ދީޕިކާއާއި ވިކީ އަލަށް އެއް ފިލްމެއްގައި މަސައްކަތްކުރަނީ

ފިލްމީ ތަރިން ކަމަށްވާ ވިކީ ކޯޝަލް އަދި ދީޕިކާ ޕަދުކޯން---ފޮޓޯ/ޮލީވުޑްހަންގާމާ

މިހާތަނަށް އެކީގައި ފިލްމަކުން ފެނިފައިނުވާ ބޮލީވުޑްގެ ފިލްމީ ތަރިން ކަމަށްވާ ދީޕިކާ ޕަދުކޯންއާއި ވިކީ ކޯޝަލް ސްކްރީނަށް ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

ފިލްމީ ޚަބަރުތައް ބުނާގޮތުން ދީޕިކާއަށް ހުށަހަޅާފައިވަނީ ވިކީ ހިމަނައިގެން ޑައިރެކްޓަރު އަމަރު ކޯޝިކް މިދިޔަ އަހަރުގެ ނޮވެންބަރު މަހު ތެރޭ އިއުލާނުކުރި ޕީރިއަޑް ފިލްމު "މަހާވަތަރު"ގެ ބަތަލާގެ ރޯލެވެ. އަންނަ އަހަރު މަސައްކަތް ފަށަން ތައްޔާރުވަމުން އަންނަ މި ފިލްމަކީ ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސްއިން ހަދަން ނިންމާފައިވާ ފިލްމެކެވެ.

މެޑޮކްގެ އިތުރު ފިލްމަކަށް ބަތަލާ ދީޕިކާ ގެންނާނެކަމުގެ އަޑުތަކެއް އަރާފައިވާއިރު އެ ސްޓޫޑިއޯއިން އުފައްދާ ހޮރޯ-ކޮމެޑީ އަކުން ވެސް ދީޕިކާއަށް ފުރުސަތު ލިބިފައިވާ ކަމަށް ބައެއް މީޑިއާތަކުން އަންނަނީ ބުނަމުންނެވެ.

ފިލްމު "މަހާވަތަރު"ގައި ބަތަލާ ކުޅޭނެ ރޯލާ ގުޅޭގޮތުން އެ ފިލްމުގެ ޕްރޮޑަކްޝަން ޓީމާ އެކު މިދިޔަ މަހުގެތެރޭ ދީޕިކާ މަޝްވަރާ ބައްދަލުވުންތަކެއް ބޭއްވި ކަމަށްވެސް ބައެއް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.

ބަތަލާ ދީޕިކާ ފިރިމާހާ ރަންވީރު ސިންގް އަދި ކެޓްރީނާގެ ދެމަފިރިންނާ އެކު--ފޮޓޯ/ފިލްމުފެއަ

ވިކީއާ އެކު ދީޕިކާ ފިލްމެއްގައި މަސައްކަތް ކުރަން ނިންމައިފިނަމަ އެކްޓަރުގެ އަންހެނުން ކެޓްރީނާ ކައިފާއި ދީޕިކާއާ ދެމެދު ކުރިން އުފެދުނު ހިތްހަމަނުޖެހުން އެއްކޮށް ރަނގަޅުވެ، ދެ މީހުންގެ ގުޅުން ވެސް ރަނގަޅުވާނެ ކަމަށް ފިލްމީ ޚަބަރުތައް ބުނެއެވެ.

ދެ ބަތަލާއިންގެ ކުރީގެ ލޯބިވެރިޔާ އެކްޓަރު ރަންބީރު ކަޕޫރާ ހެދި ދީޕިކާއާއި ކެޓްރީނާގެ މެދުގައި ވަރަށް ބޮޑަށް ބަހުގެ ހަމަލާތަކެއް މީގެ ކުރިން ވަނީ ކުރެވިފައެވެ. އެގޮތުން، ރަންބީރު ކެޓްރީނާއާ އެކު ލޯބީގެ ގުޅުމެއް ފެށީ ދީޕިކާއާ ހިތާވެގެން އުޅެމުން ކަމަށް ބަތަލާ ވަނީ ބުނެފައެވެ. ދީޕިކާ ވަނީ އެ ވާހަކަ އެހެން ދޭހަވާގޮތަށް ކުރިން ބައިވެރިވި ވަރަށް ގިނަ ޓޯކް ޝޯތަކުގައި ވެސް ދައްކާފައެވެ.

ނަމަވެސް، މި ތަރިންގެ ޒަވާޖީ ހަޔާތް ފެށުމާ އެކު އެ މީހުންގެ މެދުގައި އޮތް ރުޅިވެރިކަމަށް ނިމުމެއް ވަނީ އައިސްފައެވެ. އެގޮތުން، ރަންބީރު މަސައްކަތް ކުރަމުން އަންނަ ސަންޖޭ ލީލާ ބަންސާލީގެ ފިލްމު "ލަވް އެންޑް ވޯ"ގެ މުހިއްމު ރޯލެއްގައި ކެޓްރީނާގެ ފިރިމީހާ އެކްޓަރު ވިކީ އަންނަނީ މަސައްކަތް ކުރަމުންނެވެ.

comment ކޮމެންޓް