އެންމެ ހަ ގަޑިއިރުތެރޭ ފިލްމު 'ޓޮކްސިކް'ގެ 30،000 ޓިކެޓް ވިކިއްޖެ

މި އަންނަ ބުރާސްފަތި ދުވަހު ސިނަމާތަކުގައި ރިލީޒްކުރަން ތާވަލުކޮށްފައި އޮތް ފިލްމު "ޓޮކްސިކް"ގެ އެޑްވާންސް ބުކިންގް ހުޅުވާލިތާ އެންމެ ހަ ގަޑިއިރުތެރޭ ފިލްމުގެ 30،000 ޓިކެޓް ވިކިފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

ކަންނާޑާ އެކްޓަރު ޔަޝް އާއި ގީތޫ މޯހަންދާސްގެ ފިލްމު "ޓޮކްސިކް"ގެ އެޑްވާންސް ބުކިންގްއަށް ބޮޑު ތަރުހީބެއް ލިބެމުން އަންނައިރު 30،000 ޓިކެޓް ވިކިފައި ވަނީ އިންޑިއާގެ އެންމެ ބޮޑު ތިން ސިނަމާ ޗެއިން ކަމަށްވާ ޕީވީއާރް އައިނޮކްސް އަދި ސިނެޕޮލިސްއިން މެދުވެރިކޮށް ޓިކެޓް ވިއްކައިގެންނެވެ.

ކަންނާޑާ އެކްޓަރު ޔަޝްގެ ކުރީގެ ފިލްމު "ކޭޖީއެފް ޗެޕްޓަ 2"އިން ފުރަތަމަ ދުވަހު 134.49 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ހޯދާފައިވާއިރު، "ޓޮކްސިކް"އިން މިހާތަނަށް އެޑްވާންސް ބުކިންގްސްގެ ގޮތުގައި 19.66 ކްރޯޑް ރުޕީސް ވަނީ ކަށަވަރުކޮށްފައެވެ.

މިއީ ޔަޝްގެ ފިލްމަށް ލިބެމުންދާ ވަރަށް ބޮޑު ކާމިޔާބީއެކެވެ. މިހާރު ލިބެމުންދާ ތަރުހީބަށް ބަލާއިރު، ހިންދީ ބަހުން އެކަނިވެސް ފުރަތަމަ ދުވަހު 45 ކްރޯޑާއި 55 ކްރޯޑް ރުޕީސްއާ ދެމެދުގެ އާމްދަނީއެއް ލިބޭނެ ކަމަށް ލަފާކުރެވެއެވެ.

ފިލްމު "ޓޮކްސިކް"ގެ މަންޒަރެއްގައި ޔަޝް އަދި ނަޔަންތާރާ--ފޮޓޯ/އިންޑިއާޓުޑޭ

މީގެ ތިން އަހަރުކުރިން އިއުލާނުކުރި "ޓޮކްސިކް" ނިންމުމަށް ގާތްގަނޑަކަށް ތިން އަހަރު ދުވަސް ހޭދަވިއިރު، އެކި ސަބަބުތަކާހުރެ ފިލްމު ރިލީޒްކުރުން ވަނީ ފަސްކުރެވިފައެވެ. އެގޮތުން އެންމެ ފުރަތަމަ ފިލްމު ސިނަމާތަކަށް ގެންނަން ނިންމީ މި އަހަރުގެ މާޗް މަހުގެ 19 ވަނަ ދުވަހަށެވެ.

ނަމަވެސް މެދުއިރުމަތީގައި ފެށުނު ހަނގުރާމައިގެ ސަބަބުން ފިލްމުގެ ވިޔަފާރިއަށް އޭގެ ހިޔަނި އެޅިދާނެ ކަމަށް ނިންމައި ފިލްމު ރިލީޒްކުރާ ތާރީހަށް ވަނީ ބަދަލުތައް ގެނެސްފައެވެ.

ގީތޫ މޯހަންދާސް ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ މުހިންމު ރޯލުތަކުން ނަޔަންތާރާ، ކިއާރާ އަދުވާނީ، ތާރާ ސުތާރިއާ، ހުމާ ގުރައިޝީ އަދި ރުކްމިނީ ވަސަންތު ފެންނާނެއެވެ. މި ފިލްމު ކަންނަޑާ އަދި އިނގިރޭސި ބަހުން އެއްފަހަރާ ވަނީ ޝޫޓްކޮށްފައެވެ.

comment ކޮމެންޓް