މި އަހަރު ރާއްޖެއަށް އެންމެ ގިނައިން ޒިޔާރަތްކޮށްފައިވަނީ 25 އަހަރާއި 34 އަހަރާ ދެމެދުގެ އަންހެން ފަތުރުވެރިން ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުން ދައްކައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކުރި މިދިޔަ ހަފުތާގެ ތަފާސްހިސާބުގައިވާ ގޮތުން، މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ 1.39 މިލިއަން ފަތުރުވެރިން އައިސްފައެވެ. އޭގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ 14 ޕަސެންޓަށް ވުރެ ބޮޑު ނިސްބަތަކާއެކު، 25 އަހަރާއި 34 އަހަރާ ދެމެދުގެ އަންހެނުންނެވެ. ދެވަނައަށް އެންމެ ގިނައީ އެ އުމުރުފުރާގެ ފިރިހެނުންނެވެ.
ރާއްޖެއަށް ދެން އެންމެ ގިނައިން ޒިޔާރަތްކޮށްފައިވަނީ 35 އަހަރާއި 44 އަހަރާ ދެމެދުގެ އަންހެނުންނާއި ފިރިހެނުންނެވެ. އެއަށްފަހު، 45 އަހަރާއި 54 އަހަރާ ދެމެދުގެ މީހުންނެވެ.
މިނިސްޓްރީގެ ނަންބަރުތަކުން ދައްކާ ގޮތުގައި، ރާއްޖެއަށް އެންމެ މަދުން ޒިޔާރަތްކުރަނީ 65 އަހަރުން މަތީގެ މީހުންނެވެ. އެ އުމުރުފުރާގެ އަންހެނުންނާއި ފިރިހެނުން ވަކިވަކިން ހިއްސާކުރަނީ ފަތުރުވެރިންގެ ޖުމްލަ އަދަދުގެ ގާތްގަނޑަކަށް ތިން ޕަސެންޓެވެ.

ރާއްޖެ އައި ފަތުރުވެރިއެއް: މި އަހަރު ރާއްޖެއަށް އެންމެ ގިނައިން ޒިޔާރަތްކުރީ 25 އަހަރާއި 34 އަހަރާ ދެމެދުގެ އަންހެނުން -- ފޮޓޯ/ ވެލާނާ އެއާޕޯޓް
މިދިޔަ ފެބުރުވަރީ 28ގައި މެދުއިރުމަތީގައި ފެށި ހަނގުރާމަައަށް ފަހު ރާއްޖެއަށް އަންނަ ފަތުރުވެރިން މަދުވުމަށް ފަހު، އަދިވެސް ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ މި މުއްދަތާ އެއްވަރެއްނުވެއެވެ.
ރާއްޖެއަށް މިހާރު ދުވާލަކަށް އަންނަނީ 5،999 ފަތުރުވެރިން ކަމަށްވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި އެ އަދަދު ހުރީ 6،243 ގައެވެ. ނަމަވެސް 2024ގައި އެ އަދަދު ހުރީ މި އަހަރަށްވުރެ ދަށްކޮށް، 5،709ގައިކަން ފާހަގަކޮށްލެވެއެވެ.
ރާއްޖެއަށް އަދިވެސް އެންމެ ގިނަ ފަތުރުވެރިން އަންނަނީ ޗައިނާއިންނެވެ. އެ ގައުމުން 252،072 ފަތުރުވެރިން އައިސްފައިވާއިރު، ލިސްޓުގެ ދެވަނައާއި ތިންވަނައިގައި އޮތް ރަޝިއާއާއި އިނގިރޭސިވިލާތުން އެއް ލައްކައަށް ވުރެ ގިނަ ފަތުރުވެރިން އައިސްފައިވެއެވެ.
ޓޫރިޒަމް މިނިސްޓްރީން މިދިޔަ ޖުލައި މަހު އާންމުކުރި "މޯލްޑިވްސް ވިޒިޓާ ސާވޭ 2025" ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ރާއްޖެ އަންނަ ފަތުރުވެރިންގެ އެންމެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ "މިލެނިއަލްސް"އެވެ. އެއީ އުމުރުން 29 އަހަރާއި 44 އަހަރާ ދެމެދުގެ މީހުންނެވެ.
މިނިސްޓްރީން އޭރު ބުނި ގޮތުގައި އެ ތަފާސްހިސާބުތަކުން ދައްކައިދެނީ ރާއްޖޭގެ ފަތުރުވެރިކަން ޒުވާން އަދި މެދު އުމުރުގެ މީހުންގެ މެދުގައި ވަރަށް ބޮޑަށް މަގުބޫލުކަމެވެ. ޚާއްސަކޮށް ޖެން އެކްސް ނުވަތަ 45 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަކީ ރާއްޖޭގެ ލަގްޒަރީ ރިސޯޓުތަކަށް އޮންނަ ޑިމާންޑް ދެމެހެއްޓުމަށް މުހިންމު ދައުރެއް އަދާކުރާ އުމުރުފުރާއެއްކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން، ރާއްޖެ އަންނަ ކޮންމެ ހަތަރު މީހުންގެ ތެރެއިން އެކަކު އަބަދު ވެސް ރާއްޖެއަށް އެނބުރި އަންނަ ކަމަށް ވެސް އެ ތަފާސްހިސާބުން ހާމަވެފައިވެއެވެ.