އަންނަ އާދިއްތަ ދުވަހު، ސިޑްސް ވިޔަފާރި ފޯރަމްތަކެއް ފަށަނީ

އދ.ގެ ސަލާމަތީ މަޖިލީހުގައި ރައީސް ޑރ. މުއިއްޒު ތަގުރީރު ކުރެއްވުމަށްފަހު ވަޑައިގަންނަވަނީ --- ފޮޓޯ/ ރައީސް އޮފީސް

އަންނަ އާދިއްތަ ދުވަހު، ކުދި ގަޒީރާ ގައުމުތަކުގެ ވިޔަފާރިއާއި އިގުތިޞާދާ ބެހޭ ފޯރަމްތަކެއް ރާއްޖޭގައި ފަށަން ނިންމާފައިވާ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފިއެވެ.

އަންނަ އާދިއްތަ ދުވަހު ފަށާ ފޯރަމްތަކަކީ، ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމް 2026" އާއި "އައިލެންޑް އިންވެސްޓްމަންޓް ފޯރަމް"އެވެ.

މި ފޯރަމްތައް އިންތިޒާމުކުރުމުގައި ހަރަކާތްތެރިވާ ފޮރިން މިނިސްޓްރީން ބުނީ، މި ފޯރަމްތައް ރާއްޖޭގައި ބާއްވަން މަގުފަހިވީ 2024 ވަނަ އަހަރު ބޭއްވި ތަރައްގީ ވަމުން އަންނަ ކުދި ޖަޒީރާ ބައްދަލުވުމުގެ ތެރެއިން ރައީސް ޑރ. މުޙައްމަދު މުއިއްޒު ކުރެއްވި މަސައްކަތްޕުޅުން ކަމަށެވެ.

އަންނަ އަންގާރަ ދުވަހާ ހަމައަށް ކުރިއަށްދާ މި ފޯރަމްތަކުގެ ތެރެއިން، ސިޑްސް ފޯރަމްގައި ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގައި ވިޔަފާރި ކުރުމަށާއި އިންވެސްޓުކުރުމަށާއި އިގުތިޞާދީ ތަރައްގީގެ އެކި މަޝްރޫއުތައް ހިންގުމަށް ހުރި ދަތިތަކާ މެދު މަޝްވަރާކުރަން ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން، އެއް ގައުމު، އަނެއް ގައުމުގެ ފަރާތުން ކަންކަމުގެ ހައްލުތައް ދަސްކުރުމާއި އިންވެސްޓަރުންނާ ގުޅުން ބަދަހި ކުރުމުގެ ތަފާތު ހަރަކާތްތައް ބާއްވަން ރޭވިފައިވާ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

އެ މިނިސްޓްރީން ބުނީ، ތަރައްގީގެ މަގުގައި ރާއްޖޭން ހޯދާފައިވާ ކުރިއެރުންތަކާއި އެ ކަންކަމުގައި ދަސްވި ފިލާވަޅުތަކާއި ރާއްޖޭގެ ވިޔަފާރިތަކުން ކުރާ އީޖާދީ މަސައްކަތްތައް އެ ފޯރަމްގެ ބައިވެރިންނާ ހިއްސާކުރުމަށް ޚާއްސަ އިސްކަމެއް ދޭނެ ކަމަށެވެ. މިގޮތުން، މަސްވެރިކަމާއި ފަތުރުވެރިކަމާއި އިއާދަކުރަނިވި ހަކަތާއާއި ކޮންވަޒޭޝަންގެ ދާއިރާއިން ރާއްޖޭން ކުރާ މަސައްކަތްތައް ދައްކާލުމަށް ވަނީ ތައްޔާރުވެފައެވެ.

ދެން ބާއްވާ އައިލެންޑް އިންވެސްޓުމަންޓް ފޯރަމްގައި އިންވެސްޓުމަންޓަށް ހުރި ފުރުސަތުތަކާއި ކުރިމަތިވާ ދަތިތައް ދެނެގަތުމާއި ހައްލުތައް ހޯދުމަށް މަސައްކަތްކުރުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

މި ފޯރަމުގައި 30އަށް ވުރެ ގިނަ ގައުމުން 200އަށްވުރެ ގިނަ މަންދޫބުން ބައިވެރިވުމަށް ހަމަޖެހިފައިވެއެވެ.

comment ކޮމެންޓް