ބޮލީވުޑަށްވުރެ ކޮންޓެންޓް އުފެއްދުމުގެ ދާއިރާގައި އާމްދަނީ ހޯދުމުގެ ފުރުސަތު ބޮޑުކަމަށް މަޝްހޫރު ޔޫޓިއުބަ ރަންވީރު އައްލަބާދިއާ ބުނެފިއެވެ.
ރަންވީރު ބުނި ގޮތުގައި ފިލްމީ ދާއިރާގައި "ބޮޑު އާމްދަނީއެއް" ލިބެނީ އެންމެ ކުރީ ސަފުގައި ތިބި މަދު ތަރިންތަކަކަށް އެކަންޏެވެ. ސޯޝަލްމީޑިއާގައި ކުރި ޕޯސްޓެއްގައި އޭނާ ފާހަގަކުރި ގޮތުގައި، ގިނަ ބަޔަކަށް ހީވެފައި އޮންނަނީ ކޮންޓެންޓް އުފެއްދުމަށްވުރެ ފިލްމީ ދާއިރާގައި އާމްދަނީ ބޮޑު ކަމަށެވެ.
ނަމަވެސް ހަގީގަތަކީ އޭގެ އިދިކޮޅު ކަމަށާއި، ބޮލީވުޑްގައި އެންމެ ކުރީގައި ތިބި ގާތްގަނޑަކަށް ތިރީހަކަށް މީހުންނަށް ބޮޑު މަންފާއެއް ލިބޭއިރު، ކޮންޓެންޓް އުފެއްދުމުގެ ދާއިރާގައި އެތައް ހާސް ބަޔަކަށް ދެމެހެއްޓެނިވި ގޮތެއްގައި އާމްދަނީ ހޯދުމުގެ ފުރުސަތު އޮންނަ ކަމަށް ރަންވީރު ވަނީ ބުނެފައެވެ.
އަދި މީގެ ތެރެއިން ގިނަ މީހުންނަކީ އެކްޓަރުން ފަދައިން މަޝްހޫރު ނުވި ނަމަވެސް، ރަނގަޅު އާމްދަނީއެއް ހޯދާ މީހުންކަން އޭނާ ފާހަގަކުރިއެވެ.

ރަންވީރު އޭނާގެ ލޯބިވެރިޔާ ޖޫހީ ބަޓްއާ އެކު--ފޮޓޯ/ހިންދުންސްތާންޓައިމްސް
މި ވާހަކަތަކާ ގުޅިގެން ސޯޝަލް މީޑިއާގައި އެކި މީހުން ތަފާތު ހިޔާލުތައް ވަނީ ފާޅުކޮށްފައެވެ. ބައެއް މީހުން އޭނާގެ ވާހަކައަށް ތާއީދުކުރިއިރު، އަނެއް ބަޔަކު ބުނަމުންދަނީ ކޮންޓެންޓް އުފެއްދުމުގެ ދާއިރާގައި ވެސް ބޮޑު އާމްދަނީއެއް ލިބެނީ ވަރަށް މަދު އިންސައްތައެއްގެ މީހުންނަށް ކަމަށެވެ.
އަދި އާޓިފިޝަލް އިންޓެލިޖެންސްގެ ސަބަބުން މިކަމަށް އިތުރު ގޮންޖެހުންތަކާ ކުރިމަތިވެދާނެ ކަމުގެ އިންޒާރު ވެސް ބައެއް ފަރާތްތަކުން ދިނެވެ. މީގެ އިތުރުން، އެކްޓަރުން ކުޅޭ ރޯލުތަކަކީ އެތައް އަހަރަކަށް މީހުންގެ ހަނދާނުގައި ހުންނަ ކަންކަން ކަމަށާއި، އިންސްޓަގްރާމް ރީލްސް ފަދަ ކުރު ވީޑިއޯތައް އުފައްދާ މީހުން މަތިން މަދު ހަފުތާކޮޅެއްގެ ތެރޭގައި މީހުން ހަނދާން ނެތޭނެ ކަމަށް ބުނެ ބައެއް މީހުން ފާޑުކިޔާފައިވެއެވެ.
ރަންވީރުގެ މި ވާހަކަތައް އައިސްފައިވަނީ، ފިލްމު ޑައިރެކްޓަރު އަދި ކޮރިއޮގްރާފަރު ފަރާ ޚާން ވެސް މިފަދަ މޭރުމަކުން ވާހަކަދައްކާފައި ވަނިކޮށެވެ. މީގެ ދެ އަހަރު ކުރިން އަމިއްލަ ޔޫޓިއުބް ޗެނަލެއް ފަށައި، ކެއްކުމުގެ ވީޑިއޯތައް ހިއްސާކުރަން ފެށި ފަރާ ބުނި ގޮތުގައި، އޭނާގެ މުޅި ކެރިއަރުގައި ކުރި އެހެން މަސައްކަތްތަކަށްވުރެ ކޮންޓެންޓް އުފެއްދުމުން ލިބޭ އާމްދަނީ އިތުރެވެ.
ސާނިއާ މިރްޒާއާ އެކު ބޭއްވި ޕޮޑްކާސްޓެއްގައި ފަރާ ބުނީ، އޭނާ ޑައިރެކްޓްކުރި ފިލްމަކަށް ބޮކްސް އޮފީހުގައި 300 ކްރޯޑް ރުޕީސް ލިބުނު ނަމަވެސް، އޭނާއަށް އަމިއްލައަށް އެންމެ ބޮޑު ފައިދާއެއް ލިބުނީ ކޮންޓެންޓް އުފެއްދުމުން ކަމަށެވެ. ނަމަވެސް، އަދިވެސް އޭނާ އެންމެ ކުރަން ބޭނުންވާ މަސައްކަތަކީ ފިލްމު ޑައިރެކްޓްކުރުން ކަމަށް ފަރާ ވަނީ ބުނެފައެވެ.
ބިއަ ބައިސެޕްސް'ގެ ނަމުން މަޝްހޫރު ރަންވީރު އައްލަބާދިއާ އަކީ ޔޫޓިއުބަރެއްގެ އިތުރުން ޕޮޑްކާސްޓަރެއް އަދި ވިޔަފާރިވެރިއެކެވެ. މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ސަމޭ ރައިނާގެ ޝޯއެއްގައި ޖަޖެއްގެ ގޮތުގައި ބައިވެރިވެ، ބައިވެރިއަކާ ކުރި ސުވާލަކާ ގުޅިގެން އޭނާއަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެ، ފުލުހުންނަށް މައްސަލަ ހުށަހަޅައި ގާނޫނީ ފިޔަވަޅުތަކެއް ވެސް އަޅާފައެވެ.
މި މައްސަލަ ސުޕްރީމް ކޯޓާ ހަމައަށް ގޮސްފައިވާއިރު، މިދިޔަ އަހަރުގެ މާރިޗު މަހު ކޯޓުން ވަނީ އަދަބީ މިންގަނޑުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް ޝަރުތުކޮށް، އަލުން ޕޮޑްކާސްޓް ކުރިއަށް ގެންދިއުމުގެ ހުއްދަ އޭނާއަށް ދީފައެވެ.