ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ވީއެމްސީއިން "ޓާޓާބައި ޓުއާސް" އިން އިންތިޒާމުކޮށްގެން ބާއްވާ "ޓާޓާބައި މޯލްޑިވްސް ފޯ ސިޓީ ރޯޑްޝޯ" ރަސްމީކޮށް އެންޑޯޒްކޮށް އިއުލާނުކޮށްފިއެވެ.
ޓާޓާބައި ޓުއާސްއަކީ ރާއްޖެއަށް އެންމެ ގިނަ އިންޑިއާ ފަތުރުވެރިން ފޮނުވުމުގައި އެހީތެރިވެދޭ އެއް ޓުއާ ކުންފުންޏެވެ. އިންޑިއާގެ އެކި ސިޓީތަކަށް އަމާޒުކޮށްގެން ހިންގާ މި ހަރަކާތަކީ އިންޑިއާގެ މާކެޓުގައި ރާއްޖެއަށް އަމާޒުކޮށްގެން ބޭއްވުމަށް ރޭވިފައިވާ އެންމެ ބޮޑު އެއް ރޯޑްޝޯ ކަމަށާއި މި ހަރަކާތުގައި ރާއްޖޭގެ 25 ލަގްޒަރީ ރިސޯޓަކުން ބައިވެރިވާނެ ކަމަށް ވީއެމްސީއިން ބުނެއެވެ.
ވީއެމްސީއިން ބުނީ މި ރޯޑްޝޯ ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 31 ވަނަ ދުވަހުން ފެށިގެން، އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހަށް، ހުޅަނގު އިންޑިއާގެ މުހިންމު ހަތަރު ސިޓީއެއް ކަމަށްވާ އަހުމަދުއާބާދާއި ވަޑޯދަރާއި ސޫރަތު އަދި ޕޫނޭގައި ކަމަށެވެ.
އަދި މިއިން ކޮންމެ ސިޓީއެއްގައި ވެސް ޓްރެވަލް އެޖެންޓުންނާއި ޓުއާ އޮޕަރޭޓަރުންނާއި ފަތުރުވެރިކަމުގެ ދާއިރާގެ އިސް ފަރާތްތަކަށް ރާއްޖޭގެ އެންމެ ފާހަގަކޮށްލެވޭ ރިސޯޓުތަކުގެ މަންދޫބުންނާ ސީދާ ބައްދަލުކޮށް މަޝްވަރާކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ވީއެމްސީއިން ވަނީ ބުނެފައެވެ.
ވީއެމްސީއިން ބުނީ މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ، އިންޑިއާގެ ފަތުރުވެރިކަމުގެ ދާއިރާގައި ރާއްޖޭގެ ބްރޭންޑް ވަރުގަދަކުރުމާއި، ރާއްޖޭގެ މަންޒިލްތަކާ ބެހޭ މަޢުލޫމާތު މުއްސަނދިކުރުމުގެ އިތުރުން ރާއްޖޭގެ ރިސޯޓުތަކާއި އިންޑިއާގެ ޓްރެވަލް ޕްރޮފެޝަނަލުންނާ ދެމެދު ބަދަހި ގުޅުމެއް ގާއިމުކުރުން ކަމަށެވެ.
އަދި މީގެ އިތުރުން، މި ރޯޑް ޝޯގެ ތެރެއިން ވަން އޮން ވަން ބައްދަލުވުންތަކާއި، ނެޓްވޯކިން ސެޝަންތަކާއި، ރާއްޖެއާ ބެހޭ ޕްރެޒެންޓޭޝަންތައް ކުރިއަށްދާނެ ކަމަށް ބުނެފައި ވާއިރު މީގެ ސަބަބުން ރާއްޖޭގެ މައިސް، ލަގްޒަރީ، ރޮމޭންސް، ވެލްނެސް، ޑައިވިން އަދި ކަނޑުއަޑީގެ ތަފާތު ތަޖުރިބާތައް އިޝްތިހާރުކުރުމަށް މަގުފަހިވާނެ ކަމަށް ވީއެމްސީއިން ވަނީ ބުނެފައެވެ.
ޓާޓާބައި ޓުއާސްއަކީ ވޭތުވެދިޔަ ދިހަވަރަކަށް އަހަރު ތެރޭގައި އިންޑިއާގެ މާކެޓުގައި ރާއްޖޭގެ ރިސޯޓުތަކަށް ޚިދުމަތްދޭ އެންމެ އިތުބާރުހުރި އެއް ކުންފުނީގެ ގޮތުގައި ނަން މަޝްހޫރުވެފައިވާ ފަރާތެކެވެ. ރާއްޖޭގެ 130 އަށްވުރެ ގިނަ ރިސޯޓާއެކު ސީދާ އެއްބަސްވުންތައް އޮންނަ އެ ކުންފުންޏަކީ އިންޑިއާގެ މާކެޓަށް އެންމެ އެކަށޭނަ އަގުތަކާއި، ވަގުތުން ލިބެން ހުންނަ ޖާގަތަކާއި، ޚާއްޞަ އޮފާތައް ފޯރުކޮށްދިނުމުގެ ފުރިހަމަ ގާބިލުކަން ލިބިފައިވާ ކުންފުންޏެއް ކަމަށް ވީއެމްސީއިން ބުނެއެވެ.
ވީއެމްސީއިން ޓާޓާބައި ޓުއާސްއަށް ދިން ރަސްމީ އެންޑޯޒްމަންޓަކީ، ރާއްޖެއަކީ އެންމެ މަތީ ފަންތީގެ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކުރުމަށާއި، ދާއިރާގެ ބައިވެރިންނަށް ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދިނުމަށް އެ ކުންފުންޏަށް އޮތް އިތުބާރު ހާމަކޮށްދޭ ކަމެއް ކަމަށް ވީއެމްސީއިން ބުނެއެވެ.
ވީއެމްސީއިން ވަނީ އިންޑިއާއަކީ އަދިވެސް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ އެއް ގައުމުކަން ފާހަގަކޮށްފައެވެ. އެހެންކަމުން މިފަދަ ރޯޑްޝޯތަކަކީ އިންޑިއާގެ މާކެޓުގައި ރާއްޖޭގެ މަގުބޫލުކަން ދެމެހެއްޓުމަށާއި، ވިޔަފާރީގެ ގުޅުންތައް ބަދަހިކޮށް، އިންޑިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ވިޒިޓް މޯލްޑިވްސްއިން ގެންގުޅޭ ދިގު މުއްދަތުގެ ސްޓްރެޓެޖީގެ މުހިންމު ބައެއްކަން ވީއެމްސީއިން ވަނީ ފާހަގަކޮށްފައެވެ.