ފާއިތުވި ދެ މަހެއްހާ ދުވަހު ރާއްޖޭގެ މަސްވެރިކަން ވަރަށް ބޮޑަށް ދަށްވެފައި އޮތުމަށްފަހު، މިހާރު މަސްވެރިކަން ރަނގަޅުވަމުން އަންނަ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ބުނެފިއެވެ.
މިފްކޯއިން ހާމަކުރި ގޮތުގައި މިހާރު ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 50 މެޓްރިކް ޓަނުގެ މަސް އެ ކުންފުންޏަށް ކިރުވަމުންދެއެވެ.
މިފްކޯއިން "ސަން"އަށް ބުނިގޮތުގައި ޖޫން މަހުގެ ތެރޭގައި މަސްވެރިކަން އާދަޔާ ޚިލާފަށް ދަށްވި ނަމަވެސް، މިހާރު މަސްވެރިކަން އަންނަނީ ރަނގަޅުވަމުންނެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ކިރުވާ މަހުގެ އަދަދު މިއަށްވުރެ އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.
މި ވަގުތު ރާއްޖޭގައި މަސްވެރިކަން އެންމެ ރަނގަޅީ ޅ. އަތޮޅު ހިމެނޭ ސަރަހައްދުގައި ކަމަށްވެސް މިފްކޯއިން ފާހަގަކުރިއެވެ.
މި އަހަރުގެ މިހާތަނަށް މަސްވެރިކަން އެންމެ ބޮޑަށް ދަށްވެފައިވަނީ ޖޫން މަހުގައެވެ. ތަފާސްހިސާބުތަކަށް ބަލާއިރު ޖޫން މަހު މަސްވެރިންނަށް ދޫކޮށްފައިވަނީ 11.3 މިލިއަން ރުފިޔާއެވެ. މިއާ ޚިލާފަށް މި އަހަރު މަސްވެރިކަން އެންމެ ރަނގަޅުވި އެޕްރީލް މަހު 78.8 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވެއެވެ.
ވޭތުވެދިޔަ 6 މަސްދުވަހު މަސްވެރިންނަށް ފައިސާ ދޫކުރި މިންވަރު:
- ޖަނަވަރީ: 40.4 މިލިއަން ރުފިޔާ
- ފެބުރުވަރީ: 20.4 މިލިއަން ރުފިޔާ
- މާރިޗު: 29.4 މިލިއަން ރުފިޔާ
- އޭޕްރީލް: 78.8 މިލިއަން ރުފިޔާ
- މެއި: 31.1 މިލިއަން ރުފިޔާ
- ޖޫން: 11.3 މިލިއަން ރުފިޔާ
މަސްވެރިކަން ދަށްވުމުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި މިފްކޯއިން ފާހަގަކުރަނީ ހުޅަނގު މޫސުމުގެ ބާރުގަދަވެ، އެންވެރިކަން ދަށްވުމެވެ. ޖޫން މަހާއި އޯގަސްޓު މަހަކީ އާންމުކޮށްވެސް ރާއްޖޭގެ މަސްވެރިކަން ދަށްވާ ދުވަސްވަރެއްކަން އެ ކުންފުނިން ފާހަގަކުރެއެވެ.
ޖޫން މަހުގެ ބައެއް ދުވަސްތަކުގައި މުޅި ރާއްޖެއިން ބޭނި މަހަށް ދޫކޮށްފައިވަނީ ދުވާލަކު 200,000 އެއްހައި ރުފިޔާއެވެ.
މަސްވެރިކަން ދަށްވި ނަމަވެސް، އިނގިރޭސިވިލާތުން ރާއްޖޭގެ ކަނޑުމަހަށް ނަގާ ޓެރިފް ކަނޑާލުމާ ގުޅިގެން މިފްކޯއިން ވަނީ މަސް ގަންނަ އަގު ބޮޑުކޮށްފައެވެ. މިދިޔަ ޖޫން މަހުގެ ނުވަވަނަ ދުވަހުން ފެށިގެން މިފްކޯއިން މަސް ގަންނަމުންދަނީ ކިލޯއަކަށް 20 ރުފިޔާގެ މަގުންނެވެ.