ޕާކިސްތާނުގެ މަޝްހޫރު ފިލްމީ ތަރިން ކަމަށްވާ ފަވާދު ޚާން އާއި މާހިރާ ޚާން އެކީގައި އަލަށް ކުޅޭ ފިލްމު "ނީލޯފަރު" އަންނަ މަހު ރިލީޒްކުރަން ނިންމާފައިވާކަން އިއުލާނުކޮށްފިއެވެ.
އަންނަ މަހު ބެލުންތެރިންނަށް ފިލްމު ގެނެސްދޭނެކަން އިއުލާނުކޮށްފައިވާއިރު ފިލްމުގެ ޕޯސްޓަރު ވެސް ވަނީ އާއްމުންނަށް ދައްކާލާފައެވެ.
ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ މި ފިލްމުގައި މާހިރާ ފެންނާނީ ލޯފަން އަންހެން ކުއްޖެއްގެ ރޯލްއިންނެވެ. ފިލްމުގައި ފަވާދު ފެންނާނީ މަންސޫރު އަލީ ޚާން ކިޔާ ކުޅަދާނަ ލިޔުންތެރިއެއްގެ ރޯލްއިންނެވެ.
މި ފިލްމަކީ ޕާކިސްތާނުގެ ގިނަ ކޮންޓެންޓްތައް ބެލުންތެރިންނަށް ގެނެސްދީފައިވާ އައްމާރު ރަސޫލު ލިޔެ ޑައިރެކްޓްކޮށްފައިވާ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ. މި ފިލްމުގެ ޕްރޮޑިއުސަރަކީ އުސާފް ޝާރިގްއެވެ.
ފަވާދު އާއި މާހިރާގެ އިތުރުން ފިލްމު "ނީލޯފަރު"އިން ފެންނާނެ އިތުރު ތަރިންގެތެރޭ މަދީހާ އިމާމް،ސާމިޔާ މުމްތާޒު، ފައިސަލް ގުރައިޝީ، ބެހެރޯޒް ސަބްޒްވާރީ، ރާޝިދު ފާރޫގީ، އަތީގާ، އޮދޯ، ގޯހަރު ރަޝީދު އަދި ނާވިދު ޝަހްޒާދު ފަދަ ފިލްމީ ތަރިން ހިމެނެއެވެ.
މި ފިލްމު 2020ވަނަ އަހަރު އިއުލާނުކުރި ނަމަވެސް މިހާތަނަށް ފިލްމު ބެލުންތެރިންނަށް ގެނެސްދިނުން ލަސްވީ ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ފިލްމުގެ މަސައްކަތްތައް މަޑުޖައްސާލަން ޖެހުމުންނެވެ.
ޕާކިސްތާނުގެ އެންމެ މަގުބޫލު އޮން ސްކްރީން ޖޯޑު ކަމަށްވާ ފަވާދު އާއި މާހިރާ އެންމެފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ 2022 ވަނަ އަހަރު ގެނެސްދިން "ދަ ލެޖެންޑް އޮފް މޯލާ ޖަޓް"އިންނެވެ.
ފަވާދު އާއި މާހިރާ އެކީގައި އެންމެ ފުރަތަމަ ބެލުންތެރިންނަށް ފެނިގެންދިޔަ ޓީވީ ޑްރާމާ ސިލްސިލާ "ހަމްސަފަރް"އަކީ އަދިވެސް ބެލުންތެރިންގެ ހިތުން އޭގެ ހަނދާންތައް ފިލާނުދާ ރީތި ޑްރާމާ ސީރީސްއެކެވެ.