ބޮލީވުޑްގެ ތަޖުރިބާކާރު އެކްޓަރު މަނޯޖް ބަޖްޕާއީގެ ކުރިއަށް އޮތް ފިލްމުގައި އެކްޓަރު ކުޅެން ހަމަޖެހިފައިވަނީ އިންޑިއާގެ މިނިވަންކަމުގެ ބަޠަލު މަހާތަމާ ގާންދީގެ ރޯލް ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.
ސުދީރު މިޝްރާ ޑައިރެކްޓްކުރާ ނަން އިއުލާންކޮށްފައިނުވާ މި ފިލްމު ޕްރޮޑިއުސްކުރަނީ އަނޫބަވް ސިންހާއެވެ. މި ފިލްމުގައި މަނޯޖްގެ އިތުރުން ސޯރަބް ޝުކްލާވެސް މުހިންމު ރޯލަކުން ފެންނާނެއެވެ.
މި ފިލްމަކީ އިންޑިއާގެ މިނިވަންކަމުގެ ތާރީހުގެ ތެރެއިން މީހުންނަށް މާ ބޮޑަށް އެނގިފައިނުވާ 21 ދުވަހުގެ މުހިންމު ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ.
"ހަޒާރޯން ހްވައިޝޭން އޭސީ" އާއި "ދާރަވީ" ފަދަ މަޝްހޫރު ފިލްމުތައް އުފެއްދި ސުދީރު މިޝްރާ ޑައިރެކްޓްކުރާ މި ފިލްމަކީ އަނޫބަވް ސިންހާގެ "ބެނާރަސް މީޑިއާ ވާކްސް" އާއި "އެންއެޗް ސްޓޫޑިއޯޒް" ގުޅިގެން ގެނެސްދޭ އުފެއްދުމެކެވެ.

މަނޯޖް ފިލްމު "ގަވަރުނަރު"ގެ މަންޒަރެއްގައި--ފޮޓޯ/ބޮލީވުޑްހަންގާމާ
މި ފިލްމާ ގުޅޭގޮތުން ސުދީރު ބުނެފައިވަނީ، މިއީ އިންޑިއާގެ މިނިވަންކަމުގެ ދުވަސްވަރު ގާންދީގެ ހަޔާތްޕުޅުން ވަރަށް މުހިންމު، ނަމަވެސް މަދުން ނޫނީ އަޑުނީވޭ 21 ދުވަހެއްގެ މައްޗަށް ބިނާކޮށްފައިވާ ވާހަކައެއް ކަމަށެވެ.
އިންޑިއާއަށް މިނިވަންކަން ލިބި، ދިއްލީއަކީ ބާރުވެރިކަމުގެ މަރުކަޒަށް ވެގެންދިޔަ ދަނޑިވަޅުގައި، ގާންދީ އިހުތިޔާރު ކުރެއްވީ އެންމެން ހީނުކުރާ ފަދަ ތަފާތު މަގެއް ކަމަށާއި، އެއީ އެ މާހައުލާ ދުރަށް ވަޑައިގަތުން ކަމަށް އޭނާ ފާހަގަކުރިއެވެ.
މިޝްރާ އިތުރަށް ބުނިގޮތުގައި، ގާންދީ އެ ނިންމެވުން ނިންމެވީ ފަސްޖެހިވަޑައިގަތުމުގެ ގޮތުންނެއް ނޫނެވެ. ތާރީހީ ފޮތްތަކުގައި އެ ދުވަސްވަރުގެ މަތިއޮމާން ހާދިސާތައް ލިޔެވިފައިވީ ނަމަވެސް، މި ފިލްމުން ދައްކުވައިދޭނީ އެ ނިންމެވުމުގެ ފަހަތުގައިވާ އަސްލު ސަބަބުތަކާއި، ލީޑަރެއްގެ ގޮތުގައި މަހާތުމާ ގާންދީ އަމިއްލަ ނަފްސު އަލުން ބައްޓަންކުރެއްވި ގޮތްކަމަށް ސުދީރު ބުނެފައިވެއެވެ.
ފިލްމީ ކެރިއަރުގައި ހަތަރު ނެޝަނަލް އެވޯޑު ކާމިޔާބުކޮށްފައިވާ ކުޅަދާނަ އެކްޓަރު މަނޯޖް އެންމެފަހުން ބެލުންތެރިންނަށް ގެނެސްދިން ފިލްމަކީ، މިދިޔަ ޖޫން މަހު ރިލީޒްކުރި "ގަވަރުނަރު"އެވެ.