ބޫޓާން ސަރުކާރުގެ ބެލުމުގެ ދަށުގައި ހުރި ކްރިޕްޓޯ ފައިސާގެ ތެރެއިން 32.74 މިލިއަން އެމެރިކާ ޑޮލަރުގެ އަގުހުރި 490.87 ބިޓްކޮއިން އާ ވޮލެޓްތަކަކަށް ޓްރާންސްފާކޮށްފިއެވެ.
ބްލޮކްޗެއިން އެނަލިސިސް ދިރާސާކުރާ ކުންފުންޏެއް ކަމަށްވާ "އޮންޗޭން ލެންސް"އިން ހާމަކޮށްފައިވާ ގޮތުގައި، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ހިނގާފައިވާ ބޮޑެތި ބިޓްކޮއިން މުއާމަލާތްތަކުގެ ތެރޭގައި ހިމެނެނީ މުޅިންވެސް ބޫޓާން ސަރުކާރުގެ ވޮލެޓްތަކުން ބޭރުކޮށްފައިވާ މި މުއާމަލާތްތަކެވެ. އަދި 2026 ވަނަ އަހަރު ފެށުނީއްސުރެ ބޫޓާން ސަރުކާރާ ގުޅުންހުރި އެޑްރެސްތަކުން މިފަދަ ބޮޑެތި ޓްރާންސްފާތައް ދަނީ ހިންގަމުންނެވެ.
މި މުއާމަލާތުގައި ފައިސާ ޖަމާކުރި އާ ވޮލެޓްތަކަކީ ކްރިޕްޓޯ އެކްސްޗޭންޖްތަކަކާ ނުވަތަ ވިޔަފާރިކުރާ ކުންފުނިތަކަކާ ގުޅުންހުރި އެކައުންޓްތަކެއްކަން އަދި ސާފުވެފައެއް ނުވެއެވެ. އެހެންކަމުން މިއީ އެ ގައުމުން ބިޓްކޮއިން ވިއްކުމަށް ކުރި މުއާމަލާތެއް ކަމެއް ނުވަތަ އެސެޓްތައް ރީއޯގަނައިޒްކޮށް ރައްކާތެރިކުރުމަށް އެހެން އެޑްރެސްތަކަކަށް ބަދަލުކުރުމަށް ހިންގި މުއާމަލާތެއް ކަމެއް އަދި ކަށަވަރެއް ނުކުރެވެއެވެ.
ބޫޓާން ސަރުކާރުގެ ސޮވްރިން ވެލްތު ފަންޑު ކަމަށްވާ "ޑްރުކް ހޯލްޑިންގް އެންޑް އިންވެސްޓްމަންޓްސް" ގެ ބެލުމުގެ ދަށުގައި ހުރި ބިޓްކޮއިންގެ އަދަދު ދެނެގަތުމަށް ބްލޮކްޗެއިން ޓްރެކިން ޕްލެޓްފޯމްތަކަށް މިހާރު ދަނީ ދަތިތަކާ ކުރިމަތިވަމުންނެވެ. އާކަމްގެ ހިސާބުތައް ދައްކާ ގޮތުގައި އޮކްޓޫބަރު 2024 ގައި ބޫޓާންގެ އަތުގައި 13،000 އަށް ވުރެ ގިނަ ބިޓްކޮއިން ހުއްޓެވެ. ނަމަވެސް، ފަހުން ހިންގި ބޮޑެތި މުއާމަލާތްތަކަށްފަހު، މާޗް 25 އާ ހަމައަށް އެ ގައުމުގެ ރިޒާވް ވަނީ 4،453 ބިޓްކޮއިންއަށް ދަށްވެފައެވެ.
މި ޓްރާންސްފާގެ އިތުރުން، އޮގަސްޓް މަހުގެ 18 ވަނަ ދުވަހުވެސް ބޫޓާނުން ވަނީ ގާތްގަނޑަކަށް 19.28 މިލިއަން އެމެރިކާ ޑޮލަރުގެ އަގުހުރި 300 ބިޓްކޮއިން އާ ވޮލެޓަކަށް ފޮނުވާފައެވެ.
މީގެ އިތުރުން، މިއަހަރުގެ މާޗް މަހުގެ ތެރޭގައިވެސް ބޫޓާނުން ވަނީ ގާތްގަނޑަކަށް 36.5 މިލިއަން ޑޮލަރުގެ އަގުހުރި 519.7 ބިޓްކޮއިން އެކި ވޮލެޓްތަކަށް ބަދަލުކޮށްފައެވެ. މީގެ ތެރޭގައި އިންސްޓިޓިއުޝަނަލް ޓްރޭޑިން ފާމެއް ކަމަށްވާ ކިއުސީޕީ ކެޕިޓަލްއާ ގުޅުންހުރި އެޑްރެހެއްވެސް ހިމެނެއެވެ.
ޑްރުކް ހޯލްޑިންގްސްގެ ބެލުމުގެ ދަށުން ހިންގި މި މުއާމަލާތްތަކާ ގުޅިގެން ބޫޓާނުން ކްރިޕްޓޯ ވިއްކަން އުޅޭކަމުގެ އަޑުތައް ވަނީ ގަދަވެފައެވެ.