.
ޗައިނާއަކީ ރާއްޖެއަށް މިހާރު ވެސް އެންމެ ގިނައިން އެހީ ފޯރުކޮށްދޭ އެއް ގައުމެވެ.